ބޮރިސް ޖޯންސަން

ބޮރިސް ޖޯންސަން: ނޫސްވެރިކަމުން ބޮޑު ވަޒީރު ކަމަށް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވި ބޮރިސް ޖޯންސަނަކީ ރާއްޖޭގައި އެހާ އާންމު ނަމަކަށް ނުވެ ހިނގައިދާނެ އެވެ. އެކަމަކު ބޮރިސް އަކީ ޔޫރަޕާއި އެމެރިކާގެ ނޫސްތަކު ކޮންމެ ދުވަހެއްގެ ސުރުހީތަކުން ޖާގަ ހޯއްދަވާ ވަރަށް މަޝްހޫރު ބޭފުޅެކެވެ. އަދި އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަ ކުރެއްވީ ނޫސްވެރިކަމުގަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވި ބޮރިސް އަކީ އިނިގިރޭސިވިލާތުގެ ލަންޑަންގެ މޭޔަރުގެ މަގާމައި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ބޮރިސް ސިޔާސީ މަސައްކަތަށް ޝައުގުވެރިވާން ފެއްޓެވީ ނޫސްވެރިއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދިއުމުގެ ތެރޭގަ އެވެ. އެންމެ ބޮޑަށް ސިޔާސީ މައިދާނަށް ބޮރިސްގެ ހިތްޕުޅު ލެނބުނީ "ދަ ޑެއިލީ ޓެލްގްރާޕް" ނޫހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އައި ސިޔާސީ ބަދަލު ތަކުގެ ތެރެއިންނެވެ.

ސިޔާސީ މައިދާނަށް ބޮރިސް ނުކުމެވަޑައިގަތީ 2001 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި ހެނެލީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިގެނެވެ. މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ބޮރިސް ލަންޑަންގެ މޭޔަރުގެ މަގާމަށް އިންތިހާބުވެ ވަޑައިގަތެވެ.

އަށް އަހަރު ވަންދެން މޭޔަރުގެ މަގާމުގައި ހުންނެވުމަށްފަހު 2016 ވަނަ އަހަރު ބޮރިސް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީގެ މަގާމަށް ވަޑައިގެންނެވި އެވެ. އެ މަގާމުގައި ހޭދަ ކުރެއްވި ދެ އަހަރުގައި އިނގިރޭސިވިލާތުގެ އިތުރުން ހުޅަނގުގެ ގިނަ ގައުމުތަކުގައި އޭނާގެ މަގުބޫލުކަން ވަރަށް ބޮޑުވި އެވެ.

ބޮރިސް އެންމެ ބޮޑަށް މަޝްހޫރުވެ ވަޑައިގަތީ އިޖްތިމާއި ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުންނެވެ. މިދިއަ އަހަރު ފޮރިން ސެކްރެޓަރީގެ މަގާމުން ވަކިވެ ވަޑައިގެން ބޮރިސް ގެންދިޔައީ އެނާ ނިސްބަތްވާ ކޮންޒަވޭޓިވް ޕާޓީގެ އިސް މަގާމުތަކުގައި ހަރަކާތްތެރިވަމުންނެވެ. އޭރު ބޮޑު ވަޒީރު ތެރޭސާ މޭ އުޅުއްވީ ބްރެކްސިޓް ކަންތައްތަކުގައި އަވަދިނެތި އެވެ.

ބްރެކްސިޓްގެ މައްސަލަ ހައްލު ކުރަން އެތަކެއް ފަހަރު މަސައްކަތް ކުރައްވައި ކާމިޔާބުވާ ގޮތް ނުވުމުން، މޭ ނިންމެވީ ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާށެވެ. މޭގެ އެ ނިންމުމާއެކު ކޮންޒަވޭޓިވް ޕާޓިގެ ދެ ބޭފުޅަކު ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވި އެވެ. އެއީ މިހާރުގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓުގެ އިތުރުން ބޮރިސް އެވެ. ލީޑަރުގެ މަގާމަށް އިންތިހާބުވެ ވަޑައިގަަންނަވާ ބޭފުޅަކަށް އޮތީ އިނގިރޭސި ބޮޑު ވަޒީރުކަމުގެ މަގާމެވެ.

ކޮންޒަވެޓިވް ޕާޓިގެ ލީޑަރު ހޮވުމަށް މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ބޮރިސް އަށް ލިބިވަޑައިގަތީ 92،153 ވޯޓެވެ. ހަންޓަށް ލިބިވަޑައިގެންނެވީ 46،656 ވޯޓެވެ. ޕާޓީގެ ލީޑަރަކު ހޮވުމަށް ވޯޓުލުމުގެ ހައްގު ކޮންޒަވެޓިވް ޕާޓީގެ 160،000 މެންބަރުންނަށް ލިބިފައިވެ އެވެ. ވޯޓުގައި ވަނީ 87.4 ޕަސެންޓް މީހުން ބައިވެރިވެފަ އެވެ.

ބޮރިސް ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަތުމުގެ ކުރިން ކުރެއްވި އާންމު މަސައްކަތްޕުޅަކީ މުޅީން ނޫސްވެރިކަމަވެ. ދަ ޓައިމްސް އާއި ދަ ޑެއިލީ ޓްލެގްރާޕާއި ޕޮލިޓިކަލް ކޮލިމިސްޓް އަދި ދަ ސްޕެކްޓްރާ ނޫހުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އެވެ. އެގޮތުން ނޫސްވެރިކަމުގައި ބޮރިސް ވަނީ ރަނގަޅު 11 އަހަރު މަސައްކަތް ކުރައްވާ ތަޖުރިބާ ހޯއްދަވާފަ އެވެ.