ބަދަލުގެ ގޮތުގައި 77.1 މިލިއަން ރުފިޔާ ހޯދަން ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް އޭނާގެ ގާނޫނީ ވަކީލުން ހާޒިރުނުވުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.
ޖާބިރު ބަދަލު ހޯދައިދިނުމަށް އެދިފަިއވަނީ، ހދ. ހޮނޑައިދޫއިން އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން އޭނާއަށާއި އޭނާގެ އާއިލާއަށް ގެއްލުންވެފައިވާ ކަމަށް ބުނެއެވެ. އޭނާގެ ވަކީލަކީ އިޝްރާގު ތައުފީގެވެ.
ޖާބިރުގެ މައްސަލަ ބާތިލުކޮށް ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 11:30 ގައި އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ޖާބިރުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް އޭނާގެ ގާނޫނީ ވަކީލް އިޝްރާގު ތައުފީގަށް ކޯޓު އަމަރު ފޮނުވާފައިވާނެ ކަމަށެވެ. ކޯޓު އަމުރާ ހަވާލުވުމަށްފަހު ވެސް އިޝްރާގު އެ ދުވަހުގެ އަޑުއެހުމަށް ހާޒިރުނުވާ ކަމަށް ހުކުމްގައިވެއެވެ.
ބަދަލު ހޯދައިދިނުމަށް އެދި ޖާބިރު ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބާތިލުކުރީ، "ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ" 29 ވަނަ މާއްދާގެ ދަށުންނެވެ. އެއީ މަގުބޫލު އުޒުރެއް ނެތި އިޝްރާގު ކޯޓަށް ހާޒިރުވެފައިނުވާތީއެވެ.
މައްސަލައިގައި ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުގެ ގާނޫނީ ވަކީލް ވަނީ ޖާބިރު ހުށަހެޅި މައްސަލައަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ވަކާލާތު ކޮށްފައެވެ.
ހޮނޑައިދޫއިން ޖާބިރު ހައްޔަރުކޮށްފައިވަނީ، 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ފުލުހުން ޖާބިރާއި އިތުރު ބަޔަކު އެ ރަށުން ހައްޔަރުކުރީ މަސްތުވެގެން ތިބި ކަމުގެ ތުހުމަތުގައެވެ. ޖާބިރު ހައްޔަރުކޮށް، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާތޯ ބެލުމަށް ފުލުހުން އޭނާގެ ކުޑަކަމުދާތަކެތި ދިނުމަށް އެދުމުން އެކަމަށް ޖާބިރު އިންކާރުކުރި މައްސަލާގައި އޭނާގެ މައްޗަށް ވަނީ އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.