ހެނބަދޫ

ހެނބަދޫ މީހަކު ގެއްލިގެން ހޯދަނީ

Jul 7, 2022

ނ. ހެނބަދޫ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުން ދަނީ ހެނބަދޫ، ކުންނާރުމާގޭ، އިބްރާހިމް ރާމިޒް އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިބްރާހީމް ރާމިޒުގެ އާއިލާއާ ހަވާލާދީ ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވީ އޭނާ ދެކުނުގެ ރަށެއްގައި ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއެއްގައި އުޅެފައި މައްސަލައެއް ޖެހިގެން އެ ރަށަށް ދިޔަތާ އަދިވީ ތިން ހަތަރު ދުވަހެއް ކަމަށެވެ.

ހުސައިން ވިދާޅުވި ގޮތުގައި އިބްރާހީމް ރާމިޒު އެންމެ ފަހުން އެ ރަށުން ފެނިފައިވަނީ ރޭ 7:00 ޖަހާއިރު އެ ރަށު ފިހާރަ އަކުން ކަމަށެވެ.

ރާމިޒު ގެއްލިގެން ހޯދާތީ އެ މައުލޫމާތު ނ. އަތޮޅު ކައުންސިލް އިދާރާއާއި ފުލުހުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށްވެސް ހުސައިން ވަނީ މައުލޫމާތު ދެއްވާފަ އެވެ.

ހެނބަދޫ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އިބްރާހީމް ރާމިޒު އެ ރަށުގައި އޮތް ކެނޯއެއްގައި ފަލި ޖަހާފައި އެ އަތޮޅު އެހެން ރަށަކަށް ދިޔަ ކަމަށް ރަށު ތެރޭގައި ކިޔާ ކަމަށެވެ. އޭނާ ބޭނުންކުރި ކަމަށް ބުނާ ކެނޯ ރަށުގައި މިހާރު ނެތް ކަމަށްވެސް ބުންޏެވެ.

"ބޮޑަށް ބެލެވެނީ އޭނާ ފަލި ޖަހާފައި މިއަތޮޅު ކެނިދިކުޅުދޫ ކަހަލަ ރަށަކަށް ދިޔައީ ކަމަށް،" އޭނާ ބުންޏެވެ.

އިބްރާހީމް ރާމިޒުގެ އަހްލާގީ މައްސަލަތަކެއް ހުރި ކަންވެސް ބައެއް މީހުން ފާހަގަކޮށްފައިވެ އެވެ.

ނ. އަތޮޅު ކައުންސިލް އިދާރާ އިން ބުނީ އިބްރާހީމް ރާމިޒު އެންމެ ފަހުން ލައިގެން ހުރީ ހުދު ޓީޝާޓަކާއި ނޫ ކުލައިގެ ފަޓުލޫނެއް ކަމަށެވެ.

ރާމިޒް ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ވެސް ކުރަމުންދާއިރު އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ މަނަދޫ ޕޮލިސްގެ ނަންބަރު 9792039 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށްވެސް ނ. އަތޮޅު ކައުންސިލުން އެދިފައިވެ އެވެ.