ކުރިއަށް އޮތް ދިރާސީ އާ އަހަރު ރާއްޖޭގެ ސަރުކާރު ސްކޫލުތަކަށް ގެންނަ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ ފަސް ޓީޗަރުން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބިދޭސީ ޓީޗަރުންނަށް މަރުހަބާ ކިޔާފައިވަނީ އެޑިޔުކޭޝަން މނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޒަންގެ މުވައްޒަފުންނެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު އެހެން އަހަރުތަކަށް ވުރެ މިއަހަރު ރާއްޖެއަށް ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން އޮތީ ބުނެފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ރާއްޖެއަށް ގެންނަން ބިދޭސީ ޓީޗަރުންގެ އަދަދު މަދުވާ މައިގަނޑު ދެ ސަބަބަކީ ތައުލީމީ ދާއިރާގައި ކުރިން އުޅުމަށްފަހު ދުރަށް ގޮސްފައިވާ ބައެއް ބޭފުޅުން ސަރުކާރުން މުސާރައަށް ގެނައި ހެޔޮ ބަދަލާ އެކު ތައުލީމީ ދާއިރާއަށް އެނބުރި އަންނަން ބޭނުންވުމާއި އަދި ހިދުމަތަށް ނިކުންނަ ދިވެހި ޓީޗަރުންގެ އަދަދު އިތުރުވުން ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ ދިރާސީ އާ އަހަރަށް ސްކޫލުތަކަށް ބޭނުންވާ ފޮތްތައް ދޫކުރަން ފަށާފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފަށާނީ މިއަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު މިޑް ޓާމަށް ސްކޫލުތައް ބަންދުވާނީ އޮކްޓޫބަރު ނުވަވަނަ ދުވަހަށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.
އޮގަސްޓްގައި ފަށާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.
ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމްގައި 92 ދުވަސް އަދި ދެވަނަ ޓާމްގައި 111 ދުވަހު ކިޔަވައިދޭނެ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖެއްސީ މިދިޔަ އަހަރު އެވެ.