ސީއެޗްއެސްއީ

ސީއެޗްއެސްއީއަށް ވަންނަން ފުރުސަތު ހުޅުވާލައިފި

Jul 8, 2022

ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ގުރޭޑް 11އަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ސީއެޗްއެސްއީ އަށް ވަދެވެނީ މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހުގެ ފަހުން ބައިވެރިވެފައިވާ އެސްއެސްސީ އަދި ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ އިމްތިހާނުން ޖުމްލަ ފަސް މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާ ދަރިވަރުންނަށެވެ. ފަސް މާއްދާގެ ތެރޭގައި އިސްލާމިކް ސްޓަޑީޒްއާއި ދިވެހި ބަސް ހިމެނުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން މަދުވެގެން ދެ މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް އޮންނަން ޖެހެ އެވެ.

ގުރޭޑް 11 ވަނުމަށް ޖާގަ ދިނުމަށް ނިންމާފައިވަނީ 550 ދަރިވަރުންނަށެވެ. އެ އަދަދަށް ވުރެ ދަރިވަރުންގެ އަދަދު އިތުރުވާނަމަ ކުދިންނަށް ޖާގަ ދޭނީ އެންމެ ރަނގަޅު ދަރިވަރުންނަށް އިސްކަންދީގެން ކަމަށް ސީއެޗްއެސްއީ އިން ބުނެ އެވެ.

ސީއެޗްއެސްއީ އަށް ވަންނަން ބޭނުންވާ ދަރިވަރުން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގުރޭޑް 11 އަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުވަމުންދާތީ ގުރޭޑް 11 އަދި 12 އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ފުރަތަަމަ ފިޔަވަހީގައިވެސް ސަރުކާރުން ދަނީ ސްކޫލެއް އަޅަމުންނެވެ.