ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިނގިރޭސިވިލާތް

އިސްތިއުފާ ދެއްވި އިނގިރޭސި މާލީވަޒީރު، ޔޫކޭ ބޮޑުވަޒީރު ކަމަށް

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސިޔާސަތާ ދެކޮޅު ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާދެއްވި މާލީ ވަޒީރު، ރިޝީ ސުނަކް، ޔޫކޭ ބޮޑުވަޒީރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

ރިޝީ ސުނަކް ބޮޑުވަޒީރު ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ބޮރިސް ޖޯންސަން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވުމާއެކު ބޮޑުވަޒީރުގެ މަގާމު ގެއްލިވަޑައިގަތުމުންނެވެ.

އެހެން ނަމަވެސް، އިނގިރޭސިވިލާތަށް އާ ބޮޑުވަޒީރަކު ހަމަޖެހެންދެން ބޮރިސް ޖޯންސަން، ބޮޑުވަޒީރުގެ މަގާމުގައި ދެމިހުންނަވާނެ އެވެ.

ރިޝީ ސުނަކް ޓްވިޓާގައި ޕޯސްޓް ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވެފައި ވާ ގޮތުން ބޮޑުވަޒީރު ކަމަށް ކުރިމަތި ލައްވަނީ އިނގިރޭސިވިލާތަށް ހެޔޮ ގޮތް އެދިވަޑައި ގަންނަވާތީ އެވެ. އަމިއްލަ ޝައުގަށް ވުރެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް އިސްކަން ދެއްވާތީ އެވެ.

ސުނަކު ވިދާޅުވި ގޮތުގައި އިނިގިރޭސި ބޮޑުވަޒީރުގެ މަގާމު އޭނާއަށް އަދާކުރެއްވޭނެ އެވެ. އެ ގާބިލުކަން އޭނާގެ ކިބާގައި އެބަ ހުއްޓެވެ.

އޭނާ އަދި ވިދާޅުވީ ގައުމެއްގެ މާލީ ވަޒީރު ކަމަކީ ބުރަބޮޑު އަދި ވަގުތުން ވަގުތަށް މަޝްވަރާ އާއި އިޚުތިޔާރު ކަނޑައަޅަން ޖެހޭ މަގާމެކެވެ. އިނގިރޭސިވިލާތަށް ކޮވިޑް ފެތުރިގަތްއިރު އިނގިރޭސި މާލިއްޔަތު ބެލެހެއްޓެވީ އޭނާ ކަމަށް ވިދާޅުވި އެވެ.

ގައުމަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ދައުލަތް ޣަރަގުވުމުން ސަލާމަތްކުރުމުގައި އޭނާގެ ދުރުވިސްނުމާއި ހުޝިޔާރުކަން އާންމު ރައްޔިތުންނަށް ވަރަށް ގާތުން ތަޖުރިބާކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލީވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ސުނަކު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަން ގެންގުޅުއްވާ މާލީ އެޖެންޑާ އާއި އޭނާ ގެންގުޅުއްވާ މާލީ ސިޔާސަތު މުޅިން ތަފާތެވެ. އިނގިރޭސިވިލާތް ކަހަލަ ބޮޑު އާބާދީއެއްގައި އޮންނަން ވާނެ ކަމަށް އޭނާ ލަފާކުރައްވަނީ ދުރުވިސްނޭ މާލީ ސިޔާސަތެކެވެ.

ބޮޑުވަޒީރު ކަމަކީ ރައްޔިތުން ކަނޑައަޅާ މަގާމެއް ކަމަށް އެއްބަސްވެ ވަޑައިގެން ސުނަކު ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތަށް ހެޔޮ ގޮތް އިޚުތިޔާޜު ކުރާނީ އިނގިރޭސިންނެވެ. އޭނާ އަދި ވިދާޅުވީ ހެޔޮ ވެރިކަމެއް އިނގިރޭސިން ބޭނުން ނަމަ މުގުލުގައި ހުންނަން ޖެހޭނީ ފަސާދަނުވެ ހުރި ތާހިރު މީހެއް ކަމަށެވެ.