އިލަން މަސްކް

އީލޮން މަސްކް 44 ބިލިއަން ޓްވީޓާ ޑީލް ދޫކޮށްލައިފި

މަޝްހޫރު ކަރަންޓް ކާރު ކުންފުނި، ޓެސްލާގެ ވެރިޔާ އީލޮން މަސްކް ހުކު ރުދުވަހު ވިދާޅުވި ގޮތުގައި ޓްވީޓާގައި އިންވެސްޓް ކުރަން ހުށަހެޅި 44 ބިލިއަންގެ ހުށަހެޅުން އޭނާ އަނބުރާ ގެންނަވައިފި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އުންމީދު ކުރެއްވި ގޮތަށް މުއާމަލާތްތައް ކުރިއަށް ނުދިއުމެވެ.

މަސްކު ވިދާޅުވި ގޮތުގައި އޭނާ އުންމީދު ކުރެއްވީ ޓްވިޓާ ވިޔަފާރި ކުންފުންޏަކަށް ބަދަލު ކުރުމަށެވެ. އެހެން ނަމަވެސް ތަކުރާރުކޮށް އެދިވަޑައިގަތް ނަމަވެސް ޓްވީޓާގެ މެނޭޖްމަންޓުން އެއްބާރުލުން ނުދިން ކަމަށް ވިދާޅުވި އެވެ.

މަސްކް ވިދާޅުވި ގޮތުގައި ކުންފުނި އުފައްދަން ބޭނުންވާ ބައެއް މައުލޫމާތު ވެސް މެނޭޖްމަޓުން ފޯރިކޮށްދީފައި ނުވެ އެވެ. މިހާރު ބޭނުންކުރެވޭ އެކައުންޓްތަކުގެ ތަފުސީލާއި ބަންދުކޮށްފައި ހުރި އެކައުންޓްތަކުގެ ތަފުސީލު ވެސް އެނގޭ ގޮތް ވަނީ ނުވެފަ އެވެ.

އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ޓްވީޓާއިގައި އިންވެސްޓް ކުރަން ހުށަހެޅުން ގިނަ ބަޔަކަށް ވެގެން ދިޔައީ ވަރަށް އާ ކަމަކަށެވެ. އެއީ އޭނާގެ ވިޔަފާރިއާ ގުޅުމެއް ނެތް ދާއިރާ އަކަށް ވާތީ އެވެ.

އީލޮން މަސްކަކީ ކަންތައްތައް ވަރަށް ބޮޑަށް ހުޅުވާލައިގެން ކުރަން ބޭނުންވާ މީހެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްވީޓާއިން ބްލޮކް ކޮށްފައި ހުރި ބައެއް އެކައުންޓްތައް މިނިވަން ކުރުމަކީ ވެސް ވިސްނުމުގައި އޮތް ކަމެކެވެ.

އެހެން ނަމަވެސް ޓްވީޓާގެ ބޯޑުގައި ތިއްބެވި ނުފޫޒުގަދަ ބައެއް ބޭފުޅުންނަށް އީލޮން މަސްކުގެ ވިސްނުން ކަމަކު ނުދިޔަ އެވެ. ނަތީޖާ އަކަށްވީ މަސްކް ހުށަހެޅި ގޮތަށް އެއްވެސް ކަމެއް ހަމަނުޖެހި ދިގުލައިގެން ދިއުމެވެ.