ދިރާގު

އައްޑޫ އީދު ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

Jul 9, 2022

މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އައްޑު އަތޮޅު މީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "އައްޑޫ އީދު ފެސްޓިވަލް" ގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އީދު ފެސްޓިވަލްގައި ކުލަ މަޖާ، ފެން ކުޅި، ކުޑަކުދިންގެ ހަވީރު އަދި އީދު ޝޯ ފަދަ ތަފާތު ހަރަކާތްތައް ހިމެނޭނެއެވެ. މީގެ އިތުރުން ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ޢީދު ހަދިޔާ އާއި އެކި އިނާމުތައް ދިނުމާއި ޢީދު ސައިވެސް އޮންނާނެއެވެ. "އައްޑޫ ޢީދު ފެސްޓިވަލް" އަކީ އައްޑު އަތޮޅު މީދޫ ޒުވާނުން އިސްނަގައިގެން އިންތިޒާމް ކުރާ ހަރަކާތެކެވެ.

މީދޫ ޑައިނެމިކް ކޮމިއުނިޓީގެ ޑިރެކްޓަރ އޮފް މީޑިއާ އެންޑް ކޮމިއުނިކޭޝަންސް، ހައްވާ މުޙައްމަދު ވިދާޅުވީ
ޒުވާނުން އިސްނަގައިގެން ބާއްވާ މިފަދަ އިވެންޓްތަކަށް ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އަޟްޙާ ޢީދުގެ އުފާފާޅުކުރުންތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް. "އައްޑޫ ޢީދު ފެސްޓިވަލް" ފަދަ ކުލަ ގަދަ ޙަފްލާއެއް އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ،" ހައްވަ ވިދާޅުވި އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝަން ހަމީދް ވިދާޅުވީ އައްޑޫ ޢީދު ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި މުޖުތަމައުގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދޭ ފަދަ ޒުވާނުންގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގަށް އަބަދުވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުވާނުންނާއި މުޖުތަމައު ބާރުވެރިކުރުމަކީ ދިރާގުން ހާއްސަ އިސްކަމެއްދޭ މައިގަނޑު އެއް ދާއިރާ އެވެ. މިގޮތުން އެ ކުންފުނިން އަންނަނީ ޒުވާނުންނަށް މުޖުތަމައު ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ޒުވާނުންނަށް ހުޅުވިގެންދާނެ ތަފާތު މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިރާގުން ދަނީ ރާއްޖޭގެ ޒުވާނުންނާއި މުޖުތަމަޢު ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް ކެނޑިނޭޅި އެއްބާރުލުން ދެމުންނެވެ.