ސްރީލަންކާ

ލަންކާ އަނެއްކާވެސް ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް

Jul 9, 2022
1

އަވައްޓެރި ސްރީލަންކާގެ ހާލަތު އަނެއްކާވެސް ގޯސްވެ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށް ބެލެވިއްޖެ އެވެ. ލަންކާގެ ވެރިރަށުގައި އާންމުންގެ އެތައް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުންދާ މީހުން ވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅު ތެރެއަށް ވަދެގެންފައެވެ.

މުޒާހަރާ ކުރަމުންދާ މީހުން ރައީސްގެ ގެކޮޅަށް ވަދެގަތުމަށް މިސްރާބު ޖެހުމުން ސަލާމަތީ ބާރުތަކުން ވަނީ އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ބާރުގެ ބޭނުން ކުރި ނަމަވެސް މުޒާހަރާގެ ބައިވެރީން ހުއްޓުވޭ ގޮތެއް ނުވިއެވެ.

ލަންކާގެ އެކި ސަރަހައްދުތަކުން މުޒާހަރާއާ ގުޅެމުން ދިޔަ މީހުންނާއެކު މި ފަހުން އެ ގައުމުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު މުޒާހަރާ މިއަދުގެ މުޒާހަރާ ބަދަލުވިއެވެ. އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅާ ހަމައަށް މުޒާހަރާގެ ބައިވެރީން ފޯރިއިރު ސިފައިންނަށް ކޮންޓްރޯލް ނުކުރެވޭ ވަރުގެ ބޮޑު ފައުޖަކަށް މުޒާހަރާ އޮތީ ބަދަލުވެފައެވެ.

އެހެން ކަމުން ސިފައިން ވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅު ދޫކޮށްލައްވާފައެވެ. އެއާއެކު އާންމުން އެ ގޭގެ ތެރެއަށް ވަދެ ގަތެވެ.

ސްވިމިންޕޫލާއި ރައީސްގެ ކޮޓަރިކޮޅާއި އޮފީސް ކޮޓަރިކޮޅުތަކަށް ވަދެ އެ ތަންތަނުގެ މަންޒަރުތައް ވީޑިއޯކޮށް އާންމު ކުރަން ފެށިއެވެ. ހުރިހާ ރިޕޯޓްތައް ބުނާ ގޮތުންވެސް ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބައްލަވާ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ މާކުރީން ގެކޮޅު ދޫކުރައްވާ ވަޑަައިގެންފައެވެ.

ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިން ވަނީ ހިފާފަ އެވެ. ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ހުންނެވި ތަނެއް އަދި ނޭނގެ ކަމަށް ނޫސްތަކުގައިވެއެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ރައީސް މިހާރު ހުންނެވީ ސިފައިންގެ އަސްކަރީ މަނަވަރުގައެވެ. އަދި މަނަވަރަށް ރައީސްގެ ބައެއް ތަކެތި އަރުވާ މަންޒަރު ކަމަށް ބުނެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

ލަންކާއަށް ހަމަޖެހުން ލިބި އުފާވެރި ކަމުގައި ވަނިކޮށް އިގްތިސާދީ ބޮޑު ތަދުމަޑުކަމެއް ކުރިމަތިވެ އާންމުން ރުޅިގަދަވެ މަގުތަކަށް ނިކުތް ފަހުން ކިތަންމެ ދުވަހެވެ. މީގެ ކުރީން އިހުތިޖާޖުތައް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެ ސަރުކާރަށް ނިސްބަތްވާ އެތައް މެންބަރުންނަކާއި ވަޒީރުންގެ ގެކޮޅުތަކުގައި ހުޅުޖަހާ އަންދާލި އެވެ.

އެ ހަމަނުޖެހުންތަކާއި ގުޅިގެން އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތެވެ. އޭގެ ފަހުން ބޮޑުވަޒީރު ކަމަށް ވަޑައިގަތީ ރައްޔިތުންގެ ތާއީދު ކުޑަ ލީޑަރެއް ކަމަށްވާ ރަނިލް ވިކްރަމަސިންހަ އެވެ. ނަމަވެސް މުޒާހަރާތަކާއި އިހުތިޖާޖުތައް ހުއްޓުމަކަށް ނާދެއެވެ. ލަންކާގެ ރައްޔިތުން އެދެނީ ރައީސް ގޮތަބަޔާ މަގާމުން ދުރަށް ވަޑައިގަތުމަށެވެ.

މިހާރު ފެށިފައިވާ މުޒާހަރާތައް ހުއްޓާލާނީ އެކަން ހާސިލު ކުރުމަށް ފަހު ކަމަށް މުޒާހަރާ ލީޑުކުރާ މީހުން ބުނެއެވެ. އޭގެ ތެރޭގައި ސިޔާސީ ބޭފުޅުންނާއި ކުޅިވަރު ތަރީންނާއި އެ ގައުމުގައި މަޝްހޫރުކަން ހޯދާފައިވާ އެތައް ބޭފުޅުންނެއް ހިމެނެއެވެ.

މުޒާހަރާތައް ބޮޑުވެ ފުޅާވުމާއި ގުޅިގެން ބޮޑުވަޒީރު މިއަދު ވަނީ ޕާޓީތަކާއެކު ކުއްލި ބައްދަލްވުމަކަށް ގޮވާލައްވާފައެވެ. އެގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ސަރުކާރު ހިއްސާވާ ޕާޓީގެ ބައެއް ލީޑަރުންނާ އެކު ފުރަތަމަ މަޝްވަރާތައް ބާއްވާފައެވެ. އަދި ދެން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސް އިންތިޒާމް ކުރައްވާ ބައްދަލުވުމެއްގައި ޕާޓީގެ ހުރިހާ ލީޑަރުން ކުޑައިރުކޮޅެއްގެ ތެރޭގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާރު ހުރިހާ ޕާޓީތަކުންވެސް އެދެނީ ވަގުތުން ރައީސް ގޮޓަބަޔަ ރާޖަޕަކްސަ މަގާމު ދޫކޮށްލައްވާ ގެއަށް ވަޑައިގަތުމަށެވެ. އެހެން ނޫންނަމަ ލަންކާ ނުދެކޭ ފަދަ ހާލަތަކަށް ވެއްޓިދާނެ ކަމަށެވެ.