ރަނިލް ވިކްރަމަ ސިންހާ

ރާގު ބަދަލުވެއްޖެ، އިސްތިއުފާ ދެއްވަން ތައްޔާރު: ރަނިލް

ސްރީލަންކާ -- ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައި ވަނިކޮށް ރަނިލް ހުންނެވީ މަގާމު ދޫކޮށްލައްވަން ތައްޔާރަށް ކަަމަށް ބޮޑުވަޒީރުގެ އޮފީހުން ދެންމެ ބުނެފި އެވެ.

އެ އޮފީހުން ދެންމެ ވަނީ އެކަން ހާމަކޮށް ސްޓޭޓްމަންޓެއް ނެރެފައެވެ.

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ހުރިހާ ޕާޓީއެއް ހިމެނޭ ސަރުކާރަކުން ވެރިކަމާ ހަވާލުވުމަށް ޖާގަ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ޕާޓީގެ ލީޑަރުންނަށް ދަންނަވާފައިވާ ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށާ އިދިކޮޅު ލީޑަރުންގެ ހުށައެޅުއްވުންވެސް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުވެސް ދެންމެ ވަނީ ޓްވިޓާ މެދުވެރިކުރައްވާ އެކަން އިއުލާނު ކުރައްވާފައެވެ. ވިދާޅުވީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ލަފާ ގަބޫލުކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ޖާގަ ހޯއްދަވައިދެއްވާނެ ކަމަށެވެ.

"ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ޖާގަ ހޯދައިދިނުމަށް އަޅުގަނޑު ބޮޑުވަޒީރުކަމުން އިސްތިއުފާ ދޭނަން،" ރަނިލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ލީޑަރުންގެ ބައްދަލްވުމާއި ގުޅޭގޮތުން އިދިކޮޅު މެންބަރުން ކުރީން ވިދާޅުވީ މަގާމު ދޫކޮށްލެވުމަށް ރަނިލް ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.

ސްރީލަންކާގެ ހާލަތު އަނެއްކާވެސް ގޯސްވެ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށް ވަނީ ބެލެވިފައެވެ. ލަންކާގެ ވެރިރަށުގައި އާންމުންގެ އެތައް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ކުރަމުންދާ މީހުން ވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅު ތެރެއަށް ވަދެގެންފައެވެ. ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިން ވަނީ ހިފާފަ އެވެ. ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ހުންނެވި ތަނެއް އަދި ނޭނގެ ކަމަށް ނޫސްތަކުގައިވެއެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ރައީސް މިހާރު ހުންނެވީ ސިފައިންގެ އަސްކަރީ މަނަވަރުގައެވެ. އަދި މަނަވަރަށް ރައީސްގެ ބައެއް ތަކެތި އަރުވާ މަންޒަރު ކަމަށް ބުނެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

މުޒާހަރާ ކުރަމުންދާ މީހުން ރައީސްގެ ގެކޮޅަށް ވަދެގަތުމަށް މިސްރާބު ޖެހުމުން ސަލާމަތީ ބާރުތަކުން ވަނީ އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ބާރުގެ ބޭނުން ކުރި ނަމަވެސް މުޒާހަރާގެ ބައިވެރީން ހުއްޓުވޭ ގޮތެއް ނުވީ އެވެ.

ލަންކާގެ އެކި ސަރަހައްދުތަކުން މުޒާހަރާއާ ގުޅެމުން ދިޔަ މީހުންނާއެކު މި ފަހުން އެ ގައުމުގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު މުޒާހަރާއަށް މިއަދުގެ މުޒާހަރާ ބަދަލުވިއެވެ. އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅާ ހަމައަށް މުޒާހަރާގެ ބައިވެރީން ފޯރިއިރު ސިފައިންނަށް ކޮންޓްރޯލް ނުކުރެވޭ ވަރުގެ ބޮޑު ފައުޖަކަށް މުޒާހަރާ އޮތީ ބަދަލުވެފައެވެ.

އެހެން ކަމުން ސިފައިން ވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅު ދޫކޮށްލައްވާފައެވެ. އެއާއެކު އާންމުން އެ ގޭގެ ތެރެއަށް ވަދެ ގަތެވެ.

ސްވިމިންޕޫލާއި ރައީސްގެ ކޮޓަރިކޮޅާއި އޮފީސް ކޮޓަރިކޮޅުތަކަށް ވަދެ އެ ތަންތަނުގެ މަންޒަރުތައް ވީޑިއޯކޮށް އާންމު ކުރަން ފެށިއެވެ. ހުރިހާ ރިޕޯޓްތައް ބުނާ ގޮތުންވެސް ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބައްލަވާ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ މާކުރީން ގެކޮޅު ދޫކުރައްވާ ވަޑަައިގެންފައެވެ.