އެމްޓީސީސީ

ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް

Jul 9, 2022

މާލޭ ސަރަހައްދުގައި ދެމުންދާ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ބަދަލު ގެނެސްފައިވަނީ މާލޭގެ ވެސްޓް ޕާކުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކުރާ ބަސް ދަތުރާއި، މާލޭގެ ކާނިވާ ސަރަހައްދުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކރާ ބަސް ދަތުރުތަކުގެ ގަޑި އަށެވެ. އެގޮތުން އެ ދަތުރުތަކުގެ ގަޑި މެންދަމު 00:15 އާއި ހަމައަށް ވަނީ އިތުރުކޮށްފަ އެވެ. މިބަދަލާ އެކު މެންދަމު 12ގެ ޑިއުޓީ ނިންމާފައި ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ބަސް ދަތުރުތަކުގެ ޝެޑިއުލް އެއް ގަޑިއިރުން 30 މިނެޓަށް އަވަސް ކޮށްފަ އެވެ. މިބަދަލާ އެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެކި ބޭނުންތަކުގައި އެއާޕޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.

މާލެ ސަރަހައްދުގައި ދެމުންދާ ބަސް ދަތުރުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތެއް ދިނުމަށްޓަކައި މިދިޔަ މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ އެ ކުންފުނީގެ ބަސް ފްލީޓަށް އިތުރު 15 ޑަބަލް ޑެކް ބަސް ގެނެސް ހިދުމަތަށް ނެރެފަ އެވެ. މިބަސް ތަކާ އެކު މާލެ ސަރަހައްދުގައި ހިދުމަތް ދިނުމަށް އެމްޓީސީސީން މިހާރު 46 ބަސް ގެންގުޅެ އެވެ.