ރަނިލް ވިކްރަމަ ސިންހާ

ހަމަނުޖެހުން ބޮޑުވެ ރަނިލްގެ ގެކޮޅުގައި ރޯކޮށްލަައިފި

މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅަަށް ވަދެގަނެ އެ ގޭގައި ރޯކޮށްލާފައިވާ ކަމަަށް ބޮޑުވަޒީރުގެ އޮފީސް ބުނެފި އެވެ.

ރަނިލްގެ ގެކޮޅުގައި ހުޅުޖަހާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ގޭގައި ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ.

ރަނިލްގެ ގެކޮޅުގައި ހުޅުޖަހާފައި މިވަނީ ސްރީލަންކާ -- ޕާޓީގެ ލީޑަރުންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވަން ނިންމަވާ ރަނިލް ހުންނެވީ މަގާމު ދޫކޮށްލައްވަން ތައްޔާރަށް ކަަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނިކޮށެވެ.

އެ އޮފީހުން އެކަން ހާމަކޮށް ނެރެފައިވާ ސްޓޭޓްމަންޓެއް ގައި ބުނެފައިވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ހުރިހާ ޕާޓީއެއް ހިމެނޭ ސަރުކާރަކުން ވެރިކަމާ ހަވާލުވުމަށް ޖާގަ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ޕާޓީގެ ލީޑަރުންނަށް ދަންނަވާފައިވާ ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށާ އިދިކޮޅު ލީޑަރުންގެ ހުށައެޅުއްވުންވެސް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނުވެސް ފަހުން ވަނީ ޓްވިޓާ މެދުވެރިކުރައްވާ އެކަން އިއުލާނު ކުރައްވާފައެވެ. ވިދާޅުވީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ލަފާ ގަބޫލުކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ޖާގަ ހޯއްދަވައިދެއްވާނެ ކަމަށެވެ.

"ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ޖާގަ ހޯދައިދިނުމަށް އަޅުގަނޑު ބޮޑުވަޒީރުކަމުން އިސްތިއުފާ ދޭނަން،" ރަނިލްގެ ޓްވީޓްގައި ވިދާޅުވިއެވެ.