ގޮތަބަޔާ ރާޖަޕްކަސާ

ބުދަ ދުވަހު އިސްތިއުފާ ދޭނަން: ގޮޓަބަޔަ

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމައިފި އެވެ. އެ ނިންމުން އެމަނިކުފާނު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް މިހާރު އަންގަވާފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދެނާ އާ ހަވާލާދީ ލަންކާގެ ނިއުސް އެޖެންސީތަކުން ދެންމެ ބުނީ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އެކަން އަންގަވާފައިވާ ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވާނީ އަންނަ ބުދަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ 13 ވަނަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ގައުމަށް އަންގަވައިދެއްވުމަށް. އަދި ސުލްހަވެރިކަމާއެކު ވެރިކަން ހަވާލު ކުރައްވާނެ ކަމަށް،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމާފައި މިވަނީ ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގެ އާއި އޮފީސް ވެސް ލަންކާގެ މުޒާހަރާގެ ބައިވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ. އެ ދެ އިމާރާތަށް ވަދެ އެ ދެ އިމާރާތުގެ ހުރިހާ ތަނެއް އެ މީހުން ވަނީ ފާސްކޮށްފައެވެ. ބައެއް ތަންތަނަށް ގެއްލުންވެސް ދީފައިވެއެވެ.

ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ހުންނެވި ތަނެއް އަދި ނޭނގެ ކަމަށް ނޫސްތަކުގައިވެއެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ރައީސް މިހާރު ހުންނެވީ ސިފައިންގެ އަސްކަރީ މަނަވަރުގައެވެ. އަދި މަނަވަރަށް ރައީސްގެ ބައެއް ތަކެތި އަރުވާ މަންޒަރު ކަމަށް ބުނެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށެެއް ނުދެއެވެ.

ބޮޑުވަޒީރުވެސް އިސްތިއުފާ ދެއްވަނީ

އަނެއްކޮޅުން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި ހުރިހާ ޕާޓީއެއް ހިމެނޭ ސަރުކާރަކުން ވެރިކަމާ ހަވާލުވުމަށް ޖާގަ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ޕާޓީތަކުގެ ލީޑަރުންނަށް މިހާރު ވަނީ އަންގަވާފައެވެ. އެކަން ބޮޑުވަޒީރުގެ އޮފީހުން ވަނީ ޔަގީން ކޮށްދީފައެވެ.

އޭގެ ކުޑައިރުކޮޅެއްގެ ފަހުން މަނިކުފާނުވެސް ވަނީ ޓްވިޓާ މެދުވެރިކުރައްވާ އެކަން އިއުލާނު ކުރައްވާފައެވެ. ވިދާޅުވީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ޕާޓީތަކުގެ ލީޑަރުންގެ ލަފާ ގަބޫލުކުރައްވާނެ ކަމަށެވެ. އަދި ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ޖާގަ ހޯއްދަވައިދެއްވާނެ ކަމަށެވެ.

"ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ޖާގަ ހޯދައިދިނުމަށް އަޅުގަނޑު ބޮޑުވަޒީރުކަމުން އިސްތިއުފާ ދޭނަން،" ރަނިލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ހަމަނުޖެހުންތައް ބޮޑުވުމުން ރަނިލް ވަނީ ޕާޓީތަކުގެ މަޝްވަރާއަށް ގޮވާލައްވާފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ ލީޑަރުންގެ ބައްދަލްވުމުގައި ހުރިހާ ލީޑަރުންވެސް އެދިވަޑައިގަތީ ގައުމުގެ ހަމަޖެހުމަށް ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވެސް ވަގުތުން އިސްތިއުފާ ދެއްވުމަށެވެ. އަދި އެންމެން ބައިވެރިވާ ގައުމީ ސަރުކާރެއް ގެނައުމަށެވެ.

ރަނިލްގެ އަމިއްލަ ގެކޮޅުގައި ރޯކޮށްލުން

މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅަަށް ވަދެގަނެ އެ ގޭގައި ރޯކޮށްލާފައިވާ ކަމަަށް ބޮޑުވަޒީރުގެ އޮފީސް މިރޭ ވަނީ ބުނެފައެވެ. ރަނިލްގެ ގެކޮޅުގައި ހުޅުޖަހާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ގޭގައި ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ.

ލަންކާއަށް ހަމަޖެހުން ލިބި އުފާވެރި ކަމުގައި ވަނިކޮށް އިގްތިސާދީ ބޮޑު ތަދުމަޑުކަމެއް ކުރިމަތިވެ އާންމުން ރުޅިގަދަވެ މަގުތަކަށް ނިކުތް ފަހުން ކިތަންމެ ދުވަހެވެ. މީގެ ކުރީން އިހުތިޖާޖުތައް ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެ ސަރުކާރަށް ނިސްބަތްވާ އެތައް މެންބަރުންނަކާއި ވަޒީރުންގެ ގެކޮޅުތަކުގައި ހުޅުޖަހާ އަންދާލި އެވެ.

އެ ހަމަނުޖެހުންތަކާއި ގުޅިގެން އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގަތެވެ. އޭގެ ފަހުން ބޮޑުވަޒީރު ކަމަށް ވަޑައިގަތީ ރައްޔިތުންގެ ތާއީދު ކުޑަ ލީޑަރެއް ކަމަށްވާ ރަނިލް ވިކްރަމަސިންހަ އެވެ.