ރައީސް މުހައްމަދު ނަޝީދު

ލަންކާއަށް ބޭނުމީ ތަޖުރިބާހުރި ވެރިޔެއް: ނަޝީދު

Jul 10, 2022
16

ސްރީލަންކާ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ހަރުދަނާ ތަޖުރިބާ ހުރި ވެރިޔަކު މިވަގުތަށް ވަރަށް މުހިއްމު ކަމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ލަންކާގެ ހާލަތު ގޯހުން ގޯހަށް ގޮސް އެ ގައުމުގެ ރައްޔިތުން އިއްޔެ މަގުތަކަށް ނިކުމެ ރައީސް އާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ރައްޔިތުންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ލަންކާގެ ރައީސް އާއި ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާއަށް މިވަގުތަކީ ގޮންޖެހުން ބޮޑު ވަގުތެއް ކަމަށެވެ. އެހެންވެ ލަންކާއަށް މިވަގުތު އެންމެ މުހިއްމީ ހަރުދަނާ ތަޖުރިބާ ހުރި ގާބިލް ވެރިޔެއް ކަމަށާއި އެފަދަ ބޭފުޅަކު ލަންކާގެ ޒައާމަތާ ހަވާލުވެވަޑައިގެންފިނަމަ އެ ގައުމަށް ކުރިމަތިވެފައިވާ އުދަގޫ ހާލަތުން އަރައިގަނެވިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސްރީލަންކާ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ގައުމުގެ ރައްޔިތުން އުއްމީދީ ކުރިމަގެއް ހޯދާނެ ކަމަށެވެ.

ސްރީލަންކާއަށް އިގްތިސޯދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އެ ގައުމު ބަނގުރޫޓްވުމާ ގުޅިގެން ބޮޑުވަޒީރުގެ މަގާމާ ރަނިލް ވިކްރަމަ ސިންހަ ހަވާލުވުމާ އެކު މިފަހުން ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް އެދިވަޑައިގެން ލަންކާއަށް ބޭރުގެ މާލީ އެހީ ހޯދުމުގެ މަސައްކަތްތައް ކުރެއްވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރައްވާ މަންދޫބަކަށް ވެވަޑައިގެންފަ އެވެ. ނަމަވެސް ރައީސް ނަޝީދުގެ މަސައްކަތުން ލަންކާއަށް މާލީ އެހީތަކެއް އަދި ހޯދައިދެވިފައެއް ނުވެ އެވެ.

ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދަނީ ލަންކާގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ގިނަ ބަޔަކަށް އެއްބަސްވެވޭ އާ ސަރުކާރެއް އަވަހަށް އެކުލަވާލުމަށް ގޮވާލަމުންނެވެ.