ގޮތަބަޔާ ރާޖަޕްކަސާ

ގޮޓަބަޔަ ގެކޮޅުން 17 މިލިއަން ރުޕީސް ފެނުނު، ފުލުހުންނާއި ހަވާލުކޮށްފި

ރުޅިގަދަވެފައިވާ ލަންކާގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިއްޔެ އެ ގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އިސްތިއުފާ ގެކޮޅަށް ވަދެގަނެ އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ހޯދައިފި އެވެ.

ކޮލަމްބޯގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި ރައީސް އޮފީހަށްވެސް މުޒާހަރާގެ ބައިވެރީން އިއްޔެ ވަނީ ވަދެގެންފައެވެ. އެ ގައުމުގެ ފުލުހުން މިރޭ ބުނީ ލަންކާގައި މުޒާހަރާ ކުރަމުންދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުން ފެނުނު ފައިސާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. ހަވާލުކުރި ފައިސާގެ އަދަދު 17 މިލިއަން ރުޕީސްއަށް އަރާ ކަމަށް ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެކަން ހާމަކޮށް މިރޭ ބަޔާނެއްވެސް ނެރެފައެވެ.

މުޒާހަރާ ކުރަމުންދިޔަ މީހުން ރައީސްގެ ގެކޮޅަށް ވަދެގަތުމަށް މިސްރާބު ޖެހުމުން ސަލާމަތީ ބާރުތަކުން ވަނީ އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. ބާރުގެ ބޭނުން ކުރި ނަމަވެސް މުޒާހަރާގެ ބައިވެރީން ހުއްޓުވޭ ގޮތެއް ނުވިއެވެ.

ލަންކާގެ އެކި ސަރަހައްދުތަކުން މުޒާހަރާއާ ގުޅެމުން ދިޔަ މީހުންނާއެކު މި ފަހުން އެ ގައުމުގައި ކުރިއަށް ގެންދެވުނު އެންމެ ބޮޑު މުޒާހަރާއަށް އިއްޔެ މުޒާހަރާ ވިއެވެ. އަދި ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅާ ހަމައަށް މުޒާހަރާގެ ބައިވެރީން ފޯރިއިރު ސިފައިންނަށް ކޮންޓްރޯލް ނުކުރެވޭ ވަރުގެ ބޮޑު ފައުޖަކަށް މުޒާހަރާ އޮތީ ބަދަލުވެފައެވެ.

އެހެން ކަމުން ސިފައިން ވަނީ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ގެކޮޅު ދޫކޮށްލައްވާފައެވެ. އެއާއެކު އާންމުން އެ ގޭގެ ތެރެއަށް ވަދެ ގަތެވެ.

ސްވިމިންޕޫލާއި ރައީސްގެ ކޮޓަރިކޮޅާއި އޮފީސް ކޮޓަރިކޮޅުތަކަށް ވަދެ އެ ތަންތަނުގެ މަންޒަރުތައް ވީޑިއޯކޮށް އާންމު ކުރަން ފެށިއެވެ. ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބައްލަވާ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ މާކުރީން ގެކޮޅު ދޫކުރައްވާ ވަޑަައިގެންފައެވެ.

ހަމަނުޖެހުންތައް ބޮޑުވެ ބޮޑުވަޒީރުގެ އަމިއްލަފުޅު ގެކޮޅުގައި މުޒާހަރާގެ ބައިވެރީން ހުޅުޖަހާފައި ވަނިކޮށް މި މަހުގެ 13 ވާ ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.