ޓީޗަރުން

ޓީޗަރުންގެ އިތުރު ގަޑިއަށް ފިކްސްޑް އެލަވަންސެއް ދޭން ހުށަހަޅައިފި

Jul 11, 2022
3

ޓީޗަރުން އިތުރު ގަޑީގައިވެސް ގިނަ ވަގުތުތަކަކު މަސައްކަތް ކުރަންޖެހޭތީ އިތުރު ގަޑިއަށް ފިކްސްޑް އެލަވަންސެއް ދޭން ހުށަހަޅައިފި އެވެ.

މި ހުށަހެޅުން ހުށަހަޅާފައިވަނީ ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ޓީޗާސް ރިސާޗާ ގުރޫޕުން ކުރި ދިރާސާއަށްފަހު އެކުލަވާލާފައިވާ ރިޕޯޓްގަ އެވެ.

ޓީޗަރުންގެ މުސާރަތައް މިދިޔަ މެއި މަހު ވަރަށް ބޮޑަށް ބޮޑުކޮށްފައި ވަނިކޮށް އެކުލަވާލި ރިސާޗް ރިޕޯޓްގައި ބުނެފައިވަނީ ޓީޗަރުންގެ އިތުރު ގަޑީގެ ފައިސާ 10 އިންސައްތައިގައި ހިފެހެއްޓިފައި ހުރުމާއި ޓީޗަރުންނަށް އިތުރު ވަޒީފާއެއް އަދާކުރުން މަނާކުރާތީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މުވައްޒަފުންނަށް ދޭ ފަދަ އެލަވަންސެއް ޓީޗަރުންނަށް ވެސް ދިނުން މުހިއްމު ކަމަށެވެ.

މި ރިޕޯޓްގައި ބުނެފައިވަނީ ޓީޗަރުންނަށް އިތުރު ގަޑީގައި ލިބޭ ފައިސާއަށް ވުރެ ސަރުކާރުގެ އެހެން އިދާރާތަކުގައި އިތުރު ގަޑީގައި މަސައްކަތް ކޮށްގެން ލިބޭ އެލަވަންސް ބޮޑުކޮށް އެބަހުރި ކަމަށެވެ. އެގޮތަށް އިންތިޒާމުވެފައި އޮތުމަކީ ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މީހުން ހޯދަން ދަތިވާ ކަމެއްގެ ގޮތުގައިވެސް ފާހަގަކޮށްފައިވެ އެވެ.

ޓީޗަރުންނަކީ ސްކޫލުތަކުގައި ކްލާސްރޫމުތަކުގައި ކިޔަވައިދޭ ގަޑީގެ އިތުރުން ވެސް އެ މީހުންގެ ރަސްމީ މަސައްކަތްތައް އިތުރު ވަގުތުގެ ތެރޭގައި ކުރާ ބަޔަކަށް ވާތީ ޓީޗަރުންގެ އިތުރު ގަޑި ކަނޑައެޅުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ފާހަގަކޮށްފައިވެ އެވެ. ސަރުކާރުގެ އިދާރާތަކުގައި އިތުރު ގަޑީގެ އުޖޫރަ ދޭ ގޮތްތައް މިހާރަށް ވުރެ އިންސާފުވެރި ހަމަހަމަ އުސޫލަަކަށް ބަދަލުކުރަންވެސް ލަފާ ދީފައިވެ އެވެ.

ޓީޗަރުންގެ އިތުރު ގަޑީގެ މައްސަލަ ހައްލުކުރުމަށްޓަކައި ޓީޗަރުންނަށް ހާއްސަކޮށްގެން "ޓީޗަރ އެލަވަންސް"ގެ ނަމުގައި ވަކި އަދަދެެއް ކަނޑައެޅިފައިވާ އެލަވަންސެއް ދިނުމަށްވެސް ހުށަހަޅާފައިވެ އެވެ.

ތައުލީމީ ދާއިރާގެ ވަކި ބަޔަކަށް ރިސްކް އެލަވަންސް ލިބުމާއި ނުލިބުމުގެ މައްސަލަތަކެއް ފާހަގަކުރެވޭތީ އެ މައްސަލަ ހައްލުކުރުމަށްވެސް އެދިފައިވެ އެވެ. އަދި "ނޮން ޕްރެކްޓިސް އެލަވަންސް" ތައުލީމީ ދާއިރާގެ ކަމާ ގުޅުންހުރި މުވައްޒަފުންނަށް ހަމަޖެއްސުމަށްވެސް ހުށަހަޅާފައިވެ އެވެ.