ޔޯގާ ހަރަކާތް ބާއްވަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުން ކަސްޓޯޑިއަލްގައި ބައިތިއްބާފައި ވަނިކޮށް އެތަނަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންތަކެއް ވަތް ކަމަށް ބުނެ ވަކީލުން ދެއްކި ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ފުލުހުންގެ ބަންދަށް ގެންދިޔައެވެ. އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. ބަންދުހައި ތިބި 20 މީހުންގެ ފަރާތުން ގާނޫނީ ވަކީލުންތަކެއް ހުކުރު ދުވަހުގެ ރޭ ވަނީ ނޫސްވެރީންގެ ބައްދަލްވިމެއް ބާއްވާފައެވެ.
ގާނޫނީ ވަކީލް އަހުމަދު ރާގިބު، ނޫސްވެރީންގެ ބައްދަލްވުމުގައި ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތަށް ހައްޔަރުކުރި ބައެއް މީހުން ކަސްޓޯޑިއަލްގައި ތިއްބާ އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުންތަކެއް އެތަނަށް ވަދެނެއެވެ. އެ މީހުން އެތަނަށް ވަނީ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އެ މީހުންނަށް ހަމަލާ ދިން މީހުން ތިބިތޯ ޔަގީން ކުރުމަށް ކަމަށެވެ. އަދި ވަކިވަކި މީހުންނަށް އަތުގެ އިޝާރާތްކޮށް އެއީ ހަމަނުޖެހުން ހިންގި މީހުންކަން ފުލުހުންނަށް އަންގައިދޭން އޮފިޝަލުން މަސައްކަތް ކުރި ކަމަށެވެ.
މީގެ އިތުރުން އެ އޮފިޝަލުން އިހުތިޖާޖުގެ ބައިވެރިންނަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން ވާހަަކަވެސް ދެއްކި ކަމަށް ރާގިބު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ މި މައްސަލައިގެ ތަހުގީގުތަކަށް އިންޑިއާގެ ނުފޫޒު އޮތް ކަމަށް ފާޅުކޮށް ތުހުމަތު ކުރެއްވިއެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ ހިދުމަތުން ބުނީ ޔޯގާ ހަރަކާތް ބާއްވަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުން ކަސްޓޯޑިއަލްގައި ބައިތިއްބާފައި ވަނިކޮށް އެތަނަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަތް ކަމަށް ބުނެ ވަކީލުންނާއި ހަވާލާދީ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ.
މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަސައްވުރު ކިލަނބުކޮށް ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއިމެދު ނަފްރަތު އުފައްދާ އިތުބާރު ގެއްލިދާނެ ފަދަ ކަމެއް ކަމަށެވެ. އެހެން ކަމުން މިފަދަ ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެވޭ މަސްދަރުތަކުން މައުލޫމާތު ހޯދާ ގެނެސްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.