އެމްޓީސީސީ

ދުވާލަކު 19،000 މީހުން ބަހުގެ ހިދުމަތް ހޯދާ: އާޒިމު

Jul 11, 2022
1

މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާ ބަސްތަކުގައި ދުވާލަކު 19،000 މީހުން ދަތުރުކުރާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިމައުލޫމާތު ހާމަކުރެއްވީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ޑިރެކްޓަރު އިބްރާހީމް ނައީމު އެމްޓީސީސީ އަށް ފާޑު ވިދާޅުވެ ކުރެއްވި ފޭސްބުކް ޕޯސްޓަކާ ގުޅިގެންނެވެ.

އިބްރާހީމް ނައީމު ފާޑުވިދާޅުވީ އެމްޓީސީސީން ބަހުގެ ހިދުމަތް ދިނުމަށް ކުދި ބަސްތަކެއް ބޭނުންކުރުމުގެ ބަދަލުގައި ޑަބަލް ޑެކް ބޮޑެތި ބަސްތަކެއް ބޭނުންކުރާތީ އެވެ. ފަހުން ނައީމު ވަނީ އޭނާގެ ފޭސްބުކް ޕޯސްޓް ޑިލީޓް ކޮށްލައްވާފަ އެވެ.

ނައީމަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ ނައީމު ފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ކަމުގެ ދެކޮޅު ނުބައްލަވާ ކަންތައްތައް ކުރެއްވުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ބޮޑެތި ބަސްތައް ގެންނަން ޖެހޭ ސަބަބު ހާމަކުރައްވަމުން އާޒިމު ވިދާޅުވީ ދުވާލަކު 50 ބަހުގައި 19،000 ދިވެހިން ދަތުރުކުރާ ކަމަށެވެ. ކުދި ބަސްތައް ގެނެސްގެން އެ އެންމެންނަށް ގަޑިއަށް ތަންތަނަށް ދެވޭ ގޮތަށް ހިދުމަތް ދެވޭނީ 200 ކުދި ބަސް ބޭނުންކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ކޮން ގޮތެއްތޯ ރަނގަޅީ؟ 50 ބަސް މަގުތަކުގައި އުޅުންތޯ ނޫނީ 200 ބަސް މަގުތަކުގައި އުޅުންތޯ؟" އާޒިމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ދެމުންދާ ބަސް ދަތުރުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތެއް ދިނުމަށްޓަކައި މިދިޔަ މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ އެ ކުންފުނީގެ ބަސް ފްލީޓަށް އިތުރު 15 ޑަބަލް ޑެކް ބަސް ގެނެސް ހިދުމަތަށް ނެރެފަ އެވެ. މިބަސް ތަކާ އެކު މާލެ ސަރަހައްދުގައި ހިދުމަތް ދިނުމަށް އެމްޓީސީސީން މިހާރު 46 ބަސް ގެންގުޅެ އެވެ.