ބަސް ދަތުރުތައް

އޮގަސްޓުން ފެށިގެން ބަހުގައި ކޭޝް ކާޑު ބޭނުންކުރެވޭނެ

މިއަހަރުގެ އޮގަސްޓު މަހުން ފެށިގެން ބަސް ދަތުރުތައް ކުރާއިރު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޭޝް ކާޑު ބޭނުން ކުރެވޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ބަހުގައި ދަތުރުކުރާއިރު މިހާރު ބޭނުން ކުރަމުން ގެންދަނީ ބަސް ކާޑެވެ. ކާޑު ރީޗާޖުކުރަން ނަގުދު ފައިސާ ބޭނުން ކުރަން ޖެހޭތީ ގިނަ ބަޔަކު އަބަދު ވެސް ޝަކުވާ ކުރެ އެވެ.

އެގޮތަށް އިންތިޒާމްތައް ހުރުމުން ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކިއުއާރް ކޯޑު އަދި 'ޓަޗް އެންޑް ގޯ' ބީއެމްއެލް ކާޑު ބޭނުންކޮށްގެން ބަސް ދަތުރުތައް ކުރެވޭނެ ކަމަށެވެ.

މި ދަތުރުތަކުގައި ބީއެމްއެލްގެ ވިސާ ކާޑު، އެމެރިކަން އެކްސްޕްރެސް އަދި މާސްޓާ ކާޑު ބޭނުންކޮށްގެން ބަހަށް ފައިސާ ދެއްކޭނެ އެވެ.

އެމްޓީސީސީ އާއި ބީއެމްއެލް ގުޅިގެން ދޭ މާސްޓަ ކާޑު ހިދުމަތް ވެގެން ދާނީ ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް)ގެ ދަށުން ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށެވެ.

މާސްޓަ ކާޑުން ޓްރާންސިޓާއި ގުޅުން ހުރި ޕޭމަންޓް ހެދުމަށް ބީއެމްއެލް އިން ގަބޫލުކުރާ އެހެން ހުރިހާ ނެޓްވޯކެއް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ ނިޒާމް ވެސް ގާއިމްކޮށްދޭނެ އެވެ.

އެމްޓީސީސީން ވަނީ ބަސް ފްލީޓަށް އިތުރު ބަސް ގެނެސް ހިދުމަތަށް މިމަހު ނެރެފަ އެވެ. ބަހުގެ ހިދުމަތް ދިނުމަށް އަލަށް ގެނައި ބަސްތަކާ އެކު މާލެ ސަރަހައްދުގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކުގެ އަދަދު ވަނީ 46 އަށް އިތުރުވެފަ އެވެ. މީގެ ތެރޭގައި 23 ޑަބަލް ޑެކް ބަސް، ސިޓީ ބަސް، އަދި ކޯޗް ހިމެނެ އެވެ.