( 7 ޖުލައި 2022 އާ ގުޅޭ )
އައިރިކްއަށް ބަލަން ހުރި މާޔަލްއަށް މަޑުމަޑުން މޭގައި އަތް ޖައްސާލެވުނެވެ. މޭގައި ހިތް ބާރަށް ތެޅެނީއެވެ. ކަރުގައި އެއްޗެއް ތާށިވެފައި ހުރިފަދަ އިޙްސާސެއް ކުރެވޭތީ އޭނާއަށް ހިންދިރުވާލެވުނެވެ. ހަޤީޤަތުގައި ވެސް އޭނާ އެ ހުރީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އޭނާ ބިރުގަންނަވާލަން އައިރިކް ކުރި ކަމެއްބާއޭ މާޔަލް ހިތަށް އެރިއެވެ.
"ކިހިނެއްވީ؟. ވާހަކަ ހުސްވީތަ؟." ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އައިރިކް ބުނެލީ ސަމާސާގެ ރާގުގައެވެ.
ސައި އަތުރާފައި ހުރި "ސާވިން ކާޓް" ދަމަމުން ފަޒްނާ އައިސް އައިރިކްގެ ކޮޓަރިއަށް ވަނެވެ. އެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ އައިރިކްއާއި މާޔަލްގެ އަޑެވެ. އެމީހުން ތިބީ ބޭރުގައިކަން ދެނެގަންނަން ފަޒްނާއަށް އެނގުނީ އެހެންވެއެވެ. ކާޓް ހިފައިގެން އެފަރާތުގެ ސަރައްކާއްޔަށް އޭނާ ނުކުތެވެ. ވަގުތުކޮޅަކަށް އޭނާގެ ފިޔަވަޅު މަޑުޖެހިލީ އައިރިކްގެ ހަރަކާތްތައް ފެނިއެވެ. ކުއްލިއަކަށް އެނބުރިލުމާއެކު އައިރިކް އައިސް އިށީނީ ދެ މީހުންގެ ޖާގަ ހުރި ގޮނޑީގައެވެ. އޭރު އައިރިކްގެ މޫނުގައިވީ އަސަރުތައް ފެނި ފަޒްނާ ހައިރާން ކުރުވިއެވެ. ހޮސްޕިޓަލުން ދޫކޮށްލި ފަހުން އައިރިކް ރުޅި އައިސްފަހުއްޓާ ނޫނީ މީހަކަށް ނުފެންނާނެއެވެ. މީހާގެ ބުއްދި ގޯސްވާހާ ގަދަ ރުޅި އޭނާ އަންނައިރު އޭނާގެ ކޮންމެ ހަރަކާތަކުން ވެސް ފެންނަމުން އައީ ހަރުކަށިކަމެވެ. ނަމަވެސް މިވަގުތު ފަޒްނާއަށް އައިރިކްގެ މޫނުގައިވާ ކުލަވަރު ދެނެގަންނާކަށް ނޭނގުނެވެ. ޔަގީނުން ވެސް ރުޅިވެރިކަމުގެ އަސަރެއް ނެތެވެ. އަންހެން ކުދީންނާ ސަމާސާ ކުރަނިކޮށް ދުވަހަކުވެސް ފަޒްނާއަށް ފެނިފައެއް ނެތެވެ. އައިރިކްގެ މޫނުމަތީގައިވަނީ ސަމާސާގެ އަސަރޭ ބުނާން ފަޒްނާއަށް ދަތިވަނީ އެހެންވެއެވެ. ދެއަތް އުރާލައިގެން އައިރިކްއަށް ބަލަން ހުރި މާޔަލްގެ ހަރަކާތްތައް ވެސް ފަޒްނާއަށް ފާހަގަވިއެވެ. އޭނާ ތުންކޮޅު ނެރިލީ ކަމަކާ ގަޔާނުވި ފަދައަކުންނެވެ. އެހެންވިޔަސް އޭނާ ގޮސް އިށީންތަން ފެނުނީ އައިރިކްގެ ކައިރީގައެވެ. ލުއި ހިނިތުންވުމެއް ފަޒްނާގެ ތުންފަތުން ފާޅުވެލިއެވެ. ދެ ޒުވާނުންގެ ސަމާލުކަން ހޯދުމަށް ފަޒްނާ ކަރުކެހިލިއެވެ. އެހިނދު މާޔަލް ބަލާލައިފިއެވެ. ކުއްލިއަކަށް ތެދުވެލުމާއެކު ފަޒްނާ ހުރި ދިމާއަށް އެނބުރިލިއެވެ. މާޔަލް އިޚްތިރާމުގެ ހިނިތުންވުމެއް ފަޒްނާއާ ބަދަލުކޮށްލިއެވެ.
"ބޭރުގަތަ ސައިބޯނީ." ފަޒްނާ އަހާލިއެވެ.
"ބޮސް. ސޭ ސަމްތިން. ޕްލީޒް." ފަޒްނާއަށް ޖަވާބެއް ނުދީ އައިރިކް އިންނާތީ ނިކަން ސިއްރުން މާޔަލް ބުންޏެވެ. އައިރިކް އިންދާ ފަޒްނާއަށް މާޔަލް އިރުޝާދު ދިނުން ރަނގަޅުކަމެއްކަމުގައި އޭނާއަށް ނުފެނުނީއެވެ. ކޮންމެވެސް އެއްޗެއް ބުނާން އައިރިކްއަށް މާޔަލް ބާރު އެޅީ އެހެންވެއެވެ.
"މިތަނަށް ގެނޭ." އައިރިކް ބުންޏެވެ.
ފަޒްނާ ތަށިތައް ހިފައިގެން އެނބުރިލަންވާއިރަށް މާޔަލް އަތުވެއްޖެއެވެ. ފަޒްނާއަށް އެހީވާން އޭނާ އިސްނެގިއެވެ. ފަޒްނާ ދެކޮޅު ހެދި ނަމަވެސް ކާޓުގެ ތެރެއިން ބައެއް ތަށިތައް ނަގައިގެން ފަޒްނާގެ ފަހަތުން މާޔަލް އައެވެ. ބޭރުގައި ހުރި ވަށް މޭޒުގެ މަތި ތަށިތަކުން ފުރުނެވެ. ކުރާން އައި މަސައްކަތް ފުރިހަމަކޮށްފައި ފަޒްނާ އެނބުރި ދިޔައީއެވެ. އެމީހުން ސައިބޮއެ ނިމުމުން ތަށިތައް ނަގަން ކުއްޖަކު އަންނާނޭކަން މާޔަލްގެ ގާތުގައި ބުނެފައެވެ. އައިރިކް ހަރަކާތެއްކޮށްނުލާ އިނެވެ. އިރުކޮޅަކު އޭނާއަށް ބަލަން ހުރެފައި މާޔަލް ވާހަކަދެއްކިއެވެ.
"ބޮސް. ސައިބޯންވީނު." މާޔަލް ބުންޏެވެ. އެ ހުރިހާ ކާއެއްޗެއް ފެނި މާޔަލް ބަނޑުހައިވީއެވެ. އޭނާ ހެނދުނު ސައިނުބޮއެ އަންނަނީ އައިތަންއާއެކު ނާސްތާކުރާން ހަމަޖެހިފައި އޮންނާތީއެވެ.
"މަޑުކުރީ ބޮސްއާއެކީ ސައިބޯން... ވަރަށް ބަނޑުހައި." އައިރިކްގެ ކައިރީ ހުއްޓިހުރެ މާޔަލް ބުންޏެވެ.
"ކީއްވެ ސައިނުބޮއެ އައީ؟" އައިރިކް ބުންޏެވެ.
"އައިތަން..." މާޔަލް ބުނަން އުޅުނު އެއްޗެއް ހުއްޓާލީ ކުއްލިއަކަށް އައިރިކް ތެދުވީމައެވެ. އައިރިކްގެ އާންމު ލަސްހިނގުމުގައި އައިސް މޭޒާ ކައިރިވެލަމުން ކުރިއަށް ދަމާލާފައިވާ އަތުން ގޮނޑި ހޯދައިފިއެވެ. ދެން އޭނާ އެ ގޮނޑީގައި އިށީނީއެވެ. ހައިރާންކަމާއެކު ދެން ހަދަންވީ ކިހިނެއްބާއޭ ހިތަށް އަރާފައި މާޔަލްއަށް ހުރެވުނީއެވެ.
"މާޔާ..." އައިރިކް ގޮވާލިއެވެ.
"ޔެސް... ޔެސް ބޮސް..." ހަލުފިޔަވަޅުތަކުގައި މާޔަލް މޭޒު ކައިރިއަށް އަތުވެއްޖެއެވެ.
"ކީއްވެފަ ތިހުންނަނީ... ބަނޑުހައިކަން ފިލީތަ؟." އަސަރެއްނުވާ ފަދަ ހަރުކަށި ގޮތަކަށް އައިރިކް ބުންޏެވެ.
މާޔަލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ހަރުކަށިކަން ދެއްކީ ނަމަވެސް އައިރިކްގެ މޭގައި އޯގާތެރި ހިތެއްވާކަން މާޔަލް ޤަބޫލުކުރެއެވެ. ހާލަތުގެ މުޖުބޫރީގައި އޭނާގެ އޯގާތެރިކަން ބަލިކަށި މީހަކަށް ހަދާފާނޭތީ އައިރިކް ބިރުގަންނަނީކަން ގައިމެވެ. މީހުންގެ ހަމްދަރުދީ ބޭނުންނުވާތީއެވެ. އެ ހަމްދަރުދީއިން އޭނާގެ ހާލަތު ބަދަލުނުވާނެކަން އެނގޭތީ ކަހަލައެވެ. ކޮންމެ ސިފައެއްގައި ވިޔަސް މާޔަލްއަށް އައިރިކް އެ ދިނީ ދަޢުވަތެއްކަން ޔަގީނެވެ. އޭނާ އަވަހަށް މޭޒުދޮށުގައި އިށީނެވެ. އައިރިކްއަށް ތަށިތަކުގައި ހުރި ބާވަތްތައް ކިޔާދެމުން ދިޔައެވެ. އޭނާގެ ޖޯޑަށް ކޮފީ އަޅައިދިނެވެ. ކޮންމެ ތަށްޓެއް ހުރި ދިމާ މާޔަލް ބުނެދިނެވެ. އައިރިކް ޝަކުވާއެއް ނުކުރެއެވެ. މާޔަލް ހުއްޓުވާކަށް ވެސް ނޫޅެއެވެ. އޭނާގެ އަތުގައި ހިފާލުމަކުން ސިހުން ލިބިގެނެއް ނޫޅެއެވެ. އަތް ފޮޅުވައެއް ވެސް ނުލިއެވެ. ބަހެއްނުކިޔާ އިނދެ އޭނާ ސައިބޮމުން ދިޔައެވެ. މާޔަލް އަނގަގަދަވެގެން ހުއްޓާލާށޭ މިއަދަކު ނުބުންޏެވެ. އެ އަޑަށް ހިތުގެ ޝައުގުވެރިކަން ދޫކޮށްލައިގެން އިން ފަދައެވެ.
މެންދުރުގެ ވަގުތެވެ. ގޭތެރެއިން އައިސް އައިރިކް ދިރިއުޅޭ ބަޔަށް ވަދެވެން ހުރި ދޮރު ކައިރިން އަންހެން ކުއްޖަކު ސަލާމް ގޮވާލި އަޑު އިވުނެވެ. މަސައްކަތުގައި ތިބި އައިރިކްއާއި މާޔަލްގެ ސަމާލުކަން އެ އަޑު އަތުލިއެވެ. ސަލާމުގެ ރައްދު އައިރިކް ނުދިނުމުން މާޔަލް އަވަސް އަވަހަށް ސަލާމް ބަލައިގަތެވެ. އޭރު އެ އަންހެންކުއްޖާ އެތެރެއަށް ވަދެއްޖެއެވެ. ކާކުކަން ބުނާން ނޭނގުނަސް ކޮޓަރިއަށް ވަންވަގުތު އެ އަންހެންކުއްޖާގެ ހަރަކާތްތައް ހުއްޓުމަކަށް އައިގޮތް މާޔަލްއަށް ފާހަގަވެއްޖެއެވެ. ސުވާލުގެ ބެލުމަކުން އޭނާ މާޔަލްއަށް ބަލަމުންދިޔައެވެ. އެހިނދު މާޔަލްއަށް ބަލާލެވުނީ ކައިރީ އިން އައިރިކްއަށެވެ. މަޑުމަޑުން ބޮސްއޭ އޭނާ ކިޔާލިއެވެ.
"ޝަހާ..." މާޔަލްގެ ކައިރީ ސޯފާގައި އިނދެފައި ތެދުވި އައިރިކް ގޮވާލިއެވެ. އޭނާ މަޑުމަޑުން ދޮރާ ދިމާއަށް ޝަހާ ހުރި ހިސާބަށް އައެވެ.
"މިތާ ކީއްކުރަނީ؟." ޝަހާގެ ކައިރީ މަޑުކޮށްލި ގޮތަށް އައިރިކް ބުނީ މަޑުމައިތިރިކަމާއެކު ތަންކޮޅެއް މަޑުންނެވެ.
"ހާލު ބަލާލަން އައީ. ފޯނުކުރިޔަސް ރިކް ޖަވާބެއް ނުދެމެންނު." ޝަހާ ވާހަކަދެއްކިއިރު ވެސް އޭނާގެ ނަޒަރު މާޔަލްއަށް ހުއްޓެމުންދިޔައެވެ. އެކަން އެނގި މާޔަލް އަވަސް އަވަހަށް ހުޅުވާފައި ހުރި ލެޕްޓޮޕާ ނަޒަރު ސީދާކޮށް މަސައްކަތް ކުރާންފެށިއެވެ. އައިރިކްއަށް ނުފެންނަ އިރު ވެސް އެ އަންހެންކުއްޖާ ވަކިކުރާން އެނގުނީތީ އެއީ އޭނާ ދަންނަ ޒުވާނެއްކަން ބުނާން މާޔަލްއަށް އެނގުނެވެ. އެހެންވިޔަސް އެކަމާ ނުވިސްނާން އޭނާ ނިންމީ އައިރިކްގެ ޒާތީ ކަންކަމުގެ ތެރެއަށް ނުވަނުމަށެވެ.
ކައިވެނީގެ ވާހަކަދެކެވިގެން ދެ މީހުން ދެބަސްވީފަހުން އެގެއަށް ޝަހާއެއް ނާދެއެވެ. އައިރިކްއާ ވާހަކައެއް ވެސް ނުދެއްކެއެވެ. ދެމެދުގައި އޮތް ގުޅުން ހީނަރުވާން ނޭދޭތީ އެންމެފަހުން އިސްނެގީ ޝަހާއެވެ. އައިރިކް އިސްވެ އޭނާ ކޮބާތޯ ނުބަލާނޭކަން ޔަގީނާ ގާތަށް އެނގޭތީއެވެ.
"އެއީ ކާކު؟." ޝަހާ ސުވާލު ކޮށްލިއެވެ. އޭނާ ވެސް ވާހަކަދެއްކީ މަޑުންނެވެ.
"އޮފީހުގެ މަސައްކަތެއްގަ މިއިނީ." މާޔަލް އިން ދިމާއަށް އައިރިކް ކުޑަކޮށް މޫނު އަނބުރާލައި ވާހަކަދެއްކިއެވެ. މާޔަލްއަށް އެ އަޑު ސާފުކޮށް އިވުނެވެ. އެހެންވިޔަސް އޭނާ އިސްއުފުލާ ބަލައެއް ނުލިއެވެ. އޭނާ ދައްކަން ބޭނުންވީ އެމީހުންނަށް ސަމާލުކަމެއް ނުދީ މަސައްކަތުގައި މަސްޢޫލުވެފައި އިންކަމެވެ.
"ރިކް..." ޝަހާ ގޮވާލައި ވާހަކައެއް ބުނަން ގަސްދުކުރިއެވެ. ނަމަވެސް ހަމައެހިނދު އައިރިކް އެދުނީ އޭނާއާއެކު ޝަހާ އައުމަށެވެ. ކޮޓަރިން ނުކުންނަން އައިރިކް ދިއުމުން ޝަހާއަށް ޖެހުނީ ފަހަތުން ދާށެވެ. ލޯ ކުރިމަތިން ގެއްލުމުގެ ކުރީން އަދިވެސް އެއްފަހަރު މާޔަލްއަށް ޝަހާ ބަލާލިއެވެ. އެހިނދު ދެ އަންހެންކުދީންގެ ނަޒަރު ސީދާ ވެލިއެވެ. އަވަސްއަވަހަށް މާޔަލް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ޝަހާ ގޮވައިގެން އައިރިކް އެތަނުން އެ ދިޔައީ މާޔަލްގެ ކުރިމަތީ ވާހަކަނުދައްކަން ވެގެންކަން ޚުދު އޭނާއަށް ވެސް އެނގެއެވެ.
ބައިގަޑިއިރެއްހާއިރު ފަހުން އައިރިކް އެނބުރި ކޮޓަރިއަށް އައެވެ. އޭނާ އެކަންޏެވެ. އަދި މެންދުރުގެ ކެއުމަށް މަސައްކަތް މެދުކަނޑާލުމުގެ ޚިޔާލު އައިރިކް ފާޅުކުރިއެވެ. މާޔަލް އެންމެ ރަނގަޅޭ ބުނުމުން އިތުރު ވާހަކައެއް އައިރިކް ނުދެއްކިއެވެ. ސިނގިރޭޓެއް ރޯކޮށްލައި ސިނގިރޭޓުފޮށްޓާއި އަޅިކެނޑި ހިފައިގެން އޭނާ ނުކުތީ މަސްފެންގަނޑު ކައިރިއަށެވެ. އެތަނުގައި ހުރި މޭޒުގެ ދޮށުގައި އޭނާ އިށީނީއެވެ. ސޯފާއިން ތެދުވެގެން އައިސް ދޮރުކަނީގައި ލެނގިލައިގެން މާޔަލް މަޑުކޮށްލިއެވެ. އައިރިކްއާ މަސައްކަތެއް ކުރެވުނު ފުރަތަމަ ދުވަހަށްވީމާ އެއީ އޭނާއަށް ލިބުނު ކުރިއެރުމެއްކަމުގައި މާޔަލް ދުށްޓެވެ. އައިތަން ދެއްކި ވާހަކަތައް މަތިން އޭނާ ހަނދާންވިއެވެ. އައިތަން ބުނިހެން އައިރިކްއަށް އޭނާގެ މަސައްކަތްތައް ވަރަށް ރަނގަޅަށް އެނގެއެވެ. މާޔަލް ކަމެއް ފާހަގަކޮށްލަންވާއިރަށް އެކަމެއް އައިރިކް ސާފުކޮށްދެއެވެ. އޭނާއަށް މަސައްކަތާ ގުޅިގެން ނޭނގޭ އެއްވެސް ކަމެއް ނެތް ފަދައަކުންނެވެ. ދޮރުމަތީ ހުރި މާޔަލްގެ ނަޒަރު އެދިމާއަށް ފުރަގަސްދީގެން އިން އައިރިކްއަށް ހުއްޓާލިއެވެ. ރޯކުރެވިފައިވާ ސިނގިރޭޓުން އިރުއިރުކޮޅާ އޭނާ ދުންތައް ދޫކޮށްލުމާއެކު ފަޒާގެ ތެރެއަށް އެ ދުންތައް އަރައިގެން ދާގޮތް ފެނެއެވެ. އިސްތަށިގަނޑުގައި ދޭތެރެއަށްކުން އަތްހިންގާލާ ގޮތުން ހީވަނީ ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އައިރިކްއަށް ލިބިފައިވަނީ ހެންނެވެ.
ފުލުފުލުގައި ދެ ސިނގިރޭޓު ހުލި ކުރުމަށް ފަހު އައިރިކް ތެދުވިއެވެ. އޭނާ އައިސް ގޭތެރެއަށް ވަނެވެ. ސޯފާގައި އިށީނުމާއެކު މާޔަލްއަށް ގޮވާލައިފިއެވެ. ފިކުރުތަކުން އެއްކިބާވާން އޭނާއަށް އޮތް ފުރުޞަތަކީ މަސައްކަތެވެ. މާޔަލް އައިސް ސޯފާގައި އިށީނެވެ. އައިރިކްއަށް ބޮސްއޭ ކިޔާ އޭނާ ގޮވާލިއެވެ. ސިނގިރޭޓު ވަސް ދުވާކަން މާޔަލް ބުނެލުމާއެކު އޭނާ ސެންޓު އަޅައިގެން ގެންގުޅޭ ކުޑަ ފުޅި އަތްދަބަހުގެ ތެރެއިން ނެގިއެވެ. އައިރިކްގެ އަތަށް ދަމާލުމާއެކު އެ ފުޅުން އިސްޕްރޭ ކޮށްލިއެވެ. އަދި ކޮޓަރިތެރެއަށް ވެސް ސްޕްރޭކޮށްލިއެވެ. އެއާއެކު އިހުނަށްވުރެ އައިރިކްގެ ބޮލުގައި ރިހުން ގަދަވެއްޖެއެވެ. އިޚްތިޔާރަކާއި ނުލާ ރުޅި އާދެވިއްޖެއެވެ. މާޔަލްއާ ދިމާއަށް ހަޅޭލަވައިގަތެވެ. ދުރަށްދާށޭ ބުނީ ހަރުކަށި ބާރު އަޑަކުންނެވެ. މާޔަލް ވަގުތުން ހުއްޓުން އެރިއެވެ. ހަޤީޤަތުގައި ކުށްވެރިއަކީ އައިރިކްއަށް ދުވި ސެންޓުގެ ވަހެވެ. އައިރިކްގެ ބުއްދިއާ އެ ވަސް ކުޅޭތީއެވެ. ހިތްހަމަނުޖެހިފައި ހުއްޓާ އެކަމުގެ މައްޗަށް އިތުރު ހިތްހަމަނުޖެހުމެއް ލިބިގެން ދިއުމުން ހުރިހާ ރުޅިއެއް އައިރިކް ބޭރުކޮށްލީ މާޔަލްއަށެވެ.
"ނުބައިވަސް ދުވާނަމަ ރީތިކޮށް ވެސް ބުނެވުނީހެއްނު." މާޔަލް ވާހަކަދެއްކީ ނުހަނު ބާރަށެވެ.
"އާން. ނުބައިވަސް ދުވާ... ދެން ބޭނުންކޮށްގެން ނުވާނެ." އައިރިކް ހަޅޭލަވައި ގަތްއިރު އެ ވާހަކަތަކުގައިވަނީ ހަގީގަތެއް ނޫނެވެ.
"ހުރިހާ ފްރަސްޓްރޭޝަނެއް ބޭރުކޮށްލެވުނީމަ ބުނޭ. މީނީ އަޑުއަހަން. އަޑުގަދަކޮށް ހަޅޭލެވިޔަސް ވަރިހަމަ... ހަމައަކަށް އެޅުނީމަ ބުނޭ." މާޔަލް ބުނެލިއެވެ. އައިރިކްއަށް ދަތްކުނޑިވިކާލެވުނެވެ. އޭނާ ބުނާހާ އެއްޗަކަށް މާޔަލް ފަސް ނުޖެހޭތީއެވެ. ހަމައަނެއްކޮޅުން އޭނާއަށް މާޔަލް ކަމުދާން ފެށީ ވެސް އެ ސިފައާ ހުރެއެވެ. ހަޅޭލެވުމަކީ ބޭކާރު ކަމަކަށް އައިރިކްއަށް ވިސްނުނީއެވެ. އޭނާ ތެދުވި ގޮތަށް އައިސް ވަނީ ނިދާ ކޮޓަރިތެރެއަށެވެ. އޭނާ ވަދެ ދޮރުފަތް ކަހާލަންދެން އެ ދިމާއަށް ބަލަން މާޔަލް އިނެވެ. ދެން ހަށިފުރާ ފުންނޭވާއެއް ދޫކޮށްލުމާއެކު މޫނުގައި ދެއަތުން ފިރުމާލައިފިއެވެ. ބައެއްފަހަރު މާޔަލްއަށް ވެސް ގަސްދަކާނުލާ ރުޅިއާދެވޭ ގޮތްވެއެވެ. އައިރިކްގެ ކަންތައް ހުންނަނީ އެފަދަ ގޮތަކަށްވީމައެވެ. ސަބަބަކަށްވާ ކަހަލަ ސަބަބެއްނެތި ވެސް އައިރިކްގެ މިޒާޖު ކުއްލިއަކަށް ބަދަލުވެދޭވިއްޔާއެވެ. އޭނާއާ ކުރިމަތިލުމަކީ ހަށިގަނޑުގެ ހަކަތަ ހުސްވާކަމެއްކަން އެންމެ ފުރަތަމަ ދުވަހުވެސް މާޔަލްއަށް އެނގުނެވެ.
މަޑުމަޑުން ސޯފާއިން ތެދުވެގެން މާޔަލް ނުކުތީ ބޭރަށެވެ. މަސްފެންގަނޑުގެ ކައިރީ ހުއްޓިލުމާއެކު އޭގައި އުޅޭ މަސްތަކަށް އޭނާ ބަލަން ފެށިއެވެ. އެވަގުތު އިވާންގެ އަޑު އަހާލާ ހިތް އޭނާ ވިއެވެ. މެސެޖުކޮށްލުމެއްނެތި އިވާންގެ ނަންބަރަށް އޭނާ ޑަޔަލްކޮށްލިއެވެ. އެހާމެ އަވަހަށް އިވާން ފޯނުކޯލަށް ޖަވާބު ވެސް ދީފިއެވެ.
އެނދު ހުރަހަށް އުއްޑުން ވެއްޓިގަނެގެން އޮތް އައިރިކްގެ ރުޅި ފިނިވަމުން އައެވެ. މާޔަލްއާ މެދު ކަންތައް ކުރެވުނު ގޮތް ވެސް އޭނާ ހިތަށް އަރަންފެށީ ދެނެވެ. ކޮޓަރީގައި އައިރިކްއަކަށް ނޯވެވުނެވެ. އޭނާ ނުކުންނަންދެން މާޔަލް އިންނާނޭކަން އެނގެއެވެ. މާޔަލްގެ އެހީތެރިކަން ބަލައިގަނެ މަސައްކަތްތައް ފަށައިގަނެވުނީ އަދިކިރިޔާއެވެ. ތަޖުރިބާއެއް ނެތުމުން މާޔަލްއަށް މަސައްކަތާ ބެހޭ ކޮންމެ ކަމެއް އައިރިކްއަށް ޖެހުނީ އޮޅުންފިލުވައިދޭށެވެ. އެހެންވިޔަސް އޭނާ މާޔަލްއާއެކު މަސައްކަތްތައް ފެށީ ކުރާ ހިތުންނެވެ. އެކި ޚިޔާލުތަކުގައި ހުރެ ނިދާބައިގެ ދޮރުފަތް އައިރިކް ކަހާލީ މަޑުމަޑުންނެވެ. މާޔަލް އިންހެން އޭނާއަށް ހީނުވުމުން ކުއްލިއަކަށް ހިތުގެ ތެޅުން އަވަސްވެލިއެވެ. ސޯފާތަކާ ކައިރިއަށް އައުމުން ވެސް އިތުރު މީހަކު އެތަނުގައި އިންކަމުގެ އިޙްސާސެއް އައިރިކްއަށް ނުކުރެވުނެވެ. ތުންފިއްތާލާފައި ވެސް މާޔާގެ ނަމުން އައިރިކް ގޮވާލިއެވެ.
"މާޔާ ދިޔައީތަ؟. އެކަމަކު... ކިތައް ފަހަރު ދާށޭ އަހަރެން ގޮވަން. އެހެންޏާ ނުދޭ... ނުދާނަމޭ ދިމާލަށް ބުނޭ. ދެން މިއަދު ދިޔައީ ކީއްވެ؟." އައިރިކް އަމިއްލަ ހިތާ ވާހަކަދައްކަމުން ކުރިޔަށް އައެވެ. ބޭރުން މާޔަލްގެ އަޑު އިވުނީ އެވަގުތެވެ. އޭނާ ކޮންމެވެސް މީހަކާ ވާހަކަދައްކަނީކަން އެނގި އެ ދިމާއަށް އައިރިކް އައެވެ. ގޮވާލުމުގެ ބަދަލުގައި އޭނާ މަޑުކޮށްލީއެވެ. މާޔަލް ވާހަކަދައްކަނީ ކާކާތޯ އެނގެން ބޭނުންވީއެވެ.
* * * * *
"މަލް." މޭޒު ކައިރީ ހުއްޓުނު ޒުވާނާ ގޮވާލިއެވެ. އެހިނދު މަލަކްއާއި އޭނާއާއެކު ތިބި ދެ އެކުވެރީންނަށް ބަލާލެވުނީ އެކީގައެވެ. ހައިރާންކަމުގެ ތެރެއިން މަލަކް ހިނިތުންވެލިއެވެ. ކޮފީއަކަށް އެންމެ ގާތް ރަޙުމަތްތެރީންނާއެކު އަރާ ތިއްބާ ދައްޔާނާ ދިމާވެދާނޭ މަލަކް ހިޔެއް ނުކުރެއެވެ.
"ދައްޔާން." މަލަކް ވެސް ނަން ކިޔާލިއެވެ.
"އަހަރެން ޖޮއިންވިއްޔާ އުނދަގޫވާނެތަ؟." ދައްޔާނު އަހާލިއެވެ. ތިން އަންހެން ކުދީންނަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. ކޮންމެ މީހަކު އަމިއްލައަށް އޯކޭއޭ ބުނެލައިފިއެވެ. އެއާއެކު މަލަކްގެ ކައިރީ ހުސްކޮށް އޮތް ޖާގައިގަ ދައްޔާނު އިށީނެވެ.
ކޮފީ ނިމުނުއިރު ބިލުގައި ހިފީ ދައްޔާނެވެ. ރެސްޓޯރެންޓުން ނުކުމެ ތިން އަންހެން ކުދީން އެކުގައި ހިނގައިގަތުމުން މަލަކްއަށް ދައްޔާނު ގޮވާލިއެވެ. މަލަކް ހުއްޓުމުން ޖުމާއާއި މަރިޔަމްއަށް އެއްޗެއް ވިސްނި މަޑުމަޑުން ދުރަށް ހިނގައިގަތެވެ.
"ގެއަކަށް ނޫންތަ ދަނީ؟." ދައްޔާނު އަހާލިއެވެ.
"މަރީމެންގޭ ދޮށުގައި ސައިކަލު ހުންނާނީ. ޖުމާ ގެއަށްލާފަ ދާނީ." މަލަކްގެ އާންމު ރޫޓިން ކިޔާދިނެވެ.
"އެހެންވީރު އަހަރެން ބްރިޖް ކައިރީ މަޑުކުރާނަން." ދައްޔާނު ބުންޏެވެ.
"އެކަމަކު... ކިހިނެއް ޔާނު ހޯދާނީ." މަލަކްއަށް ބުނެވުނެވެ.
ދައްޔާނު ފޯނު ނެގިއެވެ. ނަންބަރު ނޯޓުކުރާށޭ މަލަކް ގާތުގައި ބުނެލިއެވެ. މަލަކް އަވަހަށް އަތްދަބަހުގެ ތެރެއިން ފޯނު ނެގިއެވެ. ދައްޔާނު ކިޔާ ވަރަކަށް ނަންބަރުތައް ފޯނުގައި ޖަހާލައި ރައްކާކޮށްފިއެވެ. މަލަކް ކައިރީ ގުޅާށޭ ބުނެފައި ދައްޔާނު އެނބުރިލީ ސައިކަލު ބަހައްޓާފައި ހުރި ހިސާބަށް ދާށެވެ. ކާމިޔާބީގެ ހިނިތުންވުމަކާއެކު މަލަކް އައިސް ދެ އެކުވެރީންނާ އަރާ ހަމަކުރިއެވެ. ފަހަތުން ދައްޔާނު ނާންނަކަން ޔަގީންކޮށްފައި ޖުމާ ވާހަކަދެއްކިއެވެ.
"ކީކޭ ބުނީ." ޖުމާ އަހާލިއެވެ.
"ނަންބަރު ލިބިއްޖެ. އޭނަ ވެއިޓް ކުރާނަމޯ... ބްރިޖް ކައިރިޔަށް އައިސް ގުޅާށޯ." ހެވިފައި ހުރެ މަލަކް ކިޔާދިނެވެ.
"އަލުން އެކަން ކުރާން ދޯ ތިވިސްނަނީ." މަލަކްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަމުން އައި މަރިޔަމް ބުންޏެވެ.
"މަރީ ވެސް ބުނީމެންނު މިހާރު ދައްޔާނު ސަޅިއޭ. ގުޅޭ ކަހަލައޭ." މަލަކް ބުނެލިއެވެ.
އަމިއްލަ ހިތް ދައްޔާނު ބަލައިގަނެފައިވާ މިންވަރު އެކުވެރީންނަށް ވެސް މަލަކް އަންނަނީ ސިއްރުކުރަމުންނެވެ. އޭނާގެ ހާޔާލާތުގައިވަނީ ދެ ފިރިހެނުންނެވެ. ތަފާތަކީ އެކަކު އޭނާގެ ލޮލަށް އަދި ނުފެނުނެވެ. ހުންނަ ގޮތް އެނގެން ބޭނުންވެ މަލަކްގެ ކެތްތެރިކަންވަނީ ކުޑަވެފައެވެ. އެހާވަރުން އެމީހެއްގެ ސޫރަ ދުށުމަށް މާޔަލް ބޭނުންވަނީ އަމިއްލަ އެދުމެއްގެ ސަބަބުންނެވެ. ދައްޔާނުގެ ރީތިކަމާއި ފުރިހަމަކަމާ އަޅާކިޔާށެވެ. ދެ ޒުވާނުންގެ ތެރެއިން މަލަކް އެދޭފަދަ ފުރިހަމަކަމެއް ލިބިފައިވަނީ ކާކަށްތޯ ބެލުމަށެވެ. ހިތް ދޭން ބޭނުންވަނީ އެ ތަނުން އެންމެ ފުރިހަމަ ޒުވާނާ އަށެވެ.
އެކުވެރިޔާ ގެންގޮސް ގެއަށް ލާފައި މަލަކް ހުޅުމާލެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ބްރިޖާ ހަމައަށް ނުކުމެފައި ފޯނު ނެގީ ދައްޔާނަށް ގުޅާށެވެ. ކޯލު ރިންގުވާން ފެށިއިރު މަލަކްގެ ކަނާއަތް ފަރާތުން އައިސް މަޑުކޮށްލި ސައިކަލުގައި އިނީ ދައްޔާނެވެ. ހިނިތުންވުމެއް ދެ މީހުން ބަދަލުކޮށްލިއެވެ.
"ވަރަށް ލަސްވަންދެން މަލް ބޭރުގަ އުޅޭން ދޯ." މަލަކްއާ އެއްވަރަށް ދުއްވަމުން އައި ދައްޔާނު އަހާލިއެވެ.
"އެގާރަ ޖަހާއިރު ހުންނާނީ ގޭގަ. އެއީ އެހާ ލަހެއްނޫނެއްނު." މަލަކް ބުންޏެވެ.
އެފަދަ އެތައް ސުވާލަކާއި ވާހަކައެއް ދަތުރުމަތީ ދެކެވުނެވެ. މަލަކްއާއެކީ އޭނާ އުޅޭ އިމާރާތުގެ ކައިރިއަށް ދައްޔާނު އައިސް މަޑުކުރިއެވެ. ދަނީކަން މަލަކް ހާމަކުރުމުން ދައްޔާނު ގޮވާލީ އިތުރު ވާހަކައެއް ދައްކާލަން ބޭނުންވެފައި އިންހެނެވެ.
"އޯކޭތަ އަހަރެން ގުޅާލިޔަސް." ދައްޔާނު އަހާލިއެވެ. މަލަކް ގަސްދުގައި ޖަވާބު ދިނުން ލަސްކޮށްލިއެވެ. ނަޒަރު ސީދާކޮށްލައިގެން އިންނަން ދައްޔާނަށް އުނދަގޫވެފައި އިން ކަހަލައެވެ. އެ އަސަރުތަކުން މަލަކްއަށް ބަޔާންކުރާން ދަތި އުފަލެއް ލިބެމުންދިޔައެވެ.
"މަލް ޤަބޫލުނޫނިއްޔާ ނުގުޅާނަން. މީ ނުދައްކާ ވާހަކައެއް." މަލަކް ވާހަކަނުދައްކާ ގިނައިރުވާން ފެށުމުން ދައްޔާނު ނިކަން އަވަހަށް ބުނެލިއެވެ. އެހިނދު މަލަކްގެ ލުއި ހީނލުމުގެ އަޑު އިވިލިއެވެ.
"އޯކޭ ގުޅިޔަސް." މަލަކް ބުންޏެވެ.
* * * * *
ބާއްވަނީއޭ މާޔަލް ބުނުމުން އޭނާ ހުރީ ފޯނުކޯލެއްގައި ކަން އައިރިކްއަށް އެނގުނެވެ. އެހެންވިޔަސް ވާހަކަދެއްކީ ކާކާކަމެއް ސާފެއްނުވިއެވެ. ލަފާކުރީ އައިތަންއާ މާޔަލް ވާހަކަދެއްކީ ކަމެވެ. އެއާއެކު އެ ދެމެދުގައި އޮތް ގުޅުމާމެދު އައިރިކް ސުވާލު އުފެދުނެވެ. އައިތަންއަށް މާޔަލް އެނގެނީ ކޮންގޮތަކުންތޯ އެނގެން އޭނާ ބޭނުންވެއެވެ. ޚިޔާލުތަކުގައި ހުރި އައިރިކް ސިހުނީ ދޮރުން ވަންނަން އައި މާޔަލް ހަޅޭލަވައިގަތީމައެވެ.
"ސިއްސައިގެންނޭ ދިޔައީ. ފިލާ ހުންނާނޭކަމެއް ނޭނގޭ ވިއްޔާ." މާޔަލް ބުނެލިއެވެ.
ދޮރުކައިރީ ފާރުގައި ލެނގިލައިގެން ހުރި އައިރިކްގެ ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން އޭނާ ފޮރުވާލިއެވެ. އެތަނުގައި އޭނާ އެ ހުރީ މާޔަލް ސިއްސުވާލުމުގެ ގަސްދުގައެއް ނޫނެވެ. އެހެންވިޔަސް މާޔަލް ސިހުނީމާ އައިރިކްއަށް މަޖާވެއްޖެއެވެ. އެތެރެއަށް ވަދެގެން ދާން އުޅުނު މާޔަލްއަށް އައިރިކް ހުރަސް އެޅިއެވެ. އެއް އަތް ކުރިޔަށް ދަމާލީ މާޔަލްގެ އަތުގައި ހިފާން ބޭނުންވިޔަސް އެވަގުތު އެކަން ކުރާން އުނދަގޫވެގެންނެވެ. އެހެންވިޔަސް އައިރިކް ނުހަނު ހުސިޔާރެވެ. އޭނާގެ ދަމާލެވިފައިވާ އަތް ތިރިކޮށްލުމަށް މާޔަލް ޖައްސާލި އަތުގައި އައިރިކް ހިފިފައިއެވެ. މަޑުމަޑުން ކައިރިއަށް އައިރިކް ޖެހިލީ މާޔަލްއާ ވާހަކަދައްކަން ގަސްދުކޮށެވެ.
"މާޔާއާ ކުރީން ބައްދަލުވީހެން ކީއްވެ ހީވާންވީ. އަހަންނަށް މާކުރީން ވެސް މާޔާ އެނގެޔޭ ހީވަނީ." މަޑުމަޑުން އައިރިކް ބުނެލިއެވެ. (ނުނިމޭ)