ބޯހިމެނުން

ބޯހިމެނުން: ތާރީހު އަވަސް ކޮށްފި

މިއަހަރު ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތް ފަށާ ތާރީހު އަވަސް ކޮށްފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނީ ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެންބަރު އިން 25 ސެޕްޓެންބަރުގެ ނިޔަލަށް ކަމަށެވެ. ކުރީން އޮތީ ސެޕްޓެންބަރު 17 ގައި ފަށާ ގޮތަށެވެ.

މި އަހަރުގެ ޝިއާރަކީ "8 ބިލިއަން މީހުންގެ ދުނިޔެއެއް: ކެތްތެރި މުސްތަގުބަލަކާ ދިމާއަށް، ފުރުސަތުތައް ބޭނުންކޮށް އެންމެންނަށް ހައްގުތަކާއި އިހްތިޔާރުތައް ކަށަވަރުކުރުން" މިއެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިއަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.