ޓީޗަރުންނާ ގުޅޭ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅޭ ފަރާތްތަކަށް ލަފާ ދިނުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ހުށަހަޅައިފި އެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ޓީޗާސް ރިސާޗާ ގުރޫޕުން ކުރި ދިރާސާއަށްފަހު އެކުލަވާލާފައިވާ ރިޕޯޓްގަ އެވެ.
ރިޕޯޓްގައި ހުށަހަޅާފައިވަނީ އަށް ބޭފުޅުން ހިމެނޭ ގޮތަށް މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލުމަށެވެ. ކޮމިޓީގެ ޗެއާ އަކަށް އެޑިޔުކޭޝަން މިނިސްޓަރު އައްޔަންކުރަން ލަފާ ދީފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއް ކޮމިޓީގެ އޯލްޓަނޭޓިވް ޗެއާގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ހުށަހަޅާފައިވެ އެވެ.
މިގޮތަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި، ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައެވެ.
ކޮމިޓީގައި ތިބުމަށް ހުށަހަޅާ އެހެން މެންބަރުންނަކީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މެންބަރަކާއި، ޓީޗާސް ރެޖިސްޓްރޭޝަން ބޯޑުގެ މެންބަރަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް އަދި ސްކޫލް އެޑްމިނިސްޓްރޭޝަންގެ މަންދޫބަކާއި، މަދުވެގެން 10 އަހަރު ކިޔަވައިދިނުމުގައި ހަރަކާތްތެރިވެފައިވާ ދެ ޓީޗަރެއްގެ އިތުރުން ތަޖުރިބާކާރު ޕްރިންސިޕަލެކެވެ.
މި ކޮމިޓީގެ ނަމަކަށް "ޓީޗާސް އެންހޭންސްމަންޓް ކޮމިޓީ" ނުވަތަ އެކަށީގެންވާ ނަމެއް ކިޔުމަށްވެސް އެދިފައިވެ އެވެ. ކޮމިޓީގެ އިދާރާގެ ގޮތުގައި ހަމަޖައްސަން ހުށަހަޅާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީ އެވެ.
ކޮމިޓީ ހިންގަން ލަފާ ދީފައިވަނީ ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން މަގުސަދުތައް ހާސިލްކުރެވޭ ގޮތަށެވެ.
ކޮމެޓީގެ މަގުސަދުތަކުގެ ތެރޭގައި ޓީޗަރުންގެ މަސައްކަތްތަކަށް އެކަށީގެންވާ ގޮތަށް ރަނގަޅު މުސާރައެއް ދިނުމަށް ބާރުއެޅުމާއި، އިނާޔަތްތައް ހަމަޖެއްސުމާއި، ބައެއް ސްކޫލުތަކުގައި އިތުރަށް ޓީޗަރުން ތިބި ކަމަށް ފާހަގަކުރެވޭނަމަ އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާއި، ޓީޗަރުންގެ ވޯކް-ލައިފް ބެލެންސް ހާސިލްކުރުމަށް މަގުފަހިކުރުމާއި، މުވައްޒަފުން ރެކްރޫޓްކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރުން ވެސް ހިމެނެ އެވެ.