ހުސައިން އަމްރު

ޖޫންގައި 300 ކުދީން އުފަންނުވޭ، އާބާދީ އިތުރު ކުރަން ފަށަން ޖެހޭ: އަމްރު

ޖޫން މަހު އުފަންވީ ކުދީންގެ އަދަދު 300 އިން ދަށް ކަމަށާ އާބާދީ އިތުރު ކުރަން ފަށަން ޖެހޭ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. އަމްރު މިހެން ވިދާޅުވީ ދުނިޔޭގެ އާއިލާތަކުގެ ދުވަހުގެ މުނާސަތުގައި އާރުޑީސީ އިން ކޮށްފައިވާ ޓްވީޓަކާއި ގުޅިގެންނެވެ. މި އަހަރުގެ ޝިއާރަކީ "ރަނގަޅު މުސްތަގްބަލަކަށްޓަކައި އާއިލާ ރާވާ ފައިދާހުރި ގޮތެއްގައި ކޮންޓްރޯލް ކުރުމަށް ވައުދުވަމާ ހިނގާށެވެ،" މި ޝިއާރެވެ.

އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ އަމްރު ވިދާޅުވީ އާބާދީ އިތުުރުވުން ކޮންޓްރޯލް ކުރުމުގެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށެވެ. އަދި އުމުުރުން ދުވަސްވީ އާބާދީ ނިމުމުގެ ކުރީން އާބާދީ އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި މިދިޔަ ޖޫން މަހު 300 ކުދީންވެސް އުފަން ނުވެއެވެ. އެ މަހު އުފަންވީ ކަމަށް ރެކޯޑް ކުރެވިފައިވަނީ 241 ކުދީންނެވެ. އަމްރު މި ތަފާސް ހިސާބުތައް ހޯދާފައިވަނީ އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯ އިން ދޭ ހަދިޔާ ދިން މިންވަރަށް ބަލާފައެވެ. އަމްުރު ވިދާޅުވީ ދެކުުނުގައި ކުދީން އުފަންވީ ނިސްބަތް އަދި މާ މަދު ކަމަށެވެ.

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން ވަނީ އައިޖީއެމްޗްގައި އުފަންވީ 71 ކުއްޖަކަށާއި ހުޅުމާލެ ހޮސްޕިޓަލްގައި އުފަންވި 15 ކުއްޖަކަށާއި ޓްރީޓޮޕްގައި އުފަންވި 50 ކުއްޖަކަށާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 37 ކުއްޖަކަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 18 ކުއްޖަކަށާއި ގަމު ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 16 ކުއްޖަކަށާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އުފަންވި ނުވަ ކުއްޖަކާއި ފުވައްމުލަކު ހޮސްޕިޓަލްގައި އުފަންވި ހަތް ކުއްޖަކަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އުފަންވި 18 ކުއްޖަކަށް ހަދިޔާ ދީފައެވެ.