ގްރީން ޓެކްސް

ގްރީން ޓެކްސް 27 ޕަސެންޓް އިތުރު ވެއްޖެ

Jul 13, 2022

މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 27 ޕަސެންޓް އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ޖެނުއަރީން ޖޫންގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 398 މިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު ލިބުނީ 547 މިލިއަން ރުފިޔާ އެވެ. މިއީ 27 ޕަސެންޓުގެ އިތުރު އަދަދެކެވެ.

މި ޓެކުހުން ޖޫން މަހު ލިބިފައިވަނީ 70 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ގްރީން ޓެކުހުގެ ގޮތުގައި 59 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު ގްރީން ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބިފައިވަނީ 35 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 26 މިލިއަން ޑޮލަރެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.