ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ލަންކާއިން ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން އެހީތެރިވުމާ ގުޅިގެން ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން މުޒާހަރާކުރަން ފަށައިިފި އެވެ.
ލަންކާ ރައްޔިތުން މުޒާހަރާ ކުރަން އެއްވީ މާލޭގެ ކާނިވާ ސަރަހައްދަށް މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ލަންކާ ރައްޔިތުން އެއްވުމާ އެކު ދިވެހި ފުލުހުން ދަނީ އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސަމުންނެވެ. އަދި އެމީހުން ވަނީ ފުލުހުންނަށް އެއްބާރުލުން ދީފަ އެވެ.
ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދިނުމަށާއި އެއްބާރުލުން ނުދޭނަމަ ހައްޔަރުކުރަން ޖެހިދާނެ ކަމަށްވެސް ލަންކާގެ ރައްޔިތުން ކައިރީ ފުލުހުން ދަނީ ބުނަމުންނެވެ.
ލަންކާ ރައްޔިތުން މުޒާހަރާ ކުރަން ފެށި ނަމަވެސް އެ މީހުންނާއި ފުލުހުންނާ ދެމެދު އަދި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.
ލަންކާގެ ރައީސް ގޮތަބަޔާ ފިއްލެވުމަށް ރާއްޖެއިން އެހީތެރިވެފައިވާތީ މުޒާހަރާ ކުރާ ލަންކާ މީހުން ގެންދަނީ އެކަން ކުށްވެރިކުރަމުންނެވެ. އަދި ދިވެހި ސަރުކާރުން ގޮތަބަޔާ ލަންކާއާ ހަވާލުކުރުމަށްވެސް އެއްވި މީހުން ދަނީ ގޮވަމުންނެވެ. އަދި ގޮތަބަޔާ އެނބުރި ގައުމަށް ދިއުމަށްވެސް އެމީހުން ގޮވާލާފައިވެ އެވެ.