ޖަރުމަން

ޖަރުމަނުގައި ހަކަތަ އުފައްދަން ބޯޓުދެލި އަންދަނީ

ޖަރުމަނަށް ބޭނުންވާ ހަކަތަ އުފައްދަން ބޯޓުދެލި އަންދަން ޖެހިއްޖެ އެވެ. ބޯޓުދެލި އަންދައިގެން ކުރިން ބޭނުންކުރި -- އެކަމަކު މިހާރު ހުއްޓާލާފައި ހުރި، ޕަވާ ޕްލާންޓްތައް ކޮޅަށްޖަހައި ހަކަތައް އުފައްދަން ސަރުކާރުން ވަނީ ކުންފުނިތަކަށް ޚާއްސަ ހުއްދައެއް ދީފަ އެވެ.

ޖަރުމަނަށް މިހާލަތު ޖެހުނީ އަމިއްލައަށް ފޭހުނު އިލޮއްޓެއްގެ ސަބަބުންނެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި، ރަޝިއާއަށް ދަތިކުރަން ހުޅަނގުން އަޅާފައި ހުރި ފިޔަވަޅުތަކުގައި ބައިވެރިވާން ހަދައިގެން ޖަރުމަނަށް ވެސް ވަނީ ރަޝިއާގެ ހަކަތަ މަނާކުރަން ޖެހިފަ އެވެ.

ޖަރުމަނަށް މިހާރު އެތެރެކުރަނީ ކުރިން އެތެރެކުރި ވަރަށް ބަލާއިރު ވަރަށް މަދު މިންވަރެކެެވެ. ހުޅަނގުގެ ވިސްނުމަކީ ރަޝިއާއިން އެތެރެކުރާ ތެލާއި ގުދުރަތީ ގޭސް މަދުކުރަމުން ގޮސް މުޅިން ހުއްޓާލުމެވެ.

ޖަރުމަނަށް ގޭސް ސަޕްލައި ކުރުމަށް ރަޝިއާއިން އަޅާފައި އޮންނަ ހޮޅީގައި ކޮންމެވެސް މައްސަލައެއް ޖެހި މަރާމާތު ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އެހެން ނަމަވެސް މަސައްކަތްތައް މުޅިން ނިމޭނެ ތާރީޚެއް ރަޝިއާގެ ތެޔޮ ކުންފުނި، ގޭޒްޕޮރޮމްއަށް ބުނެދޭން ނޭނގޭ ކަމަށް ޖަރުމަނުން ބުނެ އެވެ.

ޖަރުމަނުގެ ވިސްނުމަކީ ރަޝިއާއިން ގޭސް ގަންނަން އެ ގައުމަށް ހުއްދަ އޮންނަ މިންވަރަށް ގޭސް ހޯދައި ފަހަށް ރައްކާ ކުރުމެވެ. އެއީ ފިނި މޫސުމް ފަދަ ގޭހަށް ބާރުބޮޑު ދުވަސްތަކުގައި ބޭނުން ކުރުމަށެވެ.

ރަޝިއާއަށް ދަތިކުރަން ހުޅަނގުން އެޅި ފިޔަވަޅުތަކުގައި، ހަގީގަތުގައި އެ ގައުމުތަކަށް ލިބޭ ގެއްލުން ކުޑައެއް ނޫނެވެ. އުފުލަން ޖެހުނު ތަކުލީފު ވެސް ވީ ބޮޑެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ހުޅަނގުން ތިބީ ޔުކްރޭން ކޮޅުގަ އެވެ. ހަނގުރާމަ ހުއްޓުވާލުމުގެ ވިސްނުމެއް އެ ގައުމުތަކުގެ ނެތެވެ. ޔުކްރޭނަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވެ ބާރުއަޅަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށެވެ.