އެމްއެމްޕީއާރްސީ

ރާއްޖެ އިޝްތިހާރުކުރަން ކުރިއަށްވެސް ގިނަ ހަރަކާތްތަކެއް

Jul 14, 2022
1

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މިއަހަރު އިތުރު 20 ހަރަކާތެއްގައި ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ބައިވެރިވާން ނިންމާފައިވާ 20 ހަރަކާތަކީ ދުނިޔޭގެ އެކި ގައުމުތަކާއި އެކި ބައްރުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

އަހަރުގެ ބާކީ ދުވަސްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، އެމެރިކާ، ކެނެޑާ، ޖަރުމަން، ސްޕެއިން، ފްރާންސް، ސްވިޒަލޭންޑް، އިޓަލީ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.

އެމްއެމްޕީއާރްސީން ވަނީ މިއަހަރުގެ މިހާތަނަށް ވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ފެއާތަކާއި ރޯޑް ޝޯތަކުގައި ބައިވެރިވުމާއި، ދުނިޔޭގައި ފާހަގަކުރެވޭ މީހުން ރާއްޖެ ގެނެސް އެމީހުން މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުން ހިމެނެ އެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 838،225 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒުގެ 50 ޕަސަންޓް މިހާރު ވަނީ ހާސިލްވެފަ އެވެ.