( 12 ޖުލައި 2022 އާ ގުޅޭ )
އެއް އަތް ކުރިޔަށް ދަމާލީ މާޔަލްގެ އަތުގައި ހިފާން ބޭނުންވިޔަސް އެވަގުތު އެކަން ކުރާން އުނދަގޫވެގެންނެވެ. އެހެންވިޔަސް އައިރިކް ނުހަނު ހުސިޔާރެވެ. އޭނާގެ ދަމާލެވިފައިވާ އަތް ތިރިކޮށްލުމަށް މާޔަލް ޖައްސާލި އަތުގައި އައިރިކް ހިފިފައިއެވެ. މަޑުމަޑުން ކައިރިއަށް އައިރިކް ޖެހިލީ މާޔަލްއާ ވާހަކަދައްކަން ގަސްދުކޮށެވެ.
"މާޔާއާ ކުރީން ބައްދަލުވީހެން ކީއްވެ ހީވާންވީ. އަހަންނަށް މާކުރީން ވެސް މާޔާ އެނގެޔޭ ހީވަނީ." މަޑުމަޑުން އައިރިކް ބުނެލިއެވެ.
"އިބިލީސް ދިޔައީތަ؟." މާޔާ އަހާލިއެވެ. އޭނާ ގަސްދުގައި އައިރިކްގެ ސުވާލަށް ޖަވާބު ނުދިނީއެވެ.
"ވަޓް؟." ދޭހަނުވި ފަދަ ހައިރާންކަމެއް އައިރިކްގެ އަޑުގައި ވިއެވެ.
"ރުޅިއަކީ އިބިލީހުގެ ޢަމަލެކޭ ބައްޕަ ބުނޭ. އެހެންވެ މިއެހީ އިބިލީސް ހިނގައްޖެތޯ." މާޔާ ބުންޏެވެ.
"ތި ހުރިހާ އެއްޗެއް ނުކިޔާ އަދިވެސް ރުޅި އައިސްފަތޯ ހުރީ އަހާލިނަމަ ޖަވާބުދޭން ފަސޭހަވާނެ." އައިރިކް ބުންޏެވެ.
"ފައިން... އަދިވެސް ރުޅިއައިސްފަތަ ތިހުރީ." އައިރިކް އެދުނުހެން މާޔަލް ތަކުރާރުކޮށްލައިފިއެވެ.
"އުހޫން." ދެފަރާތަށް ބޯހޫރާލަމުން އައިރިކް ލައްވާލިއެވެ.
"އެހެންވިއްޔާ ބުނޭ ސޮރީއޭ... އޭރުން މަޢާފުކުރާނަން." މާޔަލް ބުންޏެވެ.
"ކީއްވެ އަހަރެން ބުނަންވީ؟." އައިރިކް ބުނަން ބޭނުންނުވެޔޭ އޭނާގެ މޫނު އަނބުރާލި ގޮތުން ވެސް ދޭހަވިއެވެ.
"އެހެންވިއްޔާ ބުނެދީ. އަސްލު ކީއްވެ ރުޅި އައީ... އެހާ ބާރަށް ހަޅޭލެވީ ކީއްވެ؟. އަތުގައި ހިފީމަތަ؟. ސެންޓު ޖެހީމަތަ؟. ނުބައިވަސް ދުވައޭ ބުނެގެންތަ؟." އައިރިކްގެ މޫނުގައި ހިފައި މާޔަލްއަށް ފެންނާނޭހެން އަނބުރާލިއެވެ. އޭނާގެ އެ ބީހިލުމުން އައިރިކް ލޯ މަރާލިއެވެ. ފުންނޭވާއެއް ދޫކޮށްލިއެވެ. މަޑުމަޑުން މާޔަލްއާ ކައިރިއަށް ޖެހިލިއެވެ. ކުޑަކޮށް ގުދުވެލުމާއެކު މާޔަލްގެ ކޮނޑުގައި އައިރިކް ބޯޖައްސާލިއެވެ.
"މާޔާ... ޕްލީޒް މާޔާ... އަހަރެން މިހުރީ މާޔާގެ ކުރިމަތީ. އަހަރެމެން ކުރީން ބައްދަލެއް ހަމަނުވޭތަ؟." މާޔަލް ކުއްލިއަކަށް ދުރަށް ހިނގައިދާނެތީ އޭނާގެ އަތުގައި އައިރިކް ހުރީ ބާރަށް ހިފަހައްޓައިގެންނެވެ. މާޔަލް ވާހަކައެއް ނުދެއްކިއެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެފައިވާކަން ގައިމެވެ. އައިރިކް ބޯހިއްލާލުމާއެކު ކުރިމަތީގައި ހުރި މާޔަލްއަށް ބަލާފަދައިން ނަޒަރު ހުއްޓާލިއެވެ. މިވަގުތު އޭނާއަށް މާޔަލް ފެންނާނޭނަމައޭ އައިރިކްގެ ހިތަށް އަރަމުންދިޔައެވެ. މަޑުމަޑުން އޭނާގެ ވައަތް ހިއްލާލުމާއެކު ގެނެސް މާޔަލްގެ މޫނުގައި ޖައްސާލިއެވެ. މާޔަލްގެ ކޯތާފަތުގައި ބޮޑުވައި އިނގިލިން ފިރުމާލަމުން މާޔާގެ ނަމުން އައިރިކް ގޮވާލީ ތަފާތު ޖަޒުބާތެއް އެކުލެވިފައިވާހެންނެވެ. އެ ގޮވާލުމުގައި ގާތްކަން ވާކަން މާޔަލްއަށް އިޙްސާސް ކުރެވުނެވެ.
"އެއްޗެކޭ ބުނެބަލަ" އައިރިކް ބުންޏެވެ.
"ކުރީން ވެސް ތި ސުވާލަށް ޖަވާބު ދިނިން." މާޔަލް ބުނެލިއެވެ.
"އެކަމަކު... ތީ ދޮގެއް ދޯ. އަހަންނަށް ނުފެންނާނޭކަން އެނގޭތީ އޮޅުވާލަނީކީ ނޫންތަ؟." އައިރިކްގެ ހިތާއި ޟަމީރު އެކަމާ އެއްބަސްވެއެވެ. ފުރިހަމަ ތެދު ބަހުން މާޔަލް ވާހަކަނުދައްކަނީއޭ ހީވާންވީ ސަބަބެއް ޚުދު އައިރިކްއަށް ވެސް ބަޔާންކުރާކަށް ނޭނގެއެވެ.
"އައިރިކް ބުނެބަލަ. ކީއްވެ އައިރިކްއަށް ހީވަނީ އަހަރެމެން ކުރީން ބައްދަލުވީހެން." މާޔަލް ބުންޏެވެ.
"ނޭނގެ..." އެ ވާހަކަ ދައްކަން އައިރިކް ފަސްޖެހުނީއެވެ. އޭނާއަށް މާޔަލްގެ ދެ ލޯ ފެންނަނަމަ އެ އަންހެންކުއްޖާގެ ހާލަކީ ވެސް އެއީކަން އެނގުނީހެވެ. އައިރިކްގެ ކުރިމަތި ހަޤީޤަތް ހާމަކުރާން މާޔަލް ވެސް އެހެރީ ޖެހިލުންވެފައެވެ. އައިތަންއަށްވުރެ އައިރިކްގެ ނަފުރަތުގެ ހޫނުގެ އަސަރު ގަދަވާނޭކަން އޭނާ ޔަގީންކުރެއެވެ.
"އައިރިކް." މާޔަލް ގޮވާލިއެވެ. ވަގުތުން އައިރިކް ހޫން ލައްވާލިއެވެ. ހީވީ މާޔަލްގެ އަޑު އިވޭނޭ އިރެއްގެ އިންތިޒާރުގައި ހުރިހެންނެވެ.
"ބޮސް. ދެން އަތުން ދޫކޮށްލަންވީނު." އައިރިކްގެ ގާތްކަމުގައި ބެހިގެން ދާހެން ހީވުމުން މާޔަލް އަމިއްލަ ނަފްސުގެ މައްޗަށް ކުރި ހޯދިއެވެ. އޭނާ ބޮސްއޭ ގޮވާލުންވީ އައިރިކް ގަޔާނުވި ކަމަކަށެވެ. އައިރިކް ދަތްކުނޑިވިކާލިތަން މާޔަލް ދުށްޓެވެ. އެހެންވިޔަސް މާޔަލްގެ އަތުން އޭނާ ދޫކޮށްލިއެވެ.
"ކާކާ ވާހަކަދައްކަން ހުރީ؟. އައިތަންއާތަ؟. އޭނާއަށް ހުރިހާ ތަފްސީލެއް ދެންތަ... ޓެލް މީ ސަމްތިން މާޔާ... އައިތަންއާ އޮންނަނީ ކޮންކަހަލަ ގުޅުމެއް؟." މަޑުމަޑުން އައިރިކްގެ އަޑު ހަރުކަށިވެގެން ދިޔައެވެ. ޒާތެއްގެ ފޫހިކަމެއްގެ އަސަރު އެ މޫނުގައި ވިއެވެ.
"މި ދެމެދުގައި އޮތް ފަދަ ގުޅުމެއް." މާޔަލް ބުނެލިއެވެ. އެހިނދު އައިރިކްގެ މޫނު އިހުނަށްވުރެ ފުސްވެއްޖެއެވެ. ޚުދު އައިރިކްއަށް ވެސް އެނގެނީ އޭނާއާއި މާޔަލްއާ ދެމެދު އޮތީ ވެރިޔަކާއި ދަށުން މަސައްކަތްކުރާ މުވައްޒަފަކާ ދެމެދު އޮންނާނޭ ފަދަ ގުޅުމެއް ނޫންކަމެވެ. އޭނާއަށް މާޔަލްއާ މެދު ދެކެވެނީ އެއަށްވުރެ ގާތްކޮށެވެ. އަމިއްލަ ނަފްސުގެ މައްޗަށް އެކަމަށް ބާރެއް ނޯންނަ ފަދައެވެ. ނޭނގޭ ދަމާ ބާރެއް ދެމެދުގައި ވާކަހަލައެވެ. އެ އިޙްސާސާ މެދު ބައެއްފަހަރަށް އައިރިކްއަށް ރުޅިއާދެވެއެވެ. އެހެންވިޔަސް އޭގެ އަސަރެއް ފިލުވައެއް ނުލެވުނެވެ.
"އައިތަން ސާރއާއި އިސާކު ސާރއާ ވެގެން މި ޖޮބަށް އަހަރެން ހޮވީ." އައިރިކްގެ މޫނުގައިވީ އަސަރުތަކުން ރުޅިގަނޑު ފަޅައިގެން ހިނގައިދާނޭ ހީވެ މާޔަލް ބުންޏެވެ.
މަސައްކަތަށް އެނބުރި އައުމަށް އައިރިކް ބުންޏެވެ. އޭނާގެ ކައިރީގަ މާޔަލް ބޭންދޭނެ ގޮތަކީ އެއީކަމަށްވީމައެވެ. އިތުރަށް ކަމެއް އޮޅުން ފިލުވުމުގެ ޚިޔާލު މިވަގުތަށް އޭނާ ދޫކޮށްލީއެވެ. މާޔަލްގެ ކައިރިން ކަމެއް ހޯދުމަކީ ފަސޭހަކަމެއްނޫންކަން އެނގެނީއެވެ. ރުޅިގަނޑު ނުހިފެއްޓި މާޔަލްއާ ދިމާއަށް އެއްޗެއް ބުނެވިދާނޭތީ މިފަހަރު އައިރިކް ވިސްނިއެވެ. އެހެންވާން ނޭދޭތީއެވެ.
ހަވީރުގެ ވަގުތެވެ. ފަހެއް ޖަހައި ހިނގައްޖެއެވެ. މާޔަލްއަށް މިއަދު ވެސް އެގަޑިއަށް ފޯނުކޯލު އަތުވެއްޖެއެވެ. އެއާއެކު އޭނާ ގެއަށްދާން ތައްޔާރުވިއެވެ. އައިރިކް ކައިރީ ދަނީއޭ ބުނުމުން ބޯޖަހާލީއެވެ. މާޔަލް ނުކުތުމުން އައިރިކް ސޯފާއިން ތެދުވިއެވެ. އެހެންޏާ އޭނާ ނުކުރާކަމެއް ކުރިއެވެ. މާޔަލްގެ ފަހަތުން ނުކުންނަން ގަސްދުކުރީއެވެ. މާޔަލްގެ ފިޔަވަޅުގެ އަޑަށް އައިރިކްގެ ކަންފަތް ވަނީ ހޭނިފައެވެ. މާޔަލް ވަކިކުރާން އެ ހިތް ދަސްކޮށްފައިވާ ކަހަލައެވެ. ބޮޑުކޮޓަރިއާ ހަމައަށް ނުދެވެނީސް އައިރިކްގެ ކަންފަތުގައި ޖެހުނީ އައިތަންގެ އަޑެވެ. މާޔަލްއާ ދެމީހުން ވާހަކަދައްކަނިކޮށް އައިރިކްއަށް އަޑުއިވުނެވެ. އައިތަން އެ އައީ މާޔަލް ބަލާކަން އެނގުނެވެ. އެތައް ސުވާލެއް ޖަވާބު ބޭނުންވެގެން އައިރިކްގެ ސިކުނޑި ކާންފެށިއެވެ. އޭނާއާ މާޔަލް ވާހަކަދައްކާއިރު "ބޮސް" ކިޔަން އާންމުވިޔަސް އައިތަންއާ އެފަދަ މޭރުމުން މުޚާޠިބު ކުރާތީ ނީވުނެވެ. ކުރީން ވެސް އައިރިކްއަށް ހީވެފައި އޮތް ހީވުން ޔަގީނާ ގާތްވިއެވެ. މާޔަލް ތެދުބަހުން ވާހަކަނުދައްކާކަމެވެ. އައިތަންއާ އޮންނަނީ މާޔަލް ބުނާފަދަ ގުޅުމަކަށްވުރެ މާގާތް ގުޅުމެއްކަމެވެ. ޕޯޓިކޯއާ ހަމައަށް އައިރިކް ނުކުތެވެ. އޭނާގެ ކަންފަތަށް ގޯތިތެރެއިން ނައްޓާލި ކާރުގެ އަޑު އިވިއިވި ހުއްޓެވެ.
"ރިކް... ދަރިފުޅު..." އުފަލުގެ ކޮޅެއްނެތް ފަދައަކުން ޝަބްނަމް ގޮވާލިއެވެ. އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ބޮޑުކޮޓަރީގެ ދޮރުން ނުކުމެ ޕޯޓިކޯގައި މަޑުކޮށްލައިގެން ހުރިތަން ފެނިފައެވެ. އެކްސިޑެންޓަށްފަހު އައިރިކް އަމިއްލައަށް ފެނިގެން ގޭތެރޭގައި އުޅޭތަނެއް ނުފެނެއެވެ. ވީއިރު އޭނާ ނުކުމެ ބޮޑުކޮޓަރީގެ ދޮރާ ދިމާ ޕޯޓިކޯގައި މަޑުކޮށްލައިގެން ހުރިހުރުން ޝަބްނަމްއަށް އަޖައިބަކަށްވުރެ ކުޑައެއް ނުވިއެވެ.
"ކީއްވެފަ ތިހުރީ؟." ޝަބްނަމް އައިސް އައިރިކްގެ އަތުގައި ހިފާލަމުން ސުވާލުކޮށްލިއެވެ.
"ކަމެއްނުވޭ." އައިރިކް ބުންޏެވެ. އޭނާ އަވަސްއަވަހަށް އެތެރެއަށް ވަންނަން އެނބުރިލިއެވެ. އެހެންވިޔަސް ޝަބްނަމްގެ ތުންފަތުގައިވީ ހިނިތުންވުން ފަނޑެއްނުވިއެވެ. އޭނާ ހިތާހިތުން ﷲއަށް ޙަމްދުކުރިއެވެ. ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އާންމު ދިރިއުޅުމަށް އެ ދަރިފުޅު ރުޖޫޢަވުމަކީ ޝަބްނަމްގެ ހިތުގެ މުރާދަކެވެ. މިއަދު އެކަން ހާސިލުވުމަކީ ދުރުކަމެއްނޫންކަން އޭނާގެ ލޮލަށް ފެނިއްޖެކަން ގައިމެވެ. އައިރިކް ހުއްޓުވައި ގާތުގައި ވާހަކަދައްކާލަން ބައިންދާ ހިތް ޝަބްނަމް ވިއެވެ. ނަމަވެސް އޭނާ ހިތްހަމަޖައްސާލީ ފެނުނު އުންމީދުގެ މަންޒަރުންނެވެ.
* * * * *
ހުޅުމާލޭގެ މަގުތަކުން ދުއްވަމުން ދިޔަ އިވާންގެ ފަހަތުގައި މާޔަލް އިނެވެ. އެރޭ ދުއްވާލަންދާން އިވާން އެދުނީ މެންދުރު މާޔަލް ގުޅީމައެވެ. އޭނާ ހުރީ ނިކަން އުފާވެފައެވެ. މާޔަލް އިސްވެ ގުޅީމައެވެ. ޚާއްޞަކޮށް އިވާންގެ އަޑު އަހާލާ ހިތުން މާޔަލް ގުޅިއްޔޭ ބުނީމައެވެ. ނަމަވެސް ދެ މީހުން ބައްދަލުވުމުން މާޔަލްގެ ފަރާތުން އެ ޝައުގުވެރިކަމެއް އިވާނަށް ނުފެނެއެވެ. ތަފާތު ހިމޭންކަމެއްގައި މާޔަލްވާއިރު ހީވަނީ އޭނާ ކޮންމެވެސް އެހެން ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންހެނެވެ.
"ބޭބްސް... ކަމް ބެކް ޓު މީ." އިވާން ގޮވާލާފައި ބުންޏެވެ. އެއާއެކު މާޔަލް ހޫން ލައްވާލިއެވެ.
"އެއީ ކާކު؟." އިވާން އަހާލިއެވެ.
"ކޮބާ؟." ވަގުތުން މާޔަލްއަށް އަހާލެވުނެވެ.
"ތި ޚިޔާލުތަކުގަވަނީ. އަހަންނާއެކު މާޔަލް އިނަސް ތި ޚިޔާލުތަކުގަ އަހަރެންނެއްނުވޭ... ނޫންތަ؟." އިވާން ބުންޏެވެ.
އިވާންގެ އުނަގަނޑުގައި ދެއަތް ވަށާލައި އޭނާގެ ބުރަކަށީގައި މާޔަލް މޫނުފޮރުވާލިއެވެ. އެ މޫނުމަތިން އެއީ ތެދެއްކަން ފާޅުވެދާނޭތީ މާޔަލް ފިލީއެވެ. ނޭނގުމުގައި ވެސް އިވާން އެބުނީ ތެދެކެވެ. އޭނާގެ ޚިޔާލުތަކުގައިވަނީ އައިރިކްއެވެ. އިވާންއާއެކު އިނދެ ގަސްދުގައި އެހެން ފިރިހެނަކާމެދު މާޔަލް ޚިޔާލު ކުރަނީއެއް ނޫނެވެ. އޭނާގެ ޚިޔާލުތަކަށް އައިރިކް ވެރިވެގަތީ ކޮންއިރަކުކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.
"ސޮރީ..." މާޔަލް ބުނެލިއެވެ.
"ކޮންޚިޔާލެއްގަ." އިވާން އެއްސެވެ.
"މީހެއްގެ ޚިޔާލެއްގައެއްނޫން. އިވާން... އަހަރެން ވަރަށް ބަދަލުވެއްޖެތަ. މިބުނީ... އެކްސިޑެންޓްގެ ކުރީގެ މާޔަލްއެއްނޫނޭ އަހަންނަކީ މިހާރު." މާޔަލް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.
"ކަންކަން ބަދަލުވީމާ މީހުންނަށް ވެސް ބަދަލު އަންނާނެ. އެކަމަކު އަހަރެންވާ ލޯބި... ދުވަހަކުވެސް ބަދަލެއްނުވާނެ. އެނގޭތަ އަހަރެން މައްޔުދެކެ ލޯބިވާވަރު. މޮޔަވާހާ ލޯބިވޭ." ދިވާނާކަމުގެ އަސަރު އިވާންގެ އަޑުގައި ހުއްޓެވެ. އެ ވާހަކަތަކުން މާޔަލް ހީނލައިފިއެވެ. އެ ލުއި ހުނުމުގައި އިވާން ބައިވެރިވެލިއެވެ.
"މޭބީ އައި ޑޯންޓް ޑިޒާވް ޔޫ. ތިހާ ލޯބިވާ މީހަކު." މާޔަލްއަށް ބުނެވުނެވެ. އޭނާގެ ހިތުގައި އަބަދުމެ އޮންނަ ޚިޔާލަކަށްވަނީ އިވާން ލޯބިވާވަރަށް އޭނާއަށް ލޯބިނުދެވިދާނޭކަމުގެ ބިރެވެ. އިވާން ފާޅުކުރާ ފަދަ ފުން ޖަޒުބާތެއްގެ އިޙްސާސް މާޔަލްއަށް ނުކުރެވޭތީއެވެ.
"މިހާ ލޯބިވާނޭ މީހަކު ދެން ނުލިބޭނެ. މައްޔުއަކީ އަހަރެންގެ ހައްޤެއް. ޑިޒާވް ވިޔަސް ނުވިޔަސް މައްޔުވާނީ އަހަރެންގެ މީހަކަށް. މައި ފިއުޗަރ ވައިފް." ހެމުންހެމުން އިވާން ބުނެލިއެވެ. އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން މާޔަލް ބޯޖަހާލީ ހިނިތުންވެ އިނދެއެވެ.
"އަހަންނަށް އަދިވެސް ނުވިސްނޭ މައްޔު ތްރީ މަންތްސްގެ ބްރޭކެއް ބޭނުންވާ ސަބަބެއް." އިވާން ބުންޏެވެ.
"އިވާން މެރީ ކުރާ ހިތުން އުޅެނީ ކީއްވެކަން އެނގޭ. އެ ހުއްދަ އަވަހަށް ހޯދަންވެގެން." މާޔަލް މިހެން ބުނުމާއެކު އިވާން ނިކަން ބާރަށް ހީނގަތެވެ.
"އެކަންވެސް އެއީ މެރީއޭޖްގެ ބައެއްނު. ލޯބިވާމީހަކާއެކު ލޯބިކުރާން ނޭދޭނީ ކާކު. އެކަމާ ހަމައެކަނި ބިރުގަންނަ މީހަކީ ތީ." ކޮނޑުމަތިން މާޔަލްގެ ބޮލުގައި އިވާން ބޯޖައްސާލިއެވެ. މާޔަލް ވަކި އެއްޗެއް ނުބުންޏެވެ. އެ ވާހަކަތަކަށް ޖަވާބުދޭނޭ ގޮތެއް މާޔަލްއަށް ނޭނގުނީއެވެ. އިވާންގެ އިސްނެގުންތަކަށް އަބަދުވެސް މާޔަލް މައިތިރި ބަހައްޓައެވެ. އަމިއްލަ ނަފްސު ބެހިގެންދާފަދަ އިޙްސާސެއް އޭނާއަކަށް ނުކުރެވެއެވެ. ނޭނގުމުގައި ދެމެދުގައި އެފަދަ ކަމެއް ހިނގައިދިޔައްޔޭ ބުނާނީ އެހެންނަމަތާއެވެ. އަމިއްލަ ނަފްސާ އެފަދަ ވަގުތުތަކުގައި މާޔަލްއަށް ސުވާލުކުރެވެއެވެ. އެފަދަ ބޭނުންވުމަކަށް މާޔަލް ބޭނުންނުވަނީ ހެއްޔެވެ. އިންސާނުންނަކީ އެފަދަ ޖަޒުބާތުތަކަށް ބަލިކަށިބައެކެވެ. އެހެންވީރު އިވާންގެ ލޯބީގެ ކުރިމަތީގައި އޭނާގެ އެ އިސްނެގުންތަކަށް މާޔަލްގެ އެފަދަ އެދުންތަކެއް ނުއުފެދެންވީ ކީއްވެ ހެއްޔެވެ.
* * * * *
މަންމަމެން ކައިރިޔަށް ވަދެފައި ގެއަށް ދިއުމުގެ ކުރީން އައިރިކްގެ ކައިރިޔަށް އައިތަން އައެވެ. އާންމުކޮށް އައިރިކް އިންނަ މަސްފެންގަނޑުގެ ކައިރީ ހުރި ގޮނޑީގައި ސިނގިރޭޓެއް ރޯކޮށްލައިގެން އިނެވެ. އައިތަން އައިސް ކައިރީގަ އިށީންކަން އައިރިކްއަށް އެނގެއެވެ.
"މަންމަ ބުނި ދޮންބެ މިއަދު ބޭރަށް ނުކުތް ވާހަކަ." އައިތަންގެ އަޑުގައި އުފާވެރިކަން ވިއެވެ.
"މާޔާއަކީ ކާކު؟." އައިރިކް ސުވާލުކުރިއެވެ.
"ކިހިނެއްވީ؟. މާޔާ ކަމުނުދަނީތަ؟." އައިތަން ހައިރާންވިއެވެ.
"އައިތަންއަށް މާޔާ އެނގެނީ ކިހާވަރަކަށް. އަހަންނަށް އެނގޭ އޭނާގެ އެއްވެސް ވޯކިން އެކްސްޕީރިއެންސެއް ނެތްކަން. އެކަހަލަ އަންހެންކުއްޖެއް އަހަންނާއެކު ވޯކްކުރާން ހަޔާކުރީ ކީއްވެ؟." އައިރިކްގެ އަޑުން އޭނާ އެ އިނީ ހިތްހަމަނުޖެހިފައިކަން އެނގޭހާވެއެވެ.
"މާޔާ... ޝީޒް އަ ނައިސް ގާލް. އޭނާ މަސައްކަތް ކުރާގޮތް ދޮންބެއަށް ކަމުނުދަނީތަ؟. އެކްސްޕީރިއެންސަކީ މަސައްކަތާއެކު ލިބޭ އެއްޗެއް. ގިވް ހާ އަ ޗާންސް." އައިތަން ބުންޏެވެ.
"ކީއްވެ؟. އައިތަންއަށް ޚާއްޞަވީމާތަ؟. ތި ދެމެދުގައި އޮންނަނީ ކޮންކަހަލަ ގުޅުމެއް؟. މާޔާ ގެއަށް ގެންގޮސްދޭން ޖެހެނީ ވެސް އައިތަންއަށްތަ؟. ނުދެނަހުރިން ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންގެ ޑްރައިވަރަކަށް ތަނުގެ ވެރީން ވާންޖެހޭކަމެއް. އޮފީހަށް ވަންނަ ގޮތަށް މުވައްޒަފުންގެ ހާލު ބަލަން ގުޅަންޖެހޭ. ސައިބޮއެފިންތޯ ބަލަން ޖެހޭ... ދެން އަނެއްކާ މެންދުރުވާއިރަށް ކައިގެންތޯ ހުރީ ބަލަން ގުޅަންވޭ. ކީއްތޯ ކުރަނީ އަހަންވޭ. އެވަރަށް ގުޅަންޖެހޭތަ؟. މީހަކާ އިނދެގެން ހުރެ ހިލޭ އަހަންނެކަށް އަޅާތިލަނީ ތަންކޮޅެއް ބޮޑަށް ކަންނޭނގެ." އައިރިކްގެ މޭގައި ނޭގޭ ޖަޒުބާތެއްގެ ގިނި އަދަމުންދާ ފަދައެވެ. އެ ހޫނުކަމަށް ކެތްކުރާން ދަސްވެފައެއް ނެތެވެ. މީގެ ކުރީން އޭނާ މިހާ ސުވާލުގިނައެއް ނުވެއެވެ.
ބޭބެގެ މޫނުގައިވި އަސަރުތަކަށް ބަލަން އައިތަންއަށް އިނދެވުނެވެ. އައިރިކް ދައްކާ ހުރިހާ ވާހަކައެއް ނަގައިގަންނަން އައިތަންއަށް ނޭނގިފައެވެ. އޭނާ މާޔަލްއަށް އިރުއިރުކޮޅާ ނުގުޅައެވެ. އެހެންނޫނަސް އޭނާ މާޔަލްއަށް ގުޅައި އެފަދަ ވާހަކަތަކެއް ދައްކަންޖެހޭ ސަބަބެއް ވެސް ނެތެވެ.
"ގުޑްނައިޓް ދޮންބޭ." އައިރިކްގެ ސުވާލުތަކަށް މިވަގުތު ޖަވާބެއް ދޭން އައިތަން ބޭނުންނުވީއެވެ. އޭނާ ގޮނޑިން ތެދުވިގޮތަށް ހިނގައިގަތީ އެތަނުން ދާށެވެ. އައިތަންގެ ފިޔަވަޅު ކެނޑުމާއެކު އައިރިކްގެ ވައަތުގައި އޮތް އަޅިކެނޑީގެ ތެރެއަށް ބޯން އިން ސިނގިރޭޓު ނިއްވާލިއެވެ. ދެން ހަޅޭލަވައިގަތުމާއެކު އަޅިކެނޑި ހޫރައިލައިފިއެވެ. ޖެހުނީ ކޮންތަނެއްގައިކަން އައިރިކްއަށް ނުފެނުނަސް އެ ފުނޑުފުނޑުވީ އަޑު އައިރިކްއަށް އިވުނެވެ.
* * * * *
ދަންވަރުގެ ހިމޭންކަމެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ފަނޑުފަނޑު އޮރެންޖު އައްޔެކެވެ. ސިޓިންރޫމުގައި ހުރި ދިގު ސޯފާގައި ޖާބިރު އޮށޯވެލައިގެން އޮތެވެ. ލޯ މަރާލައިގެން އޮތަސް އޭނާ އޮތީ ނިދާފައެއް ނޫނެވެ. އަބިމީހާ ބޮލުގައި ކޮށާވަރުން ކޮޓަރިނުކުތީ މިރޭ ވެސް ހަމަނިދި ލިބޭތޯއެވެ. ހަމައެއާއެކު ޢާއިލާއާ މެދު ވެސް އޭނާ ފިކުރު ބޮޑުވެފައި ވެއެވެ. މާލެ އައުމާއެކު އޭނާގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ އަންހެން ދަރިފުޅު އިރުފާގެ ކައިވެނި ރޫޅިއްޖެކަމުގެ ޚަބަރެވެ. އެކަމާ އިނާޔާ ކުޑަކޮށް ވެސް ކަންބޮޑެއްނުވެއެވެ. ދަރިފުޅަށް ރަނގަޅު ނަޞޭޙަތެއް ދޭ އަޑެއް ޖާބިރަކަށް ނީވެއެވެ. ދަނބިދަރިފުޅުގެ ނުބައި ވާހަކަދެއްކުން ނޫންކަމެއް އިނާޔާ ނުކުރެއެވެ. ކައިވެންޏަކީ ކިރިޔާ ކުންޏެއް ޖެހިލާއިރަށް ރޫޅާލަންވީ ގުޅުމެއްނޫނެވެ. ޚުދު ޖާބިރަކީ އެކަމުގެ ނަމޫނާއެކެވެ. އޭނާ އިނާޔާ ވަރިކުރާން ބޭނުންވި ކިތަންމެ ފަހަރެއް އައެވެ. ދެން ނޫޅެވޭނޭ ހީވި ކިތަންމެ ފަހަރެއް ހަޔާތުގައި ކުރިމަތިވިއެވެ. އެހެންވިޔަސް އޭނާ ގޮތްދޫކުރަނީއެވެ. އިމްތިހާނެކޭ ހީކޮށްލައި ކައިވެނި ރޫޅާލުމަށްވުރެ އެހެންގޮތެއް އޮތިއްޔާ އެގޮތް ޚިޔާރުކުރަނީއެވެ. އޭނާގެ ޅައުމުރުގައި އިނާޔާއާ ކައިވެނި ކުރީ ލޯބިންނެވެ. އެކަމަކު ހަޔާތުގެ ދަތުރު މި ހިސާބަށް އައިއިރު އެ ލޯބި އެގޮތުގައި ދެމިއޮތްކަމާމެދު ޝައްކެވެ. ކައިވެންޏާއެކު ލޯބި އިތުރުވެ ވަރުގަދަވުމުގެ ބަދަލުގައި އެ ލޯބި އައީ ދުވަހެއް ދުވަހަކަށް ދިރުންނެތި ފަނޑުވަމުންނެވެ.
"ކާކު..." ކޮޓަރިއެއް ގެ ދޮރު ހުޅުވި މީހަކު ނުކުތް އަޑު އިވުމާއެކު ޖާބިރު އަހާލިއެވެ.
"އަޅުގަނޑު." ސޯފާގެ ކައިރިއަށް އައިސް ހުއްޓިލީ ލިއުޝާގެ ކޮއްކޮ ސުލްޠާނާއެވެ. އޭނާގެ ކިހިލީގައި ފެން ހުސްކުރި ދެ ފުޅި އޮތްތަން ޖާބިރު ދުށްޓެވެ.
"ސުލްޠާނާ ދޯ... ބޭބެއަށް ފެންތަށް ގެނެސްދީބަލަ." ޖާބިރު މިހެންބުނެ ސޯފާއިން ތެދުވެ އިށީނެވެ.
ބަދިގެއަށް ވަދެ ފެންތަށްޓެއް ހިފައިގެން ސުލްޠާނާ އައިސް ޖާބިރަށް ދިއްކޮށްލިއެވެ. ކޮޓަރިން އިނާޔާ ނުކުތީ އެވަގުތެވެ. ޖާބިރު ކޮޓަރީގައި ނުނިދާތާ ދެ ރޭ ފާއިތުވީއެވެ. އެހެންވެ އޭނާ އެ ނުކުތީ މިރޭ ގޮތްދޫކޮށްފައި ޖާބިރު ގާތު ކޮޓަރިއަށް އަންނާށޭ ބުނާން ވެގެންނެވެ. ނަމަވެސް ފަނޑިއަލިކަމުގެ ތެރޭ ސޯފާކައިރީ ހުރި އަންހެންކުއްޖާ ފެނުމާއެކު އިނާޔާގެ ސިކުނޑި ހީވީ ނާށިގަނޑު ތެރޭ އެނބުރިގަތް ހެންނެވެ. ހަތްބޯރާސްއެއްހެން އޭނާ އައި ބާރު މިނުގައި ފާރުގައި ހުރި ހުރިހާ ސުވިޗެއް ޖައްސާލައިފިއެވެ. އެއާއެކު ބޮކިތައް ދިއްލި މުޅިތަން ހުދު އަލިން އަލިވެގެން ހިނގައްޖެއެވެ. ސޯފާގައި އިން ޖާބިރާއި އެތާ ކައިރީ ހުއްޓި ހުރި ސުލްޠާނާއާ ދެ މީހުން އެއްފަހަރާ ބަލާލިއެވެ. (ނުނިމޭ)