ބޯހިމެނުން

ބޯހިމެނުމުގެ ޓްރެއިނަރުން ތަމްރީން ކުރަން މާދަމާ ފަށަނީ

Jul 16, 2022

ބޯހިމެނުމުގައި މަސައްކަތުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ތަމްރީން ކުރުމުގެ މަސައްކަތުގައި އުޅޭ ޓްރެއިނަރުން ތަމްރީންކުރުމަށް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ މާދަމާ ޓްރެއިނަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ސެޝަންތައް މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭގެފަހުން ޖުލައި 31 އިން އޮގަސްޓް ހަތަރަކަށް ވެސް ޓްރެއިނަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެ އެވެ.

މާލޭގައި އެނިއުމަރޭޓަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 14 އިން ސެޕްޓެމްބަރު 8 އަށެވެ. އަދި އަތޮޅުތަކުގައި މިތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުލައި 31 އިން އޮގަސްޓު 25 އަށެވެ.

ބޯހިމެނުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިހާރު ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ.

ބޯހިމެނުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް ހޯދާފައިވާއިރު އެ މީހުން ތަމްރީންކުރުމަށް 100 ޓްރެއިނާސް ވެސް މިހާރު ވަނީ ހޯދާފަ އެވެ.

ނިއުމަރޭޓަރުން ތަމްރީން ކުރުމަށް މަސައްކަތް ކުރާ ޓްރެއިނަރުންނަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާ އަދި ތަމްރީން ހޯދާ ނިއުމަރޭޓަރުން ތަމްރީންތަކުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދިނުމަށް ހަމަޖައްސާފައިވެ އެވެ. މީގެއިތުރުން ބޯހިމެނުން ކުރިއަށްދާއިރު ސީދާ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކޮންމެ ނިއުމަރޭޓަރަކަށް ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސަކާއި ކޮންމެ ދުވަހަކަށް ފޯން އެލަވަންސްގެ ގޮތުގައި 10 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިއަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.