މިނިސްޓްރީ އޮފް އެޑިއުކޭޝަން

6000 އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުންނަށް ހުއްދަ ދިން

Jul 16, 2022
1

ފާއިތުވި 10 އަހަރު 6،385 ބިދޭސީ ޓީޗަރުންނަށް ރާއްޖޭގައި މަސައްކަތް ކުރަން ހުއްދަ ދީފައިވާ ކަމަށް ހާމަކޮށްފި އެވެ.

ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ޓީޗާސް ރިސާޗާ ގުރޫޕުން ކުރި ދިރާސާއަށްފަހު އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައިވަނީ 2012 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް 6،385 ބިދޭސީ ޓީޗަރުންނަށް ހުއްދަ ދީފައިވާ ކަމަށެވެ.

މިމުއްދަތުގައި އެންމެ ގިނަ ޓީޗަރުން ގެނެސްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 5،592 ޓީޗަރުން ގެނެސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ޓީޗަރުން ގެނެސްފައިވާ ލަންކާ އިން 325 ޓީޗަރުން ގެނެސްފައިވެ އެވެ.

ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު އެކަނިވެސް ބިދޭސީ ޓީޗަރުންނަށް 24.7 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުގެ 214 ސްކޫލުގައި 6،490 ދިވެހި ޓީޗަރުން ތިބިއިރު 1،708 މީހުންނަކީ ބިދޭސީ ޓީޗަރުން ތިބި ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ބިދޭސީ ޓީޗަރުން ގެނައުން މަދުކުރުމަށާއި ތައުލީމީ ދާއިރާއަށް ބޭނުންވާ ދިވެހި ޓީޗަރުން އިތުރުކުރުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ މެއި ޓީޗަރުންގެ މުސާރަތައް ބޮޑުކޮށްފަ އެވެ.

މުސާރައަށް ސަރުކާރުން ގެނައި ބަދަލާ އެކު ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ބިދޭސީ ޓީޗަރުންގެ އަދަދު ކުރީ އަހަރުތަކަށް ވުރެ މަދުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.