ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް އަންނަ މަހު އިންޑިއާއަށް ވަޑައިގަންނަވަނީ

Jul 16, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ސޯލިހް އިންޑިއާ އަށް ވަޑައިގަންނަވާނީ ކުރިއަށް އޮގަސްޓް މަހުގެ ދެވަނަ ދުވަހު އެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނާ ދެ ދުވަހުގެ މިދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރައީސްގެ މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުން އިންޑިއާގެ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ އެވެ. އަދި ރާއްޖެއަށް ބޭނުންވާ ބައެއް އިންވެސްޓްމަންޓްތައް ހޯދުމަށް އިންޑިއާގެ ވިޔަފާރިވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ރައީސް ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް އިންޑިއާ އަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސް ސޯލިހް މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ނޮވެމްބަރު 17، 2018ގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި އޭގެފަހުން ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވުމަށްފަހު މޯދީ ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް ރާއްޖެ އަށެވެ.

ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. ނަމަވެސް މިގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ކަންކަން އިންޑިއާ އިން ކުރަމުންދާ ކަމަށް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.