ދުނިޔެ

ސައޫދީއަށް ރަޝިއާއިން ތެޔޮ އެތެރެކުރުން އިތުރުކުރަނީ

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ ހިމެނެ އެވެ. އެހެން ނަމަވެސް، ސައޫދީއަށް އެހެން ގައުމުތަކުން ތެޔޮ އެތެރެކުރުމަކީ އާންމުކޮށް ހިނގާ ވިޔަފާރި މުއާމާލާތެކެވެ.

ސައޫދީއަށް ރަޝިއާއިން ތެޔޮ އެތެރެކުރުން އާކަމަކަށް މިހާރު ވެގެން އުޅެނީ ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ތަދިތިކުރުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާ އެކު ވިޔަފާރިކުރުން ގައުމުތަކަށް މަނާވެފައި އޮތުމުންނެވެ.

އެހެން ނަމަވެސް، ހުޅަނގުގެ މި އަމުރަކީ ކޮންމެ ކޮންމެ ގައުމަކުން ބަލައިގަންނަ އަދި ތަބާވާ އަރުމެރެއް ވެސް ނޫނެވެ.

ހުޅަނގުން ނެރެފައި އޮތް އަމުރާ އެކުވެސް ރަޝިޔާގެ ތެޔޮ ގަންނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ އަދި ސައޫދީ ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއިން ތެޔޮ ގަންނަ އަދަދު ސައުދީން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

ރަޝިއާ އާއި ސައޫދީއާ ދެމެދު އޮތް ވިޔަފާރި އެއްބަސްވުމުގެ ސަބަބުން ބައެއް މޫސުންތަކުގައި ސައޫދީ ކުންފުނިތަކުން ތެޔޮ އުފެއްދުމަށް ވުރެ ރަޝިއާއިން ތެޔޮ ގަތުން ފައިދާ ބޮޑު ކަމަށް އޮފިޝަލުން ބުނެ އެވެ.

ރަޝިއާއަށް ދަތިކުރަން އެމެރިކާއިން އަރަބި ގައުމުތަކުގެ ކިބައިން އެދިފައި އޮތް ނަމަވެސް، މިފަދައިން ކުރެވޭ ވިޔަފާރި މުއާމަލާތްތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެހާ ޚިލާފަށް މިސްރު ފަދަ ގައުމުތަކުން ވެސް ވަނީ ރަޝިއާއިން ތެޔޮ ގަތުން އިތުރުކޮށްފަ އެވެ.

އެމެރިކާގެ ބޭނުމަކީ ރަޝިއާ އިނދަޖައްސާލުމެވެ. އެހެން ނަމަވެސް އެއީ އެމެރިކާ އެކަނި ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަން އެމެރިކާ މަސައްކަތްކުރި ނަމަވެސް އެދެވޭ ނަތީޖާއެއް އަދި ނުނިކުމެ އެވެ.