( 14 ޖޫން 2022 އާ ގުޅޭ )
ފަނޑުއަލިކަމުގެ ތެރޭ ސޯފާކައިރީ ހުރި އަންހެންކުއްޖާ ފެނުމާއެކު އިނާޔާގެ ސިކުނޑި ހީވީ ނާށިގަނޑު ތެރޭ އެނބުރިގަތް ހެންނެވެ. ހަތްބޯރާސްއެއްހެން އޭނާ އައި ބާރު މިނުގައި ފާރުގައި ހުރި ހުރިހާ ސުވިޗެއް ޖައްސާލައިފިއެވެ. އެއާއެކު ބޮކިތައް ދިއްލި މުޅިތަން ހުދު އަލިން އަލިވެގެން ހިނގައްޖެއެވެ. ސޯފާގައި އިން ޖާބިރާއި އެތާ ކައިރީ ހުއްޓި ހުރި ސުލްޠާނާއާ ދެ މީހުން އެއްފަހަރާ ބަލާލިއެވެ.
"ޖާބިރު!... ހަމަ ސާބަސް!... ކަލޭމެން ދެމީހުންނަށް ވެސް ސާބަސް!... ކޮޓަރީގަ ނޯވެވެނީ ކީއްވެކަން މިއެނގުނީ އަދިކިރިޔާ." އިނާޔާގެ ބާރު އަޑުން ފާރުތައް ވެސް ގުގުމާލިއެވެ.
"ސުލްޠާނާ ދޭ." ކުރިމަތީ ހުރި ކޮފީމޭޒުމަތީ ފެންބުއި ބިއްލޫރި ތަށި ބަހައްޓާލަމުން ޖާބިރު ބުންޏެވެ.
"ނުވާނެ ގޮސްގެން. މިގެއަށް އައިތާ ގިނަދުވަހެއްވީކީނޫން..." އިނާޔާއަށް ފުރިހަމަކުރާން ފުރުޞަތު ނުދީ ޖާބިރު ވާހަކަދެއްކިއެވެ. އޭރު ސުލްޠާނާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ. ފާޑަކަށް ބިރު ވެސް ގަނެފައެވެ. އިނާޔާގެ ޒީލަ ގަދަކަން އޭނާ އެގެއަށް އައިސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭ ފެނިފައި ހުރީމައެވެ.
"ކީކޭ ކިޔަން އިނާޔާ ތިއުޅެނީ." އިނާޔާ އެ އުޅެނީ ހަޤީޤަތެއްނެތް ވިޔާނުދާ ތުޙުމަތެއް ޖާބިރުގެ ބޮލުގައި އަޅުވާންކަން އޭނާއަށް އެނގުނެވެ. އެހެންވިޔަސް އަނބިމީހާގެ ގޮތް ޖާބިރަށް އެނގެއެވެ. އިނާޔާގެ ދުލުގައި ހިފެހެއްޓުމަކީ ވާނެކަމެއް ނޫނެވެ. އެއީ ފިރިމީހާއަށް ކިޔަމަންވާނޭ އަންހެނެއްނޫނެވެ.
ނިދާފައި ތިބި ކުދީން ކޮޓަރިތަކުން ނުކުންނަން ފެށިއެވެ. ލިޔުޝާ އަވަސް އަވަހަށް ސުލްޠާނާގެ އަތުގައި ހިފައި ކޮޓަރިތެރެއަށް ވެއްދީއެވެ. ދަރީންގެ ކުރިމަތީ އެކުދީންގެ ބައްޕަގެ ބޮލުގައި އިނާޔާ އެޅުވީ ހުތުރުވެގެންވާ އިލްޒާމެކެވެ. ސުލްޠާނާއާއި ޖާބިރު ހިތާވެގެން ދެމީހުން އަނދިރީގައި ބައްދަލުކުރާން ތިބީކަން އިނާޔާ ބުނެލީ ލަދުވެތިކަމެއް ނެތިއެވެ. ކުރީން ވެސް ޖާބިރުވަނީ ކައިވެނިން ބޭރުން އެފަދަ ގުޅުމެއް ބާއްވާފައިކަމުގެ ޝަކުވާ އިނާޔާ ކުރިއެވެ. ދުލަށް އައިހާ ހުތުރު އެއްޗެއް އޭނާ ގޮވަމުންދިޔައެވެ. އިރުފާ ދޭތެރެއަކުން މަންމާއޭ ގޮވާލަނީ ދެން ހުއްޓާލާށޭ ބުނާ ފަދައަކުންނެވެ. އިވެމުންދާ ހުތުރު ބަސްތަކަށް ކެތްކުރާން އުނދަގޫވީއެވެ. ރަޒާ ވެސް އިނާޔާއަށް ގޮވާލުމާއެކު ހުއްޓާލާށޭ ބުނެލިއެވެ. ހުރިހާ ހަޅޭކެއްލަވާފައި އެންމެފަހުން އިނާޔާ ރޯންފެށީއެވެ. ދިރިއުޅުމުގައި އޭނާވީ ޤުރުބާނީތައް ދަރީން ވެސް ނުދަނެއޭ އިނާޔާ ރޮމުން ކިޔެވެ. އިރުފާއާއި ރީނާ މަންމަގެ ގާތަށް އަވަހަށް އައެވެ. އިނާޔާ ގޮވައިގެން އެ މީހުންވަނީ ކޮޓަރިއަށެވެ. އެމަންޒަރު ބަލާން ލިޔުޝާ ނުހުއްޓެވެ. އޭނާ އެނބުރި ކޮޓަރިއަށް ވަދެ ދޮރުލެއްޕީއެވެ. ރަޒާއާއި މައިރާ އެމީހުންގެ ކޮޓަރީ ދޮރުމަތީ ތިއްބެވެ. ބައްޕައާ ދިމާއަށް ރަޒާއަށް ބަލާލެވުނެވެ. އިސްޖެހިގޮތަށް ބަހެއް ވެސް ނުކިޔާ ސޯފާގައި ޖާބިރު އިނެވެ.
"ދޭބާ މަންމަ ކައިރިއަށް." އިނާޔާ ރޯ އަޑު ގަދަވެގެން ރަޒާގެ އަތުގައި ހިފާލަމުން މައިރާ ބުންޏެވެ. ގަޔާނުވެ ހުރެ ވެސް ރަޒާ ދިޔައެވެ. ރަޒާ ފެނުމާއެކު އިނާޔާ އަނެއްކާވެސް ފެށީ ޖާބިރުގެ ނުލަފާ ވާހަކައެވެ. އޭނާއަށް ދިރިއުޅުމުން ލިބުނު އެއްޗެއް ހާސިލްވީ އުފަލެއް ނެތްކަން އިނާޔާ ކިޔަންފެށިއެވެ.
"މަންމާ. ދެން ތިވާހަކަ ހުއްޓާލަބަލަ." އުނދަގޫވެގެން ރަޒާއަށް ބުނެވުނެވެ.
އިނާޔާގެ އަޑުގަދަ ކުރުން ހުއްޓި ކުދީން ވެސް އެނބުރި ކޮޓަރިތަކަށް ވަދެ ގޭތެރެ ހިމޭންވެއްޖެއެވެ. ވަރުބަލިވެފައިވާ ސިކުނޑިއަކާއެކު ޖާބިރު އަނެއްކާ ވެސް ބުރަކަށި ދަމާލީ ސޯފާގައެވެ. ލޮލުން ނިދިވަނީ ވަކިވެފައެވެ. ފިކުރުކަނޑެއްގައި އޭނާ ފަތަމުންދިޔައީ ހިތްދަތިކަން ލިބިފައިވާ ހާލުއެވެ. ދަރީންގެ ކުރިމަތީ ދުވަހަކުވެސް އޭނާ ލަދުނުގަންނަ ވަރަށް ލަދުގެންފިއެވެ. އިނާޔާގެ އޭނާގެ ޤަދަރު ވެއްޔާ މޮޑެލައިފިއެވެ. އަދިވެސް ކެތްކުރާންވީބާއެވެ. ޚިޔާލުތަކުގައި ބަނދެވިފައި ވަނިކޮށް ފަތިސް ނަމާދުގެ ބަންގީގެ އަޑު ދުރުން އިވެން ފެށިއެވެ. ޖާބިރު ތެދުވީ ދެނެވެ. އޭނާ ނަމާދަށްދާން ގެއިން ނުކުތެވެ. އެނބުރި ގެއަށް އައީ ދުނިޔެ މައްޗަށް އަލިވީފަހުންނެވެ. ގެއަށް ވަންއިރު އާދައިގެ މަތިން ބަދީގޭގައި ލިޔުޝާ އުޅޭތީ ޖާބިރަށް ފެނުނެވެ. އޭނާ ފެންނައިރަށް ކޮފީ ގެނެސްދެންތޯ ލިޔުޝާ އަހާލައިފިއެވެ. ޖާބިރު އާނއެކޭ ބުނެ އައިސް އިށީނީ ކާމޭޒުދޮށުގައެވެ.
"ލިޔުޝާ... ރޭގަ. ބައްޕަ..." ޖާބިރަށް ވާހަކަދައްކަން އުނދަގޫވިއެވެ. އިސްއުފުލައި ލިޔުޝާއަށް ބަލާލަން ވެސް އޭނާއަށް ދަތިވެފައި އިން ކަހަލައެވެ. ޅީދަރިފުޅުގެ ކުރިމަތީ އޭނާ ނުހަނު ބޮޑަށް ލަދުގެންފިއެވެ. އަމިއްލަ އަނބިމީހާގެ ސަބަބުންނެވެ.
"އެއީ މަންމައަށް އެރި އޮޅުމެއް. ކޮއްކޮ ކިޔާދިން ރޭގަ ކަންތައްވީގޮތް." ލިޔުޝާ ކޮފީޖޯޑު ގެނެސް މޭޒުމަތީ ބަހައްޓާލަމުން ބުންޏެވެ.
ލިޔުޝާގެ ވާހަކައިން ޖާބިރަށް ހިސާބެއްގެ ތަސައްލީއެއް ލިބިގެން ދިޔައެވެ. ކަންވީގޮތް އޮޅުންފިލުވާދޭން ނުޖެހޭނެކަން ލިޔުޝާ ޔަގީންކޮށް ދީފިއެވެ. މަމްދޫހުގެ އަނބިމީހާ، ލިޔުޝާއާ މެދު އަބަދުވެސް ޖާބިރު ފަޚުރުވެރިވެއެވެ. އުޅުންހުރި ކިޔަމަންތެރި އަންހެނެއްވީމައެވެ. އޭނާ ފަދައިން ދޮށީ ދަރިފުޅު މަމްދޫހު ވެސް ރިސޯޓު ވަޒީފާއިގަ އުޅޭތީ ހުންނަން ޖެހިފައިވަނީ ޢާއިލާއާއި އަނބިދަރީންނާ ދުރުގައެވެ. ލިޔުޝާއަކީ މަމްދޫހަށް ލިބިފައިވާ ޖަވާހިރެއްކަން ޖާބިރު ޤަބޫލުކުރެއެވެ. ކިތަންމެ ބުރަވިޔަސް އެއްވެސް ކަމަކާ ލިޔުޝާ ޝަކުވާކުރާތީ އަޑެއް ނީވެއެވެ. އަނެއްކާ ހުރިހާ އެންމެންނާ ވެސް އެހާ ގުޅެއެވެ. ލިޔުޝާއަށްފަހު ދެން އެގެއަށް އައި ޅީދަރިފުޅަކީ ވެސް ޖާބިރު ހިތުން ޚާއްޞަކަމެއް ހޯދި ކުއްޖެކެވެ. އަމިއްލަ ދަރީންނަށްވުރެ ލިޔުޝާއާއި މައިރާ ހިތްހެޔޮކަން ޖާބިރަށް އިޙްސާސް ކުރެވެއެވެ.
* * * * *
ނިތްކުރީގައި ފިރުމާލުމާއެކު އައިރިކް ތެދުވިއެވެ. ސިނގިރޭޓު ހިފަހައްޓާލައިގެން އިން އަތުން ވަސް ބަލާލިއެވެ. ނިދާ ކޮޓަރިތެރެއިން ވަދެވެން ހުރި ފާޚާނާއަށް އައިރިކް ވަނެވެ. ދަތް އުނގުޅުމަށްފަހު ދެއަތް ދޮވެލިއެވެ. ދެން އަނެއްކާ ވެސް އަތުން ވަސް ބަލާލައިފިއެވެ. އަދި އަނގައިން ވަސް ދުވާތޯ ވެސް ބެލިއެވެ. ފާޚާނާއިން ނުކުމެ ވައަތް ފަރާތުގައި ހުރި "ވޯކިން ވޯޑްރޮބް" ތެރެއަށް ވަނެވެ. އެތަނުގައި ހުރި ރީތިވާ މޭޒުގެ ކައިރީ އައިރިކް އައިސް މަޑުކޮށްލިއެވެ. މަޑުމަޑުން އަތް ދަމާލުމާއެކު އަތުގައި ޖެހުނު ސެންޓުފުޅި އޭނާ ނެގިއެވެ. މަތިނެގުމާއެކު ނޭފަތާ ކައިރިކޮށްލިއެވެ. އެގޮތައް ދެތިން ފުޅިއެއް ނަގައި ވަސް ބެލުމަށްފަހު އައިރިކްއަށް ކަމުދިޔަ ސެންޓު ކަންފަތް ކައިރިން ކަރުދޮށަށް ޖަހާލިއެވެ. އޭނާ ނުކުމެ ސޯފާގައި މަޑުކޮށްލައިގެން އިނެވެ. މާޔާ އަންނަން އުޅޭނެކަން އެނގޭތީ އޭނާގެ އިންތިޒާރުގައި އިން ކަހަލައެވެ.
"އައިރިކް. ސައި ހިފައިގެން މިއައީ." ދޮރުގައި ޓަކި ޖަހާލުމާއެކު ފަޒްނާގެ އަޑު އިވިގެން ދިޔައެވެ.
"އައިތަން އަތުވެއްޖެތަ؟." އައިރިކް އަހާލިއެވެ. ފަޒްނާ ހެނދުނުގެ ސައި ގެންނަންވާއިރަށް އެހެންޏާ މާޔާ އަންނަކަން އައިރިކްއަށް އެނގެއެވެ.
"މިއަދު މެންދުރުއެއްނު އަންނާނީ." ފަޒްނާ ބުންޏެވެ.
"ހުކުރު..." އައިރިކްއަށް ހިތާ ހިތުން ކިޔާލެވުނެވެ. ވަގުތުން އޭނާގެ ޠަބީޢަތް ބަދަލުވެއްޖެއެވެ. ފަޒްނާ ކައިރީ ސައި ނުބޯނަމޭ ބުނުމާއެކު ގެނައި އެއްޗެހި ގެންދާށޭ ބުނެލިއެވެ. އޭނާ ތެދުވި ގޮތަށް އެނބުރި އައިސް ވަނީ ނިދާ ކޮޓަރިއަށެވެ. ދޮރުފަތް ދަމާ ލެއްޕި ގޮތަށް އެނދުމައްޗަށް އައިރިކް ވެއްޓިގަތެވެ. ހަފްތާގެ ދުވަސްތައް ފާއިތުވެގެންދާއިރު އެއީ ކޮންދުވަހެއްކަން ބެލުން އޭނާ ވަނީ ހުއްޓާލާފައެވެ. ވަގުތާއި ދުވަސް އައިރިކްއަށް މުހިންމެއް ނޫނެވެ. ހުކުރު ދުވަސްކަން އޭނާއަށް ނޭނގުނީ އެހެންވެއެވެ. އެހެން ދުވަސްދުވަހަށްވުރެ ބޮޑަށް މިއަދު މާޔާ ދުށުމަށް އައިރިކްގެ ހިތް އެދެއެވެ. ސިނގިރޭޓު ވަސް ދުވީމާ އުނދަގޫވާކަން މާޔާ ބުނީތީ އެ ވަސް ކަނޑުވަން މިނޫނީ އައިރިކް މަސައްކަތެއްކޮށްފައެއް ނެތެވެ. ޖިންސުގެ ޖީބުން އައިރިކް ފޯނު ނެގިއެވެ. އިތުރަށް އޭނާ މާޔޫސްވީއެވެ. މާޔާގެ ފޯނުނަންބަރު ނެތީމައެވެ. އައިތަންގެ ކައިރިން އޮޅުންފިލުވާކަށް އައިރިކްގެ ހިތް އެއްބަހެއް ނުވިއެވެ.
"ކީއްވެ އެކަހަލަ ޝަރުތެއްކުރީ. ކީއްވެ އެއްބަސްނުވީ... އެދުނީ އެހާ ބޮޑުކަމަކަށް ވެސް ނޫން. އަހަރެން ތި ހިތް އަތުލަފާނެތީ ބިރުގަތީތަ. އެރޭ... ފުރަތަމަ ފަހަރަށް އަންހެންކުއްޖެއްގެ ހިނިތުންވުން ޚާއްޞަވީ. ވާހަކައިގަ ހުރެ ހީނލާއިރު ލޯބީގެ ބަހުރުވަ ނުދަންނަ އަހަރެންގެ ހިތް މުޅިން އައު ދުނިޔެއަކަށް ދިރިގެންދިޔަ. ރަތްކުލައިގެ ހެދުމުގައި ރަތް ފިނިފެންމަލެއް ފަދަ. އެރޭގެ... އެންމެ ބައްދަލުވުމަކުން... އަހަރެންގެ މުޅި ވުޖޫދު ބަދަލުކޮށްފާނޭ ހިޔެއްނުކުރަން. އެހާ ބޮޑު ބަދަލަކަށް އަހަރެން ހުރީ ތައްޔާރުވެގެންނެއް ވެސް ނޫން. ތި ހިތް ވަގަށް ނަގަން ނިންމިން. ހަމައެއާއެކު ކެތްތެރި ވެސް ވީން. ވަގުތު ޖެހެންދެން އަހަރެން އިންތިޒާރުކުރީން. ދެމެދުގައިވީ ވަޢުދު ފުއްދިން... ހުރަސް އެޅީ ތަޤްދީރު. އަހަންނަށް ލިބެންނެތް އެއްޗަކަށް އެދެވުނު ކަހަލަ. އެކަމަކު ކުއްލިއަކަށް މާޔާ އައުމުން އަނެއްކާވެސް ހުރިހާކަމެއް ބަދަލުވެއްޖެ. އާން! ތި ދެ މީހުންގެ އެއްގޮތްކަން މާޔާއާ މެދު އަހަރެން ޝައުގުވެރި ކުރުވީ." ބާލީހުގެ ތެރޭ އައިރިކް މޫނު ފޮރުވާލައިގެން އޮތެވެ.
* * * * *
"އެއީ ހަމައެކަނި ފެނުނު ހުވަފެނެއް. އެކަމާ ނުވިސްނިއްޔާ ރަނގަޅުވާނީ. އެހެންނޫނަސް... އާގް!... ކީއްވެތަ؟ ކީއްވެ އައިރިކް ފެންނަންވީ. އެވެސް އެހާ ހެންޑްސަމްކޮށް ސްވީޓްކޮށް. ބީސްޓެއްހެން ނުފެނުނީ ކީއްވެ. އެ ބޮޑު ތުނބުޅިގަނޑާ ހާމުންޑިއެއްހެން ބޯހާވާލައިގެން ސިނގިރޭޓު ހަފާކާން އިން ފުރޭތައެއްހެން ފެނުނުނަމައެއްނު... ބޮލުތެރޭގަ އޭނާގެ ޚިޔާލުތައް އެނބުރެންވީ ކީއްވެތަ؟. އަދިވެސް ހީވަނީ ހުވަފެނުން ހޭނުލެވޭހެން. ހީވީ ހަޤީޤަތެއްހެން. އައިރިކްގެ މައްސަލަ މީ. އައިރިކް އަބަދު އަހަރެމެން ކުރީން ބައްދަލުވިޔޭ ކިޔާތީ ކަންނޭނގެ އެހާ ކްލޯޒްކޮށް އެ ފެނުނީ. ދިސް އިޒް ޔޯ ފޯލްޓް. އައިރިކްއާ ހެދި އަހަންނަށް މިހެން މިވަނީ." މާޔަލް މޫނުގައި ދެއަތް އަޅައިގެން އޮވެ ބޯހޫރިއެވެ. އައިރިކްގެ ޚިޔާލުތައް ސިކުނޑިން ނެރި އެއްލައިލާން އެދޭ ފަދައަކުންނެވެ.
"ވެދާނެ އިއްޔެ އެހާ ރުޅިއައިމަކަމަށް. މޭބީ އެބުނަނީ ކޫލްވާށޭ ކަންނޭނގެ. އައިރިކް ލޭމައްޗަށް ދިޔަސް އަހަރެން ހުންނަންވާނީ ކޫލްކޮށް. އޭނަ ސޮރީއޭ ނުބުންޏަސް އަހަރެންނަށް ސޮރީއޭ ބުނެވުނުނަމަ." މާޔަލް އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. މޫނުން ދެއަތް ނެގިއިރު އޭނާގެ ލޮލުގައިވަނީ ކުރީން ނުފެންނަ ފަދަ ވިދުވަރެކެވެ. އޭނާގެ ލޯ މައްޗަށް ސިފަވެގެން އައީ އައިރިކް އައިސް އޭނާގެ ކޮނޑުގައި ނިތްކުރި ޖެހޭނޭހެން ބޯއަޅާލި މަންޒަރެވެ. ދުވަހަކު ހިތް އަވަސްނުވާވަރަށް އެވަގުތުކޮޅު އޭނާގެ ހިތް ތެޅެމުންދިޔައެވެ. އިވާން ގާތްވެލުމުން އެފަދަ ގޮތެއް އޭނާއަކަށް ނުވެއެވެ. މާޔަލްއަށް ވިސްނާލެވުނީ އެކަމާއެވެ. އައިރިކްއަކީ ކާކުކަން ނޭނގޭތީ ވީގޮތެއްބާއޭ އޭނާ ހިތަށް އަރައެވެ. މިހާ ދުވަހު އިވާންއާ ރައްޓެހިވެގެން އުޅުނީމަ އޭނާގެ ގާތްކަމަށް މާޔަލް ހޭނިފައި ހުރީއެވެ. މާޔަލް ނިންމީ އެފަދައިންނެވެ. އައިރިކްއަކީ އޭނާއަށް މުޅީން އާ ތަޖުރިބާއެކެވެ.
"އަހަންނަށް އައިރިކް ބަދަލު ކުރެވިދާނެތަ؟. އެކްސިޑެންޓްގެ ކުރީން އައިރިކްގެ ގާލްފްރެންޑެއް ހުރީތަ؟. އޭނާއާ އަހަންނާ އެއްގޮތް ކަމެއް ހުރީ ކަންނޭނގެ. އައިރިކްއަށް ޚާއްޞަ މީހެއްގެ ވާހަކަ އޭނާ އެ ދައްކަނީ... އެހެންވީއިރު އިއްޔެ އެ އައީ ކޮންއަންހެންކުއްޖެއް. އެއީ އައިރިކްގެ ގާލްފްރެންޑެއް ނޫންކަންނޭނގެ. އޭނާއާ އަހަންނާ ކުޑަވެސް އެއްގޮތްކަމެއްނެތް. އެއީ ކާކުތޯ އަހައިފިއްޔާ އައިރިކް ރުޅި އަތުވެދާނެތަ؟. އެކަމަކު... އައިރިކް އަބަދު އެ ދައްކާ ވާހަކައިގެ ހަޤީޤަތް އެނގެން ބޭނުން. އޭނާ މީހަކަށް އިންތިޒާރު ކުރުނީއޭ ވެސް ބައެއްފަހަރު ހީވޭ. އަންހެންކުއްޖަކު އޭނާގެ ހިތް ހަލާކުކޮށްލީތަ؟. އޭނާ އެހާ މާޔޫސްވެގެން އެ އުޅެނީ އެހެންވެތަ؟." ނުވިސްނާނަމޭ އަމިއްލަ ނަފްސަށް ބުންޏަސް މާޔަލްއަށް އައިރިކްގެ ޚިޔާލުނޫން ޚިޔާލެއް ނުކުރެވުނެވެ. އައިރިކް ދައްކާ ވާހަކަތަކާމެދު މާޔަލް ފުންކޮށް ވިސްނިއެވެ. މާޔަލްއާ ބައްދަލުވުމުން އެހެން އަންހެންކުއްޖެއްގެ މަތިން އައިރިކްއަށް ހަނދާންވާނަމަ އެއީ ކާކުކަން އެނގެން މާޔަލް ބޭނުމެވެ. އަދި އެބުނާ އަންހެންކުއްޖަކާ މާޔަލްއާ ހުރި އެއްގޮތްކަމެއް ވެސް ބަލަން އޭނާ ޝައުގުވެރިވެއްޖެއެވެ. އައިރިކްއަށް ޚާއްޞަވެފައިވާވަރު ބުނާން އެނގޭއިރު އެ އަންހެންކުއްޖާގެ ތަސްވީރެއް އޭނާ ގެންގުޅޭނޭ މާޔަލްގެ ހިތް ބުންޏެވެ.
އެނދުން ފުންމައިގެން މާޔަލް ތެދުވިއެވެ. ޚިޔާލުތަކުގައި ހުރެ އޭނާ އައިސް އަލަމާރި ހުޅުވާލިއެވެ. ރީތިވާ މޭޒުގެ ގޮނޑި ގެނެސް އަލަމާރި ކައިރީ ބަހައްޓާލުމާއެކު އޭގެ މައްޗަށް އޭނާ އެރިއެވެ. އަލަމާރީގެ މަތީ ވަތްގަނޑުގައި އަތުރާފައި ހުރި ފޮށިތަކުން ފޮށްޓެއް އޭނާ ނެގިއެވެ. އެ ހިފައިގެން ގޮނޑި ފޭބުމާއެކު ތަޅުންމަތީ ބަހައްޓާލިއެވެ. ޒިބު ކަހާލުމާއެކު އޭގެ މަތި ނެގިއެވެ. ބަރިބަރިއަށް ހުރީ ކަވަރަށް ލާފައި ހުރި ހެދުމެވެ. ޚާއްޞަ ޙަފުލާތަކުގައި ލާފައި ހުރި ތަފާތު ހެދުންތަކެވެ. ހޯދަމުން ދިޔަ ހެދުން މާޔަލްއަށް ފެނުނީ ފޮށީގެ ތެރެއިން ހަތަރު ހެދުން ނެގި ފަހުންނެވެ. އަވަސްއަވަހަށް އެ ހިފައިގެން އައިސް އެނދުގައި ފަތުރާލިއެވެ. ރަބަރު ކަވަރުގެ ތެރެއިން އޭނާ ނެގީ ރަތްކުލައިގެ ދިގު މިޑީއެކެވެ. ހެދުން ހިފައިގެން އައިސް އަލަމާރީގެ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. ހުވަފެނީ ގޮތަކަށް މާޔަލް ބަލަން ހުރިއިރު ލުއި ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ. (ނުނިމޭ)