ބޯހިމެނުން

ބޯހިމެނުމުގެ ޓްރެއިނަރުން ތަމްރީން ކުރަން ފަށައިފި

Jul 17, 2022

ބޯހިމެނުމުގައި މަސައްކަތުގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ތަމްރީން ކުރުމުގެ މަސައްކަތުގައި އުޅޭ ޓްރެއިނަރުން ތަމްރީންކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ޓްރެއިނަރުން ތަމްރީން ކުރުމުގެ ފުރަތަމަ ބުރު މިއަދު ފެށީ ދަރުބާރުގޭގަ އެވެ. މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ބުރު ކުރިއަށް ގެންދާއިރު ދެވަނަ ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 31 އިން ކުރިއަށް އޮތް އޮގަސްޓް ހަތަރަކަށެވެ.

މާލޭގައި އެނިއުމަރޭޓަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 14 އިން ސެޕްޓެމްބަރު 8 އަށެވެ. އަދި އަތޮޅުތަކުގައި މިތަމްރީންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުލައި 31 އިން އޮގަސްޓު 25 އަށެވެ.

ބޯހިމެނުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް މިހާރު ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ.

ބޯހިމެނުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް ހޯދާފައިވާއިރު އެ މީހުން ތަމްރީންކުރުމަށް 100 ޓްރެއިނާސް ވެސް މިހާރު ވަނީ ހޯދާފަ އެވެ. ބޯހިމެނުމުގެ މަސައްކަތުގައި ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގައި އަތޮޅުތަކުގައި 1،991 މީހުން މަސައްކަތް ކުރަން ހަމަޖެހިފައިވާއިރު މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވާނެ އެވެ.

ނިއުމަރޭޓަރުން ތަމްރީން ކުރުމަށް މަސައްކަތް ކުރާ ޓްރެއިނަރުންނަށް މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާ އަދި ތަމްރީން ހޯދާ ނިއުމަރޭޓަރުން ތަމްރީންތަކުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާ ދިނުމަށް ހަމަޖައްސާފައިވެ އެވެ. މީގެއިތުރުން ބޯހިމެނުން ކުރިއަށްދާއިރު ސީދާ އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ކޮންމެ ނިއުމަރޭޓަރަކަށް ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސަކާއި ކޮންމެ ދުވަހަކަށް ފޯން އެލަވަންސްގެ ގޮތުގައި 10 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.

މިއަހަރުގެ ބޯހިމެނުމުގައި އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި އަދި އިގްތިސާދީ މަސައްކަތްތައް ހިންގާ ތަންތަނުގެ ބޯހިމެނުން ކުރިއަށް ގެންދާނެ އެވެ. ބޯހިމެނުމާ ގުޅޭ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 13 އިން 25 އަށެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިއަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ. ދާއިމީ ނަތީޖާ އިއުލާން ކުރާ ދުވަހަކީ ގައުމީ ތަފާސްހިސާބުތަކުގެ ދުވަހެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއެކު ބޯހިމެނުން މެދުކެނޑުމަށްފަހު ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. މިހާރު ރާއްޖޭގެ އާބާދީ ސީދާ އަދަދު މުޅީން ސާފު ނުވާއިރު ބިދޭސީންގެ އަދަދުވެސް ސާފެއް ނުވެ އެވެ.