އިމްރާން އަބްދުﷲ

ދީނީ އިލްމުވެރިއަކަށް އަނިޔާއެއް ނުކުރާނަން: އިމްރާން

ދީނީ އިލްމުވެރިއަކަށް އަނިޔާއެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ އަމާޒު ވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވީޓެއް ކުރައްވައިފި އެވެ.

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އައްޝައިހް އާދަމް ނިޝާން އާއި އައްޝައިހް ފަޒްލޫން މުހައްމަދު ހައްޔަރު ކޮށްގެން ގެންގުޅޭތާ 27 ދުވަސް ވަނީ ވެފައެވެ. ފުލުހުން ގެންދަނީ އެ ދެ އިލްމުވެރީންގެ ބަންދުގެ މުއްދަތު ހަމަވުމާއެކު އެ މުއްދަތު އިތުރުކޮށްދޭން ކޯޓްގައި އެދެމުންްނެވެ. ހަމަނުޖެހުމުގައި ބައިވެރިވުމާއި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމުގެ އެއްވެސް ހެއްކެއް ނުދެއްކުނު ނަމަވެސް ފުލުހުން ގެންދަނީ އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ތަހުގީގުވެސް އަދި ނުނިމޭ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ދެ އިލްމުވެރީން ޖަލުގައި ބަންދުކޮށްގެން ގެންގުޅުމުގެ އަމުރަކަށް އެދެމުންނެވެ.

ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުން ޖަވާބުދާރީވާން ޖެހޭ ވެރިއަކީ އިމްރާނެވެ. އިލްމުވެރީންނާމެދު އެގޮތަށް އަމަލު ކުރަމުންދާތީ އިލްމުވެރީންނާއި އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކާއި ފާޑުކިއުމެއް އިމްރާނަށް ވަނީ އަމާޒުވެފައެވެ. ސިޔާސީ މައްސަލަތަކުގައި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކަވާފައިނުވާ މަޝްހޫރު ދީނީ އިލްމުވެރީން ގެންދަވަނީ މި މައްސަލާގައި އިމްރާނަށް އެކި ސުވާލުތައް އަމާޒު ކުރައްވަމުންނެވެ. އޭގެ ތެރޭގައި އައްޝައިހް އަހުމަދު ސަމީރު އާއި އައްޝައިހް ހަސަން މޫސާ ފިކުރީ އަދި އައްޝައިހް މުހައްމަދު ނަޝީދު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ފާޑުކިޔުންތަކާއި ގުޅިގެން އިމްރާން މިރޭ ވިދާޅުވީ އެއްވެސް މީހަކަށް އަދި ވަކީން ހާއްސަކޮށް ދީނީ އިލްމުވެރިއަކަށް އޭނާ އަނިޔާއެއް ނުދެއްވާނެ ކަމަށެވެ. އަދި އިލްމުވެެރީން ހައްޔަރު ކޮށްގެން ގެންގުޅުމާ އެމަނިކުފާނާ ގުޅުމެއް ނެތް ކަމަށް ދައްކަވަން ވިދާޅުވީ އަނިޔާ ލިބޭ މީހުންގެ ދުއާއިން ރައްކާތެރިވުމަށް ފުލުހުންނާއި ކަރެކްޝަންގެ އޮފިޝަރުންނަށް އަބަދުވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.

އިލްމުވެރީންގެ ބަންދުގެ މުއްދަތު އިތުރުކޮށް ޖަލު ބަންދުގައި ގެންގުޅޭތީ ޝައިހް އަހްމަދު ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް ދީނީ ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ.

ޝައިހް ހަސަން މޫސާ ފިކުރީ ވަނީ އަނިޔާވެރި ކަމަކީ ވަކި ބަޔަކު ޖަލުގައި އޮތުމުން މެދުވެރިވާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ.

"މޭޑޭގެ މުޒާހަރާގެ ބައިވެރީންގެ އަމަލުތަކުގެ ޒިންމާ ޝައިހް އިމްރާން ނަންގަވަން ޖެހިވަޑައިނުގެންފައި، ޔޯގާ ޑޭގެ މުންކަރާތް ހުއްޓުވަން ނިކުތް ޝެއިހުން އެހެން ބަޔަކު ހިިންގި ހަމަނުޖެހުމެއްގެ ޒިންމާ ނަގަން ޖެހުން، އެއީ އަދުލް އިންސާފުތޯ؟ އަނިޔާވެރި ކަމަކީ ވަކި ބަޔަކު ޖަލުގައި އޮތުމުން މެދުވެރިވާ ކަމެއްތޯ،" ޝައިހް ހަސަން މޫސާ ފިކުރީ ސުވާލު ކުރައްވާފައިވެއެވެ.

ސިޔާސީ ޓްވީޓެއް ނުކުރައްވާތާ އެތައް ދުވަހެއް ފަހުން މިދިޔަ ދެ ތީން ދުވަހު އިމްރާން ވަނީ ގިނަ ޓްވީޓްތަކެއް ކުރައްވާފައެވެ. މައިގަނޑުކޮށް މަސައްކަތް ކުރެއްވީ އަދާލަތު ޕާޓީގެ ތަސައްވުރު ރީތި ކުރެއްވުމަށެވެ. އެ ޕާޓީ އުފެއްދި މަގުސަދާއި އެއްގޮތަށް ޕާޓީ ސާބިތުކޮށް އޮތް ކަމަށް ދެއްކެވުމަށެވެ. ނަމަވެސް ކޮންމެ ޓްވީޓަކާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު އޭނާއަށް ފާޑުކިޔައެވެ.