ރާއްޖޭގެ ސިއްހީ ދާއިރާއަށް ފަންނީ ބިދޭސީން ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހޯދަން އިއުލާންކޮށްފައިވާ ފަންނީ މީހުންގެ ތެރޭގައި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުންނާއި އަދި ލެބޯޓަރީ ޓެކްނީޝަނުން ހިމެނެ އެވެ. މެޑިކަލް އޮފިސަރުން ހޯދަން އިއުލާނުކޮށްފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރުމަށެވެ.
ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދާ ހާއްސަ ބަލިތައް
- އެނެތެޓިސްޓް: 8
- ގައިނޮކޮލޮޖިސްޓް: 4
- ރޭޑިއޮލޮޖިސްޓް: 8
ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި ދޭން ނިންމާފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 30،990 ރުފިޔާއާއި އެކޮމޮޑޭޝަން އެލަވަންސަށް 7،000 ރުފިޔާ އާއި ފުޑް އެލަވަންސަށް 2،400 ރުފިޔާ އެވެ.
ފަންނީ އިތުރު ވަޒީފާތައް
- މެޑިކަލް އޮފިސަރުން: 12
- ޑެންޓަލް އޮފިސާސް: 3
- ލެބޯޓަރީ ޓެކްނީޝަން: 5
- ރޭޑިއޯގްރަފާ: 3
މެޑިކަލް އޮފިސަރުންނާއި ޑެންޓަލް އޮފިސަރުންގެ އަސާސީ މުސާރައިގެ ގޮތުގައި 15،090 ރުފިޔާއާއި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 275 ރުފިޔާގެ ސާވިސް އެލަވަންސެއްގެ އިތުރުން އެކޮމޮޑޭޝަން އެލަވަންސަށް 3،000 ރުފިޔާ އަދި ފުޑް އެލަވަންސަށް 1،800 ރުފިޔާ ދިނުމަށްވެސް ނިންމާފައިވެ އެވެ.
ރޭޑިއޯގްރަފާ އަދި ލެބޯޓަރީ ޓެކްނީޝަނުންގެ އަސާސީ މުސާރައަކީ 5،610 ރުފިޔާ އެވެ. އެމީހުންގެ ސާވިސް އެލަވަންސްގެ ގޮތުގައި 2،500 ރުފިޔާ ކަނޑައަޅާފައިވާއިރު، އެކޮމޮޑޭޝަން އަށް 3،000 ރުފިޔާ އަދި ފުޑް އެލޮވެންސަށް 1،800 ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.
ހެލްތު މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ އިއުލާންތަކެއްގައި ބުނެފައި ވަނީ މި ވަޒީފާތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހުގެ 24 ވަނަ ދުވަސް ކަމަށެވެ.