ފަޒްނާ އަހުމަދު

ހެލްތް ޕްރޮފެޝަނަލުންގެ ކޮންފަރެންސް އިފްތިތާހްކޮށްދެއްވައިފި

Jul 18, 2022

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު "އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް" އިފްތިތާހްކޮށްދެއްވައިފި އެވެ.

އެކަމަނާ މި ކޮންފަރެންސް އިފްތިތާހްކޮށްދެއްވީ މިއަދު ހެނދުނު ބަނޑޮސް މޯލްޑިވްސްގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މި ކޮންފަރެންސަކީ މޯލްޑިވިއަން ނާސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ތީމަކީ "މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަޖީ" އެވެ.

މި ކޮންފަރެންސްގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެން ސިއްހީ ދާއިރާގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާނެ އެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ސިއްހީ ދާއިރާގައި ބޭނުންކުރަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.