ގއ. ވިލިނގިލީގެ ރައްޔިތަކަށް ކ. ދިއްފުށީގައި ދީފައިވާ އަނިޔާ އަކީ ޓެރިޒަމްގެ އަމަލެއް ކަމަށް ސިފަކުރައްވާ އެ މައްސަލަ ތަހުގީގު ކުރުމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ގޮވާލައްވައިފި އެވެ.
ވިލިނގިލި މީހާއަށް ދިއްފުށީގައި ބަޔަކު އަނިޔާކުރީ އެ މީހާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް މި ތުހުމަތާ ގުޅިގެން އެ މީހާ އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.
މިމައްސަލަ އާއި ގުޅިގެން ސައުދު މިއަދު ވިދާޅުވީ ވިލިނގިލި މީހާއަށް އަނިޔާކުރިއިރު ދިއްފުށިން ފެނިގެން ދިޔައީ ލާއިންސާނީ އަނިޔާވެރި ނުރައްކާތެރި މާހައުލެއް ކަމަށެވެ.
ސައުދު ވިދާޅުވީ މީހަކަށް ކުށެއްގެ ތުހުމަތު ކުރެވޭނަމަ އެކަންކަން ބެލޭނެ ގާނޫނީ ހަމަތަކެއްވާ ކަމަށެވެ. އެކަމަކު ވިލިނގިލި މީހާ އަށް ހަމަލާ ދިނީ ރާވައިގެން ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވި އެވެ.
"މިޖަރީމާގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރާއި ފުލުހުންނަށް ގޮވާލަން،" މިދިޔަ މަހު އެމްޑީޕީއަށް ސޮއި ކުރައްވާފައިވާ ސައުދު ވިދާޅުވި އެވެ.
އަނިޔާ ލިބުނު މީހާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އޭނާގެ ލޮލާއި މޫނާއި އަދި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ދީފައިވެ އެވެ.
އަނިޔާ ލިބުނު މީހާ ބުނީ އޭނާއަށް އަނިޔާކުރިއިރު ފުލުހުންވެސް އެތާ ތިބެ އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން އެ ތުހުމަތު ދޮގުކުރެ އެވެ.
އަނިޔާކޮށް ޒަހަމްކޮށްލުމުން ދިއްފުށި ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްވެސް ދެކޮޅު ހެދި ކަމަށް އަނިޔާ ލިބުނު މީހާ ވަނީ ބުނެފަ އެވެ.
ފުލުހުން މިއަދު ވަނީ 22 އަހަރުގެ މީހަކު ދިއްފުށިން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެމީހާ ހައްޔަރުކުރީ ވިލިނގިލި މީހާއަށް އަނިޔާކުރަނިކޮށް އެކަން ހުއްޓުވަން ދިޔަ ފުލުސް މީހާއާ މާރާމާރީ ހިންގައިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.