ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހަ މީހަކު ދޫކޮށްލައިފި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން ވަނީ 21 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން އެކަކު ވަނީ ކުރީން ދޫކޮށްލާފައެވެ. މިއަދާ ހަމައަށް ބަންދުގައި ތިބީ 20 މީހުންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ތަހުގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހަ މީހަކު ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ދޫކޮށްލި ނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށް ބުންޏެވެ.
ފުލުހުންގެ ބަންދުން ދޫކޮށްލީ ކޮން ބައެއް ކަމެއް ނުބުނެއެވެ. ފުލުހުން ކުރީން ވަނީ ހައްޔަރު ކުރި 21 މީހުންގެ މައުލޫމާތުވެސް އާންމުކޮށްފައެވެ. ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބަންދަށް ގެންދިޔަ މީހުންގެ ތެރޭގައި ދީނީ އިލްމުވެރީން ކަމަށްވާ ޝައިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު ހިމެނެއެވެ. އެ ދެ އިލްމުވެރީންގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް ވަނީ އިތުރުކޮށްފައެވެ.
މިއަދު ދޫކޮށްލި ހަ މީހުންގެ ތެރޭގައިވެސް އެ ދެ އިލްމުވެރީން ނުހިމެނެއެވެ. އިލްމުވެރީން ބަންދު ކޮށްގެން ގެންގުޅޭ މައްސަލަ ހޫނުވެ ވަރަށް ގިނަ އިލްމުވެރީންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ޔޯގާ ހަރަކާތާއި ދެކޮޅަށް އަޑުއުފުއްލެވި ނަމަވެސް އެ ދުވަހުގެ އެއްވެސް ހަމަނުޖެހުމެއްގައި އެ ދެ ބޭފުޅުން ބައިވެރިއެެއް ނުވެއެވެ. އެކަން ދަލީލު ކޮށްދޭ ވީޑީއޯތަކެއްވެސް ވަނީ އާންމުވެފައެވެ.
ނަމަވެސް ފުލުހުން ގެންދަނީ ހަމަނުޖެހުންތަކާއި އެ ބޭފުޅުންނާއި ގުޅުވަމުންނެވެ. ބަންދުގެ މަޖިލީސްތަކުގައި ފުލުހުން ވަނީ ހަމަނުޖެހުންތަކުގެ އަޑީގައި ތިބީ އެ ދެ ބޭފުޅުން ކަމަށް ވިދާޅުވަމުންނެވެ. އަދި ތަހުގީގުވެސް ނުނިމޭ އެ މައްސަލާގައި ޝަރީއަތް ނިމެންދެން އެ ދެ ބޭފުޅުން ބަންދުގައި ބޭތިއްބުމުގެ އަމުރެއް ދިނުމަށް ފުލުހުން ދަނީ ކޯޓްގައި ތަކުރާރުކޮށް އެދެމުންނެވެ.