މިއަދަކީ ނޫސްވެރިކަމުގެ އާއިލާ އަށް ކަޅު އަނދިރި ދުވަހެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން ވިދާޅުވެއްޖެ އެވެ.
ޝަފާއު މިހެން ވިދާޅުވީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާއި ގުޅިގެންނެވެ.
ޝަފާއު ވިދާޅުވީ މިއަދަކީ ނޫސްވެރިކަމުގެ އާއިލާ އަށް ކަޅު އަނދިރި ދުވަހެއް ކަމަަށާ ފިޔަވަޅެއް އެޅުނީ ފަހަތަށް ކަމަށެވެ.
ހެއްކާ ބެހޭ ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ މަޖިލީހަށް ހުށައެޅި ބިލެކެވެ. ބޭނުމެއް ކަމަށް ބުނެފައި ވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ހެއްކާބެހޭ ތަފްސީލީ ގާނޫނެއް ތައާރަފު ކުރުމެވެ.
ޖުމްލަ 151 މާއްދާ އެކުލެވޭ ބިލު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން މެދުވެރިކޮށް ބަންޑާރަ ނައިބު އޮފީހުން 15 އިސްލާހެއް ހުށަހަޅައި ބައެއް ބަދަލު ގަނައި ނަމަވެސް މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. ބިލު މަޖިލީހުން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިއްބެވީ ދެ މެމްބަރަކެވެ.
ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ނޫސްވެރިން ލިޔާ ލިޔުންތަކުގައި ހިމަނާ މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން އެމީހުންނަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އެކަމަކު ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގައި ފުލުހުންނަށް ނުވަތަ ދައުލަތުގެ ފަރާތުން މަސްދަރު ހާމަކުރަން އެދެފިނަމަ ޝަރީއަތުން އަންގާ ގޮތެއްގެ މަތިން މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ޓެރަރިޒަމްގެ އަމަލެއް ކުރިކަން ނުވަތަ ކުރަން އުޅޭކަން ހިމެނޭ މައުލޫމާތުތަކާއި، ނޫސްވެރިޔާގެ މަސްދަރު ހާމަނުކުރުމުގެ މަސްލަހަތަށްވުރެ އާންމު މަސްލަހަތު ބޮޑު މައްސަލަތަކުގައި މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި މަސްދަރު ހާމަނުކުރުމުގެ ސަބަބުން ތުހުމަތު އޮތް މީހާއަށް ކުށުން ބަރީއަވެވޭނެ ހާލަތެއް ނެތްނަމަ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.
މި ގާނޫނުގައި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަ ކުރެވޭ ގޮތްތަކާއި ހެކި ހުށަހެޅުމާއި ބަލައިގަތުން އަދި ހެކިބަސް ނެގުމާއި ހެކި ވަޒަން ކުރުމުގެ މިންގަނޑުތައް ހިމަނާފައި ވެއެވެ. އަދި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި އިސްލާމްދީނުގައި ހައްދާއި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތު ކުރުމަށް ބޭނުންވާ ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ވެސް ހިމެނޭ އިރު ހެކީގެ ގޮތުގައި ހުށަ ނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަންފަދަ ހެއްކާބެހޭ އުސޫލުތައް ބަޔާން ކޮށްފައި ވެއެވެ.
ހެއްކާ ބެހޭ ބިލު މިއަދު ރައީސް ތަސްދީގުކުރައްވާފައި ވަނީ މަސްދަރު ހާމަކުރާ މާއްދާ އުނިކޮށްދިނުމަށް އެދި 158 ނޫސްވެރިންގެ ސޮޔާއެކު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައި ވަނިކޮށެެވެ. އަދި މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.
ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކޮށްފައި ވަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުން ގޮވާލަމުން ދަނިކޮށެވެ.