ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކަސްޓަމް މުވައްޒިފުންނަށް ފްލެޓް ލިބޭނެ: ރައީސް

ސަރުކާރުން އިމާރާތްކުރާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 132 ވަނަ އަހަރީ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކަސްޓަމްސް އޮފިސަރުންގެ މަސްއޫލިއްޔަތާއި ޒިންމާއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ކަސްޓަމްސް މުވައްޒަފުންގެ ޒިންމާތަކަށް ބަލާއިރު ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުމެ ހުށަހެޅެމުންދާ ބައެއް ކަމަށެވެ. ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ނުރައްކާތެރި ހަތިޔާރާއި އެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވުމަކީ ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެއް ކަމަށާ ކަސްޓަމްސްގެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ އެމުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަ ކޮށްދެވިގެން ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން، ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމެއް އެމަނިކުފާނު ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކަސްޓަމްގެ މުވައްޒަފުންނަށްވެސް ހެލްތް އިންޝުއަރެންސް ދެވޭނެ އިންތިޒާމެއް ގާއިމްކުރުމަކީ މުހިއްމު ކަމެއްކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށާ އެއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް އެކުލަވާލާފައިވާ ކަސްޓަމްސްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަންވެސް ކުރެވޭނެ މަގެއް ފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ކަސްޓަމްސްގެ ހިދުމަތްތައް ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އަމާޒަކީ ކަސްޓަމްގެ ހިދުމަތްތައް ހަރުދަނާކޮށް ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމާއި މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދުން ކަމުގައި ވިދާޅުވެފައެވެ.

ރައީސް ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުން ކުރަމުންދާ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ނޮވެންބަރު 2018 އިން ފެށިގެން މިހާތަނަށް 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގަނެފައި ކަމަށް ވިދާޅުވިއެވެ. އެއީ އޭގެ ކުރީގެ ފަސް އަހަރާ އަޅައިބަލާއިރު 32 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.