ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް މުދާ ގެނައުން އަވަސްކުރަން އެއްބަސްވުމެއް ހަދަނީ

Oct 6, 2022

ބަހްރައިން އާއި ރާއްޖެއާ ދެމެދު ކަނޑާއި ވައިގެ މަގުން އަވަހަށް މުދާ ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަން އިއުލާންކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަހްރައިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނާ އެކު ބޭއްވި މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކުރުމަށްފަހު އެވެ.

ރާއްޖެއާއި ބަހްރައިންއާ ދެމެދު އިތުރު ދެ އެއްބަސްވުމެއްގައި ސޮއިކުރަން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ. ނަމަވެސް އެ ދެ އެއްބަސްވުމުގައި ސޮއި ކުރެވޭނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ދެ ގައުުމުގެ ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ދެ އެއްބަސްވުމަކީ ކަނޑާއި ވައިގެ މަގުން އަވަހަށް މުދާ ބަދަލުކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ބަޙްރައިންގެ ޑޭޓާ ސެންޓަރުތަކުގައި ރައްކާކުރެވޭ މައުލޫމާތު ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

ރާއްޖެއާއި ބަހްރައިން މިއަދު ވަނީ ހަތަރު އެއްބަސްވުމެއް ބަދަލުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ބައިނަލްއަގްވާމީ ގުޅުންތަކާއި ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި ހިޔާލާއި މަޝްވަރާ ބަދަލުކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ބަހްރައިންގެ މުހައްމަދު ބިން މުބާރަކް އަލް ޚަލީފާ އެކެޑަމީ ފޯ ޑިޕްލޮމެޓިކްސް ސްޓަޑީޒް އާއި ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާ ދެމެދު ވެނުނު އެއްބަސްވުމެކާއި، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގެ އިތުރުން މޫސުމީ ބަދަލުތަކާއި ގުޅޭ ގޮތުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެކެެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ބަހްރައިން އަކީ ރާއްޖޭގެ ތަރައްގީގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އަދި ރާއްޖެއާ ވަރަށް ގާތްގުޅުންތަކެއް އަބަދުވެސް ބާއްވާ ގައުމެކެވެ.