މިނިސްޓްރީ އޮފް އެޑިއުކޭޝަން

83 ސްކޫލެއްގެ ލެބޯޓްރީއަށް ބޭނުންވާ ކެމިކަލް ހޯދަނީ

Jul 19, 2022

ސަރުކާރުން ހިންގާ ގިނަ ސްކޫލުތަކެއްގެ ލެބޯޓްރީތަކަށް ބޭނުންވާ ކެމިކަލާއި އިތުރު އާލާތްތައް ހޯދަން އިއުލާންކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވަނީ 83 ސްކޫލަކަށް ބޭނުންވާ 100 އަށް ވުރެ ގިނަ ބާވަތުގެ ކެމިކަލް ހޯދުމަށެވެ. މިލިސްޓްގައި މާލޭގައި ސަރުކާރުން ހިންގާ އަށް ސްކޫލެއް ވެސް ހިމެނެ އެވެ.

ސްކޫލުތަކުގެ ލެބޯޓްރީތަކަށް ބޭނުންވާ ކެމިކަލާއި އާލާތްތައް ހޯދަން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ފަރަތާކަށް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން 50،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހެ އެވެ.

ސްކޫލުތަކުގެ ލެބޯޓްރީއާއި ކޮމްޕިއުޓާ ލެބްތަކަށް ބޭނުންވާ އާލަތްތައް ލިބުން ދަތިކަން ސްކޫލުތަކުން އަބަދުވެސް ފާހަގަކުރެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފަށާނީ މިއަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކަށް ބޭނުންވާ ޓީޗަރުންނާއި ވަސީލަތްތައް ހަމަކޮށްދިނުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ދިރާސީ އާ އަހަރަށް ބޭނުންވާ ބިދޭސީ ޓީޗަރުންވެސް މިހާރު ދަނީ ރާއްޖެއަށް އަންނަމުންނެވެ. މިއަހަރު ރާއްޖެއަށް ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ކުރީ އަހަރުތަކާ އަޅާބަލާއިރު މަދުވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރުގެ 214 ސްކޫލުގައި 6،490 ދިވެހި ޓީޗަރުން ތިބިއިރު 1،708 މީހުންނަކީ ބިދޭސީ ޓީޗަރުންނެވެ.