( 17 ޖުލައި 2022 އާ ގުޅޭ )
ރަބަރު ކަވަރުގެ ތެރެއިން އޭނާ ނެގީ ރަތްކުލައިގެ ދިގު މިޑީއެކެވެ. ހެދުން ހިފައިގެން އައިސް އަލަމާރީގެ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. ހުވަފެނީ ގޮތަކަށް މާޔަލް ބަލަން ހުރިއިރު ލުއި ހިނިތުންވުމެއް އެ ތުންފަތުގައި ވިއެވެ.
"ކީއްވެ މިހެދުން." މާޔަލްގެ ހިތާ ސުވާލުކޮށްލެވުނެވެ.
އެތައް ރީތި ހެދުމެއް ހުރިއިރު ހުވަފެނުގައި ސީދާ އެ ހެދުން ފެނުނީތީ މާޔަލް ވެސް އަޖައިބުވެއެވެ. ރަތްކުލައަށް ޚާއްޞަ ލޯތްބެއް ދެވިފައި ވިޔަސް އެ ހެދުމަކީ މާޔަލްގެ އަތުގައި އޮތް ހަމައެކަނި ރަތް ހެދުމެއް ވެސް ނޫނެވެ. އެކަމަކު އެ ހެދުމަކީ މާޔަލްއަށް ވަރަށް މުހިންމު ޙަފުލާއެއްގައި ބޭނުންކޮށްފައިވާ ހެދުމެކެވެ. އައިރިކްއާއެކު އެ ހެދުމުގައި މާޔަލް ހުރިއިރު ނުހަނު ގުޅައޭ އަމިއްލަ ހިތަށް އެރުމުން ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. ތިރީތުންފަތުގައި ދަތްއަޅާލެވުމާއެކު ލޯގަނޑުވި އަމިއްލަ ސޫރައާ ނަޒަރު ވަކިކޮށްލެވުނީ ލަދުންނެވެ.
"އަހަރެން ވެސް ދޯ... އެއީ ހުވަފެނެކޭ. ހަޤީޤަތެއްނޫން. ހިތަށް ވެސް އަރުވާކަށް ނުވާނެ." މަޑުމަޑުން ދެފަރާތަށް ބޯހޫރުވަމުން މާޔަލް ކިޔާލިއެވެ. ކުށެކޭ މިކުރެވެނީ އޭނާގެ ޟަމީރު ހަނދާންކޮށްދިނެވެ.
"ކުޑޫ..." ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލައި ވަދެގެން އައީ މަލަކްއެވެ. މާޔަލްގެ ޚިޔާލުތައް ހާވިޔާވެ ލޯ ކުރިމަތިން އައިރިކްގެ ސޫރަ ގެއްލުނެވެ.
"ހެދުންތަ ނަގައިގެން... ތަނަކަށް ދާން އޮތީތަ؟. އޮފީސް އިވެންޓެއް އޮތީތަ؟." މަލަކްއަށް މާޔަލް ހުރި ގޮތް ފެނި ވާހަކަދައްކަން ފެށިއެވެ. ދައްތަގެ ކައިރިއަށް އައިސް ހެދުން ހާވަން ފެށިއެވެ. އޭގައި މަލަކްއަށް ނުފެންނަ ހެދުމެއް ނޯންނާނޭކަން އެނގެއެވެ. އެހެންވިޔަސް ކުއްލިއަކަށް އެކަމަށް ޝައުގުވެރިކަން އުފެދުނީއެވެ. ކޮންމެ ހެދުމަކީ އޭގައި މާޒީވެފައިވާ ވާހަކައަކާ ގުޅުން އޮތް ހެދުމެކެވެ. އެ ހަނދާންތައް އާކުރާން މަލަކް އުޅޭ ކަހަލައެވެ.
* * * * *
ހޮނިހިރު ދުވަހަކީ މާޔަލްގެ ވަޒީފާއަށް ނުކުންނަން ޖެހޭ ދުވަހެވެ. ހަފްތާގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއް އައިރިކްއާއެކު ވަގުތު ހޭދަކުރާން ވަނީ ޖެހިފައެވެ. ހުކުރު ދުވަސް ވެސް ދޭން ހަޤީޤަތުގައި އައިތަން ބޭނުމެއް ނުވެއެވެ.
އައިތަންއާއެކު ގޭގެ ބޮޑުކޮޓަރިން ލާފައި އެތެރެއަށް މާޔަލް އައެވެ. އޭގެ ދެ މީހުން އައިސް އައިރިކް އުޅޭ ބަޔާ އަރާ ހަމަވާންވީއިރު ހުޅުވާފައި ހުރި ދޮރު ފެނުނެވެ. ދޮރުމަތީ ހުއްޓިލީއިރު ސޯފާގައި އައިތަން އިންތަން ފެނުނެވެ. ސޯފާތަކުގެ މެދުގައި ހުރި މޭޒުގެ މަތީ ކުރީން ދުވަހު މާޔަލް އެއްޗެހި ބެހެއްޓި ތަރުތީބުކަމަށް ބަދަލު އައިސްފައެއް ނެތެވެ. ކަރުދާސްތަކާއި ފައިލްތަކުގައި މީހަކު އަތްނުލަނީއޭ މާޔަލްއަށް ބުނާން އެނގެނީ އެހެންވެއެވެ.
"ގުޑް މޯނިން." އައިތަން ގޮވާލިއެވެ. އައިރިކް ވަކި ޖަވާބެއް ނުދިނެވެ.
"ސައި ގެންނަން ފަޒްނައްތަ ކައިރީ ބުނަންވީ ދޯ" އައިތަން އައިސް އިށީނީ އައިރިކް އިން ސޯފާގައެވެ.
"ބައްޕައާއި މަންމަ ކައިރިއަށް ދާންވީނު." އައިރިކް އާދައިގެ ރާގެއްގައި ބުންޏެވެ.
އައިރިކް އިނީ މާޔާގެ އިންތިޒާރުގައެވެ. ހެނދުނުގެ ނާސްތާ ކުރާން ގަސްދުކޮށްގެން އިނީ މާޔާއެކީއެވެ. އައިތަން ބައިވެރިވާން ގަސްދުކުރާކަން އެނގުންވީ އައިރިކްގެ ހިތް ނުތަވަސްކުރުވި ކަމަކަށެވެ. އައިތަން އިށީން ވަގުތު ވައަތްފަރާތުގައި ހުރި ސޯފާގައި ކޮންމެވެސް މީހަކު އިށީންކަން އައިރިކް ދެނަހުއްޓެވެ. އެހެންވިޔަސް އޭނާ އެ އިނީ ކާކުކަން ބުނާން ނޭނގިފައެވެ. އެ ދިމާއަށް މޫނު އަނބުރާ ވެސް ލިއެވެ.
"މާޔާ..." މާޔާ އިންކަމެއް ބުނާން އައިރިކްއަށް ނޭނގުނު މީ ފުރަތަމަ ފަހަރެވެ. އައިތަންއާއެކު އައީ މާޔާނަމަ ނޭފަތުގައި ޖެހުނު ވަހާ މެދު އައިރިކް ގަޔައެއް ނުވިއެވެ. މަޑުމަޑު އަންހެންވަންތަ ވަހަކަށް ވިޔަސް އެ ވަހުގައި އައިރިކްގެ ހިތް އަވަސްކުރާ ގޮތެއް ނެތެވެ. މޭފުރިއަރާފަދަ މަސްތުކަމެއް އިޙްސާސެއް ނުވިއެވެ.
"މާޔާ ވެސް ބައިވެރިވާނެ." އައިތަން ބުނެލި ގޮތުން މާޔާކަން ދެން އިނީ އައިރިކްއަށް ޔަގީންވިއެވެ.
"ތިހާ ބޭނުމިއްޔާ މާޔާ ގޮވައިގެން ދާންވީނު. މިތަނަށް އޭނާ ނުގެނެސް." އައިރިކްގެ އަޑުގައި ކުއްލިއަކަށް ހަރުކަށިކަން އެކުލެވުނެވެ.
އައިރިކްގެ މޫނަށް އަރާފައިބާ ކޮންމެ އަސަރަކަށް މާޔަލް ހިމޭންކަމާއެކު ބަލަމުންދިޔައެވެ. އޭރު އޭނާގެ ތަސައްވުރުގައި ކުރެހިފައިވީ ހުވަފެނުގައި އައިރިކް ހުރިލެއް ފުރިހަމަކަމެވެ. ފެންނަލެއް ޒުވާންކަމެވެ. ހެދުން އެޅުމުގައި ހުރި ފާޑުވެރިކަމެވެ. މައްޗަށް އެއްފަރާތަށް ވާހެން އޮމާންކޮށްލެވިފައިވާ އައިރިކްގެ އިސްތަށިގަނޑެވެ. ތަނަވަސް ބޮޑު ނިތްކުރިއާއި ސާފު އަލި ދިގު މޫނެވެ. ހަންގަނޑު ނުފެންނާނޭ ވަރަށް ތުނިކުރެވިފައިވާ ތުނބުޅިއާއި މަތިމަހެވެ. ދެ ލޮލާއި ވަރުގަދަ ބުމައިން ފާޅުވޭވޭ ހުންނަ ސީރިއަސްކަމެވެ. ޖެހިލުންކުރުވާ ފަދަ ތޫނު ބެލުމެކެވެ. އެއީ ހަޤީޤަތުގައި ވެސް އައިރިކްގެ ސިފައަށް ވެދާނޭބާއޭ މާޔަލްއަށް ހިތާ ސުވާލުކޮށްލެވުނެވެ.
އައިތަން ތެދުވީ އައިރިކްގެ ޠަބީޢަތް މާބޮޑަށް ގޯސްވެދާނޭ ނިންމައިގެންނެވެ. އޭނާ އައިރިކްއަށް ބަލާލާފައި ވައަތްފަރާތު ސޯފާގައި އިން މާޔަލްއަށް ބަލާލިއެވެ. ސިއްރުން އަތުގެ އިޝާރާތާއެކު އޭނާ ދަނީކަން އައިތަން ބުނެލިއެވެ. އެއާއެކު މާޔަލް ބޯޖަހާލީއެވެ. އައިރިކްއަށް އައިތަން އެއްޗެކޭ ބުނި އަޑެއް ނީވެއެވެ. ދަތްކުނޑިވިކާލެވުނީ އޭނާގެ ލޮލަށް އެ ދެ މީހުން ނުފެންނާތީއެވެ. އޭނާގެ ކުރިމަތީ މާޔަލްއާއި އައިތަންއާ ދެމެދު ސިއްރު ކަންތައްތަކެއް ކޮންމެވެސް ބަހުރުވައެއްގައި ހިނގަނީއޭ އައިރިކްއަށް ހީކުރެވުނެވެ. އެ ވިސްނުމުގައި އިން އައިރިކަށް އައިތަންގެ ބޫޓުގެ އަޑު އިވުނެވެ. މަޑުމަޑުން އެ އަޑު ދުރަށް ގޮސް ފަނޑުވަމުން ދިޔައެވެ. އެއްވެސް ބަހެއް ނުކިޔާ އައިރިކް އިނީއެވެ. މާޔަލް ވެސް ވާހަކައެއް ނުދެއްކިއެވެ. އައިރިކް އެއްޗެކޭ ބުނާނޭ އިރަކަށް އޭނާ ވެސް މަޑުކުރާ ކަހަލައެވެ.
އައިތަން ދިޔަތާ ގިނައިރުތަކެއް ނުވަނީސް ފަޒްނާ ސައި ހިފައިގެން އައިރިކްގެ ބަޔަށް އަތުވެއްޖެއެވެ. ހިމޭނުން ދެ ސޯފާގައި ދެ ޒުވާނުން ތިބި ގޮތް ފަޒްނާގެ ލޮލުގައި އަޅައިގަތެވެ. އެހެންޏާ އޭނާއަށް ވަދެވޭނީ އޭގެ ދެ މީހުން ކޮންމެވެސް ކަމަކާ ދެބަސްވަނިކޮށެވެ. އެކަކަށްވުރެ އަނެކަކުގެ ވާދަކިޔުމުގައި ކުރިއަރާން މަސައްކަތް ކުރާނެއެވެ. ޖެއްސުމުގެ އެއްޗެހި ބުނާ އަޑު އިވޭނެއެވެ. މިއަދު އެ ހަލަބޮލި މާޙައުލު މާބޮޑަށް ހިމޭންވީ ސަބަބަކަކާ މެދު ފަޒްނާ ސުވާލު އުފެދުނެވެ. އައިރިކްގެ ޠަބީޢަތް މާބޮޑަށް ގޯސްވީބާއޭ އޭނާގެ ހިތަށް އެރިއެވެ. މާޔަލްއާ ނަޒަރު ސީދާ ވެލުމުން އެ އަންހެންކުއްޖާ އާދައިގެ މަތިން ބަދަލުކޮށްލާ ހިނިތުންވުން ފެނިގެންދިޔައެވެ.
"ބްރެކްފަސްޓް އިޒް ހިއާ." ފަޒްނާ ނުކުމެގެން ދިއުމުން މާޔަލް އަހާލިއެވެ.
"ގެނޭ." އައިރިކް ރުންކުރުކަމާއެކު ބުނެލިއެވެ. ވާހަކަ ގިނަކުރުމެއް ސަމާސާކުރުމެއްނެތި މާޔަލް ސައި ޓްރޭ ގެނެސް އައިރިކްއަށް ތައްޔާރުކޮށްދިނެވެ. އެހެންޏާ ވެސް ކަންތައްކުރާ ފަދައިން އައިރިކްގެ އަތަށް ތަށިތަށް ދެމުން ދިޔައެވެ. ގެނައި ބިސްގަނޑާއި ދޮންކެޔޮވަށް ކާލުމުން އޭނާއަށް ފުދުނެވެ. އައިރިކް އެދުނީ ކޮފީޖޯޑު ދިނުމަށެވެ. އެއާއެކު އޭނާގެ އަތުގައި ތެރެއަށް ވަތުތަށްޓާއެކު އިން ޖޯޑު މާޔަލް ލައިދިނެވެ. އާވިއަރަމުންދިޔަ ހޫނު ކޮފީތަށިން އެތިފޮދެއް ބޯލުމަށްފަހު އައިރިކް ފުންނޭވާއެއް ދޫކޮށްލިއެވެ.
"އައިތަން ދިޔައިމަ ސައިނުބޯންތަ ތިއިންނަނީ." އައިރިކް ބުންޏެވެ.
"ބީސްޓް... ރުޅިއައިސް ރަތްވެފާ އިންނަ މީހަކާއެކު ސައިބޯހިތްވާނެތަ. ކާއެތިކޮޅު ވެސް ނޭނގެ ހަޖަމްވާނެކަމެއް." މާޔަލް ކުދިކިޔާލިއެވެ. އައިރިކްއާ ދިމާއަށް އޭނާ ލޯ އަޅާލިއެވެ. ދޫ ނެރިލިއެވެ.
"ވަޓް އާ ޔޫ ޑުއިން." ކުއްލިއަކަށް އައިރިކް އަހާލިއެވެ. މާޔަލް އަޖައިބުވިއެވެ. އޭނާ ވާހަކަނުދައްކާއިރު ވެސް އޭނާ ކުރާ ކަންތައްތައް އައިރިކްއަށް އެނގެނީ ހެއްޔެވެ. އައިރިކްގެ ލޯ ކުރިމަތީ މާޔަލް އަތް ހޫރާލިއެވެ.
"މާޔާ... ސައުނުބޮންޏާ މަސައްކަތް ފަށަންވީނު." މޫނުކައިރިން މާޔަލްގެ އަތް ހަރަކާތްކޮށްލިކަން އައިރިކްއަށް އެނގެނީ ހިސާބަކަށް ވައިއެޅިލީމައެވެ. އަނެއްކޮޅުން މާޔަލް ބޭނުންކުރާ ސެންޓުގެ ވަސް އޭނާގެ އަތުގައި ހުންނަކަން އައިރިކްއަށް ފާހަގަވެފައި ހުރީމައެވެ.
"ބޮސް. އާ ޔޫ ރިއަލީ ބްލައިންޑް." އަނގަހިރުވައިގަނެގެން ނީނދެވުނު ފަދައަކުން މާޔަލްއަށް އަހާލެވުނެވެ. ލޮލަށް ނުފެންނައިރު ރައްދުދޭން އައިރިކް އެހާ ކުޅަދާނައީ ކިހިނެއްބާއޭ މާޔަލް ސުވާލު އުފެދުނެވެ. ނަމަވެސް މިފަހަރު އައިރިކް ޖަވާބެއް ނުދިނެވެ.
މާޔަލް ސައިބޮއެ ނިންމާލުމާއެކު މަސައްކަތްތައް ފަށަން އަވަސްވެލިއެވެ. ލެޕްޓޮޕް ހުޅުވާލުމާއެކު ފައިލްތައް ކައިރިއަށް ޖައްސާލިއެވެ. ބޮސްއޭ ކިޔާ ގޮވާލުމާއެކު ރެޑީއޭ މާޔަލް ބުނެލިއެވެ. އޭރު ވެސް އައިރިކް އިނީ ލަސްލަހުން ކޮފީ ބޯށެވެ. ކޮންމެވެސް ޚިޔާލެއްގައި އިން ފަދައެވެ.
"މިތަނަށް އާދޭ." ވައަތުން އައިރިކްގެ ކައިރީ ސޯފާގައި އަތް ޖައްސާލާފައި އައިރިކް ބުންޏެވެ.
"ބޮސްއަށް އަހަރެންގެ އަޑު އިވެއެއްނު." އައިރިކްއާ އެހާ ކައިރީ އިންނަން މާޔަލް ޖެހިލުންވީއެވެ. އަމިއްލަ ހިތަށް ފާޑެއްގެ ގޮތެއްވާކަން އެނގޭތީއެވެ. ކުރީން ދުވަހު އައިރިކް ކައިރިވެލުމުން ހިތްއަވަސްވެގެން އައިގޮތް ހަނދާންވިއެވެ. ކުރެވުނު އިޙްސާސާ މެދު މާޔަލް ބިރުގަންނަނީއެވެ.
"މާޔާ." އައިރިކް ގޮވާލިއެވެ.
"މާޔާ... މާޔާ... މާޔާ..." ކުދިކިޔާހެން ސިއްރުސިއްރުން މާޔަލް ކިޔާލިއެވެ. އިންތަނުން ތެދުވެގެން އޭނާ އައިސް އައިރިކްގެ ކައިރީ އިށީނެވެ. އޭނާއާ ދިމާއަށް އައިރިކް ކުޑަކޮށް އެނބުރިލިއެވެ. މަސައްކަތުގެ ވާހަކަ އޭނާ ފެށިއެވެ. އައިރިކްގެ ދިގު މަތިމަހަށް ބަލަން މާޔަލްއަށް އިނދެވުނެވެ. އޭނާގެ ތުންފަތުގައި އިސްތަށިތައް ހޭކޭއިރު ހީލިނުކަރުވާބާއޭ މާޔަލް ހިތަށް އެރިއެވެ. ކޮފީތަށީގެ ތެރެއަށް މަތިމަހުގެ އިސްތަށިތައް ނުވަދޭބާއޭ މާޔަލް ހިތަށް އެރިއެވެ.
"އިޔު.... ގްރޮސް..." ކުއްލިއަކަށް މާޔަލްއަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ.
"ވަޓް..." އައިރިކްއަށް ވެސް ލިބުނީ ހައިރާންކަމެވެ.
"ނަތިން... ސޮރީ... ކޮންޓިނިއު ބޮސް." ހީލިކަރުވައިގަތް ކަހަލަ ގޮތަކަށް ބޯތަޅުވާލުމާއެކު މާޔަލް އަވަސްއަވަހަށް ލެޕްޓޮޕަށް ނަޒަރު ސީދާކޮށްލިއެވެ. އައިރިކްއަށް ނުބަލާން އޭނާ ނިންމިއެވެ. އިތުރަށް ކަމެއް ފާހަގަވެ އެފަދަ ސުވާލުތަކެއް ހިތާ ކުރެވިދާނެތީއެވެ.
ނިކަން ސީރިއަސްކޮށް އައިރިކް މަސައްކަތުގައި މާޔަލްއާއެކު އިނެވެ. ދެމީހުން ވެސް ބްރޭކް ނެގީ މެންދުރު ބާރަޖެހިކަން އޭނާގެ ފޯނުން އަންގާލުމުންނެވެ. އިށީނދެ އިންނަތާ ގިނައިރުވެފައި ވުމުން މާޔަލް ވެސް ސޯފާއިން ތެދުވީއެވެ. އަތްތިލައަށް މަސާޖެއް ދެމުން އޭނާ މަޑު ހިނގުމުގައި އައިސް ހުއްޓިލީ މަސްފެންގަނޑު ފެންނަ ހިސާބު ދޮރުކައިރީއެވެ. ސިނގިރޭޓެއް ބޮވައިގަނެފައި ހުރިވަރުން އައިރިކް އެ ދިމާ ބޭރަށް ނުކުތެވެ.
"އައިރިކް ސިނގިރޭޓު ބުއިން ހުއްޓާލާނަމަ." މަސްފެންގަނޑު ކުރިމަތީ ހުއްޓި ހުރެ އައިރިކް ބޭރުކޮށްލާ ދުންތައް މާޔަލްއަށް ފެންނަމުން ދިޔައެވެ. އެގޮތުގައި ހުއްޓާ މާޔަލްގެ ފޯނު ރިންގުވާ އަޑު އިވޭން ފެށިއެވެ. މާޔަލްއަށް ފުރަގަސްދީގެން ހުރި އައިރިކް އެނބުރިލިއެވެ. އެއާއެކު މާޔަލް ވެސް އެތެރެއަށް އައީ ކޮފީ މޭޒުމަތީ އޮތް ފޯނު ނެގުމަށެވެ.
"ފްރީވީތަ؟. އިރުކޮޅަކުން ކާނީ. ލަންޗަށްތަ ތިދަނީ..." މާޔަލް ވާހަކަދެއްކީ އިވާންއާއެވެ. މެންދުރު އޮފީސް މީހުންނާއެކު ކާން ނުކުމެފައި އޭނާ ގުޅީއެވެ.
ސިނގިރޭޓު ބޮއެ ނުނިމެނީސް ނިއްވާލާފައި އައިރިކް އައިސް ވަނެވެ. އޭނާއަށް މާޔަލް ދައްކާ ވާހަކަ އިވެއެވެ. ދަތްކުނޑިވިކާލިއިރު އޭނާގެ ކަނާއަތްތިލަ މުއްކަވާލައިފިއެވެ. މެންދުރު މާޔަލްއަށް އަންނަ ފޯނުކޯލާ މެދު އައިއިރިކް ހިތްހަމައެއް ނުޖެހެއެވެ. ކީއްވެކަމެއް ހިތަށް އުނދަގޫވަނީ ނޭނގެއެވެ. ފޯނުކޯލު ބާއްވަމުން މާޔަލް "މީ ޓޫ"އޭ ބުނެލުމުން އައިރިކްއަށް އެ ބަސްތައް އެތައް ގޮތަކަށް މާނަކުރެވިގެން ދިޔައެވެ.
"އައިތަންތަ؟. ނޫނީ އެހެން މީހެއްތަ؟... ކާކު... ކާކާ ކޮންމެ ދުވަހު ތި ވާހަކަދައްކަނީ؟." އައިރިކްގެ ހިތުގެ އަޑު ގަދަވެގެން އައެވެ.
މާޔަލް އެނބުރިލިއިރު އައިރިކް ފިޔަވަޅު އަޅަމުން އައީ އޭނާއާ ދިމާއަށެވެ. އެއްފަރާތް ވެލަން އުޅުމުން އައިރިކް ނަގައިގެންފިއެވެ. އޭނާ އަތްދިއްކޮށްލިއެވެ. އެ އަތުގައި ހިފަންނުހިފަން މާޔަލްއަށް ހުރެވުނީއެވެ. އައިރިކް ކަމަކާ ގަޔާނުވެފައި ހުރި ފަދަ އަސަރެއް އެ މޫނުން މާޔަލްއަށް ފެނެއެވެ. މަޑުމަޑުން މާޔަލް ފަހަތަށް ޖެހުނެވެ. ލޯ އަނދިރިއިރު އައިރިކް އެހާ ހުސިޔާރީ ކިހިނެއްބާއޭ މިފަހަރު ވެސް މާޔަލް ސުވާލު އުފެދުނެވެ.
"ކީއްވެ ދުރަށް ތިދަނީ." އައިރިކް އަހާލީ ޖާޒުބީގޮތަކަށެވެ.
"ބޮސް... ޔޫ އާ ފްރީކީން މީ އައުޓް." މާޔަލް ބުނެލިއެވެ. އައިރިކްގެ ހަރަކާތްތަކަށް ބަދަލު އަތުވެއްޖެހެން ހީވުމާއެކު ބޮސްއޭ ބުނެ މާޔަލް ވާހަކަދެއްކީ ކުރީން ވެސް އެފަދަ ހާލަތްތަކުގައި އެހެން ވާހަކަދެއްކުމުން އައިރިކް ރުޅިގަދަވެގެން އެކުރާން އުޅޭކަމެއް ހުއްޓާލާކަން އެނގޭތީއެވެ. އެކަމަކު މިފަހަރު ތަފާތުވިއެވެ. އައިރިކް އައިސް މާޔަލްގެ ކުރިމަތީ ހުއްޓުމާއެކު އަތުގައި ހިފަން މަސައްކަތް ކުރިއެވެ. އެކަން އޭނާ ކާމިޔާބު ކުރިއެވެ. މާޔަލްގެ ދެއަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރެ އައިރިކް ކުރިޔަށް ފިޔަވަޅު އަޅާލާއިރަށް މާޔަލްއަށް ފަހަތަށް ފިޔަވަޅު އަޅާލެވެއެވެ. އެގޮތަށް އޭނާ ފަހަތަށް ގޮސް ހުއްޓުން އެރިއެވެ. ބުރަކަށި ޖެހުނީ ކޮންތާކުތޯ ބަލާލިއެވެ. އައިރިކްގެ ނިދާކޮޓަރީގެ ދޮރުފަތުގައި މާޔަލް ތަތްކޮށްލާފައި ހުރި ކަހަލައެވެ.
"ބޮސް..." މާޔަލް ގޮވާލިއެވެ.
"ޝްޝްޝް..." ކުއްލިއަކަށް މާޔަލްގެ ތުންފަތުގައި އައިރިކް އިނގިލި ޖައްސާލިއެވެ. ދެން އޭނާ މޫނު އަނބުރާލީ އެބަޔަށް ވަދެވެން ހުރި ދޮރާ ދިމާއަށެވެ. މިވަނީ ކިހިނެއްކަން މާޔަލްއަށް ނަގައިނުގަނެވިގެން އުޅެނިކޮށް ކުއްލިއަކަށް މާޔަލްގެ އުނަގަނޑުގައި އައިރިކް ހިފާލުމާއެކު ކަހާލި ދޮރުން އެތެރެއަށް ދެމިގަތީ ވިދުވަރެއް ފަދައިންނެވެ. އޭނާ ދޮރު ދަމާލައި ލައްޕާލުމާއެކު މަޑުކޮށްލިއެވެ. މާޔަލްއަށް ހިންދިރުވާލެވުނެވެ. އޭނާގެ ނޭފަތުގެ ކޮޅުގައި އައިރިކްގެ ތުނބުޅި ހޭކިލައެވެ. ކޮންމެ ސިފައެއްގައި އައިރިކް ހުއްޓަސް އެ ހަށިގަނޑުން މާޔަލްއަށް ދުވީ މޭހެޔޮވެގެންދާފަދަ ފިރިހެންވަންތަ ހިތްގައިމު ވަހެކެވެ.
"ނެތެއްނު. ކޮންތާކަށް ދިޔައީ." އެބައިން އަންހެނަކު ވާހަކަދެއްކި އަޑު އައިރިކްއާއި މާޔަލްއަށް އިވުނެވެ.
"ނޭނގެ. އާންމުކޮށް ތިބޭނެ. ޝަހާ އަންނަންވީނު. ޝަބްނަމް ކާކޮޓަރީގައި އިންނާނެ މިހާރު. ދައްތަ އައިރިކް ކޮބާތޯ ބަލާލާފަ ޝަހާ އައިސް އުޅޭކަން ބުނާނަން." ފަޒްނާ ވާހަކަދެއްކި އަޑު ވެސް އިވުނެވެ.
"ބޮސް..." މާޔަލް ސިއްރުން ގޮވާލިއެވެ. އޭނާ ހާސްވާގޮތްވީއެވެ. އެ ކޮޓަރީގައި އަލިކަމެއްނެތެވެ. އައިރިކް އޭނާ ގޮވައިގެން އެތަނަށް އެވަނީ ކީއްވެކަމެއް ބުނާކަށް ވެސް ނޭނގުނެވެ. ޝަހާއަކީ ކާކު ހެއްޔެވެ. އޭނާއަށް ފިލަން އައިރިކް ކުރިކަމެއް ހެއްޔެވެ.
"ރިކް... ކޯލް މީ ރިކް." ވިސްނުމަކަށް ގެއްލިފައި ހުރި މާޔަލްގެ ކަންފަތްދޮށުގައި އައިރިކް ބުނެލީ ވައި އަޑުންނެވެ. މާޔަލްއަށް ކަންފަތްފަތުގައި އަތްއަޅާލެވުނެވެ. އޭރު ކަނދުރާއާއި އަތުގައިވީ ލޯލިތައް ހުރީ ކޮޅަށްޖެހިފައެވެ. އައިރިކްގެ ތުނބުޅިން ބީހުމުގެ އިޙްސާސް ކުރެވި އެއްވެސް އިޚްތިޔާރަކާއި ނުލާ މާޔަލްގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. މާޔަލްގެ ކަންފަތްކައިރިން ކޯތާފަތުގައި އައިރިކް ގަސްދުގައި މޫނުކައިރިކޮށް ބީހިލާފަދައެވެ.
"ރިކް..." މަޑުމަޑުން މާޔަލްއަށް ގޮވާލެވުނެވެ. އެހެންނުހަދާށޭ ބުނާ ފަދައިންނެވެ.
"ކީއްވެ ބަދަލުކުރީ." އައިރިކް ދެން ވެސް ވާހަކަދެއްކީ ހަމައެކަނި މާޔަލްއަށް އެ އަޑު އިވޭނެހާ މަޑުންނެވެ.
"ކޯއްޗެއް؟." މާޔަލް ސުވާލު އުފެދުނެވެ.
"ޔޫ ސްމެލް ޑިފަރެންޓް. އައި ހޭޓް އިޓް." މާޔަލްގެ ކަރުދޮށުން ވަސްގަންނަމުން އައިރިކް ބުނެލިއެވެ. މަޑުމަޑުން އައިރިކްގެ މޭގައި އަތްއަޅައި މާޔަލް ކޮށްޕާލިއެވެ. ދުރުވެލާފައި ވެސް އިހުނަށްވުރެ އައިރިކް ކައިރިވެލިއެވެ. މާޔަލްގެ އުނަގަނޑާ ދިމާއިން ދޮރުފަތުގައި ދެއަތް ވިއްދާލައިގެން ހުރިއިރު އައިރިކްގެ ކޮށީގައި މާޔަލް ބަންދުވެފައި ހުރި ކަހަލައެވެ.
"އައިރިކްއެއްނު ބުނީ ނުބައިވަސް ދުވައޭ." މާޔަލް ބުންޏެވެ.
"މިހާރު ކަމުގޮސްފި." މާނަފުން ގޮތަކަށް އައިރިކް ބުންޏެވެ.
"މީ ކާކުގެ އަތްދަބަހެއް." ކޮޓަރީގެ ބޭރުން ފަޒްނާއާއެކު ހުރި ޝަހާ ސުވާލުކުރި އަޑު އިވުނެވެ. އެއާއެކު މާޔަލް ކުރިޔަށްވުރެ ވެސް ބޮޑަށް ހާސްވެއްޖެއެވެ.
"ރިކް ރޫމްގަ އުޅެދާނެ. ފަޒްނައްތަ ބަލާލަންވީނު." ޝަހާ ބުންޏެވެ.
"ރިކް..." ހާސްވީވަރުން އައިރިކްގެ ޓީޝާޓުގައި ދެއަތުން މާޔަލްއަށް ހިފާލެވުނެވެ.
"ސްޓޭ ހިއާ." މާޔަލްގެ އަޑުގައިވީ ކަންބޮޑުވުން އައިރިކް ނަގައިގަތެވެ. އޭނާ މާޔަލްއަށް ދުރަށް ޖެހިލިއެވެ. ކޮޓަރީގެ ދޮރުފަތް މަޑުމަޑުން ކަހާލިއެވެ. ކިރިޔާ އޭނާއަށް ނުކުމެވޭނޭ ވަރަށެވެ.
"ރިކް. ކޮޓަރީގަތަ ތިއުޅެނީ." ޝަހާ ވަގުތުން ގޮވާލުމާއެކު ވާހަކަދައްކަން ފެށިއެވެ. އައިރިކް އޭނާގެ ފަހަތުން ކޮޓަރީގެ ދޮރުފަތް ދަމާލުމާއެކު މަޑުކޮށްލީ ދޮރު ކުރިމަތީއެވެ.
"ކީއްކުރަން ތިއައީ." އައިރިކްގެ އަޑުގައިވީ ހަރުކަށިކަމެވެ.
"ނުކުމެވުނީމަ ހިތަށް އެރީ ވަދެލަން. ރިކްއަށް ގޮވާލާފައި ދާންކަމަށް." ޝަހާ ހެދީ ދޮގެކެވެ. އައިރިކްއަށް އެ ވާހަކައިގެ ތެދުކަން ބެލުން މުހިންމެއް ވެސް ނޫނެވެ.
"ކާން ގެންނަންވީތަ؟." ފަޒްނާ އެތަނުގައި ނުހުރެ ދާން ގަސްދުކޮށް އަހާލިއެވެ.
"ނުކާނަން. މާޔާ ވެސް ނެތް." އައިރިކް ބުންޏެވެ. އެހިނދު މާޔާގެ ނަން ޝަހާ ކިޔާލިއެވެ. އޭނާގެ ނަޒަރު ސޯފާގައި އޮތް އަތްދަބަހަށް ދަތުރުކޮށްލިއެވެ.
"ފެންވަރާލަން މިއުޅެނީ. ފަޒްނައްތަ ދާއިރު ޝަހާ ގޮވައިގެންދޭ. ދޮރުތައް ވެސް ލައްޕާލަ ދޭތި." އައިރިކް ބުނެލިއެވެ.
"ރިކް ނުކުންނަންދެން އަހަރެން މަޑުކޮށްލަންތަ؟." ޝަހާ ނިކަން އަވަހަށް ބުންޏެވެ.
"ނޫން." އައިރިކް ބުނެލިއެވެ. އެ މޫނަށް ބަލަން ހުރެ ޝަހާ ތުންފިއްތާލިއެވެ. ނަމަވެސް ގަދަ ހަދާފައި އައިރިކްގެ ކައިރީ ހުންނާކަށް ނުކެރުނެވެ. އައިރިކް ބޭނުންވެއްޖެނަމަ އެ ކޮޓަރިން ޝަހާގެ އަތުގައި ހިފައިގެން ވިޔަސް ނެރޭނެކަން ޔަގީންވާތީއެވެ.
"ރިކް." މަޑުމަޑުން ޝަހާ ގޮވާލިއެވެ.
"ނައު ލީވް." އައިރިކް އަމުރުކުރިއެވެ.
މަސްފެންގަނޑާ ދިމާއަށް ނުކުންނަން ހުރި ދޮރުފަތް ލައްޕާލާފައި ފަޒްނާ އައިސް ދެން ހުރި ދޮރުކައިރީ މަޑުކޮށްލިއެވެ. ޝަހާ ނުކުންނަން ދެނެވެ. އޭނާ ނުކުތުމުން އެ ދޮރުފަތް ވެސް ފަޒްނާ ލައްޕައިފިއެވެ. ހިނދުކޮޅަކަށް މަޑުޖެހިފައި އައިރިކް ހުއްޓެވެ. އޭނާ ހަށިފުރާ ނޭވާއެއް ލިއެވެ. ނިތްކުރީގައި އަތްތިލަ ހިންގާލާފައި ނިތްމަތިން އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ނިދާކޮޓަރީގެ ދޮރު އޭނާ ކަހާލިއެވެ.
"މާޔާ." އައިރިކް ގޮވާލީ ރުޅިވެރިކަމެއްނުވާ މަޑުމައިތިރި އަޑަކުންނެވެ. އޭނާ ކޮޅުކޮޅަށް މޫނު ހިންގާލި ގޮތުން މާޔަލް ހުރި ދިމާއެއް ޔަގީންކުރާ ކަހަލައެވެ. ދޮރާ ތަންކޮޅެއް ދުރުގައި ދެއަތް ފުރަގަހަށް ލައިގެން ފާރުގައި ލެނގިލައިގެން މާޔަލް ހުއްޓެވެ. އައިރިކް އައިސް ސީދާ އޭނާގެ ކައިރީ މަޑުކޮށްފިއެވެ.
"މާދަން... އަހަންނާ ކުރީން ބައްދަލުވި އަންހެންކުއްޖާ ލިބިދާނެތަ؟." އައިރިކް މަޑުމަޑުން ބުންޏެވެ. (ނުނިމޭ)