މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށަނީ

Jul 20, 2022
1

މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖައްސައި އެކަމަށް ހާއްސަ ޕޯޓަލް -- މާވެހި އިފްތިތާހުކޮށްފި އެވެ.

މި ޕޯޓަލް އިފްތިތާހު ކުރީ ރޭ މާލެ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ.

މާވެހި ޕޯޓަލްގެ ހިދުމަތް ލިބޭނީ އައިޑީކާޑު ނަންބަރު ޖަހައި ރަޖިސްޓްރީވުމުންނެވެ. ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ދަތިވާ ވަގުތުތަކުގައި ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް ހެލްޕު ޑެސްކުތަކެއް ވަނީ ގާއިމުކޮށްފަ އެވެ.

ޕޯޓަލް ފަރުމާކޮށްފައިވަނީ ހިދުމަތަކަށް އެދުމުން ސިޓީ ކައުންސިލުން އެކަމުގައި އަމަލުކުރަމުންދާ ގޮތުގެ އަޕްޑޭޓްތައް ބަލައިލެވޭ ގޮތަށާއި ނޮޓިފިކޭޝަން މެސެެޖުތައް ވެސް ލިބޭ ގޮތަށެވެ.

ސިޓީ ކައުންސިލުން ބުނީ މި ޕޯޓަލް އިފްތިތާހު ކުރުމުން ސިޓީ ކައުންސިލްގެ ހުއްދަތައް ދެން ލިބިގެންދާނީ "ޑިޖިޓަލް ޕާމިޓް" އެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ޕާމިޓްގެ ސައްހަކަން ކަށަވަރު ކުރުމަށް އޭގައިވާ "ކިޔުއާރުކޯޑް" ސްކޭން ކުރުމަށްފަހު އެއީ ސައްހަ ހުއްދައެއްނަމަ ސިޓީ ކައުންސިލްގެ ސިސްޓަމުން އެކަން ދެނެގަންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން 90 ޕަސަންޓް ހިދުމަތް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އެގޮތުން އިމާރާތްކުރުމާ ބެހޭ ހިދުމަތްތަކާއި، މަގު ބަންދުކުރުމުގެ ހުއްދައާއި، ފައްތިޔާ އާއި ފަޅުގެ ހިދުމަތްތަކާއި، މިސްކިތްތަކަށް އެހީތެރިވެވޭނެ ގޮތްތަކާއި، ބިމާ ބެހޭ ހިދުމަތްތަކާއި، ކުއްޖަކު އުފަންވުމުން ސިޓީ ކައުންސިލް މެދުވެރިކޮށް ބޭނުންވާ ހިދުމަތްތަކާއި، މާލޭގެ ގެއެއްގައި ރަޖިސްޓްރީވުުމަށް ބޭނުންވާ ހިދުމަތާއި، އެއްވެސް ޕާކެއް ނުވަތަ މައިޒާނެއް ކުއްޔަށް ހިފަން ބޭނުންވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ މީހުންނާ ގުޅޭ މިލިއަނަކަށް ވުރެ ގިނަ ކުރެހުންތަކާއި އެކި ރަޖިސްޓްރީތައް ވެސް ޕޯޓަލްގެ ޑޭޓާ ބޭސް އަށް އަޅައި އެ މައުލޫމާތު ބޭނުންވާ ކަމާ ގުޅޭ ބޭފުޅުންނަށް ލިބޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށެވެ.