ވިލިމާލެ

ވިލިމާލޭގެ ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ

Jul 20, 2022
1

ވިލިމާލޭގައި މީހުން މޫދަށް އެރުމަށް ހާއްސަކޮށްފައިވާ ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ނިންމައިފި އެވެ.

މާލޭގެ ރައްޔިތުންނާ އެކު މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ މިމަޝްރޫއު އިއުލާންކޮށްފަ އެވެ.

މަޝްރޫއު އިއުލާންކޮށްދެއްވުމަށްފަހު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގައި މޫދަށް އެރޭ ސަރަހައްދު މިހާރުވެސް ގިނަ ބަޔަކު ބޭނުންކުރާތީ އެ ސަރަހައްދުގައި ވަސީލަތްތައް ގާއިިމުކޮށް މޫދަށް އެރޭ މީހުންނާއި ދަތުރުދާ މީހުން ހިތްހަމަޖެހޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ.

މިބައްދަލުވުމުގައި ވަނީ ވިލިމާލޭގެ ބީޗް ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ ކުރެހުންތައް ދައްކާލާފަ އެވެ.

އެގޮތުން އެ ސަރަހައްދުގައި ދުވަހު ކޮޓަރީގެ ގޮތުގައި ބޭނުންކުރުމަށް 10 ކޮޓަރި އެޅުމަށާއި، ބާބަކިއު އޭރިއާ އެއް ހެދުމަށާއި، ނުކުޅެދޭ މީހުންނަށް ވީލްޗެއާގައި މޫދުގެ ވަކި ހިސާބަކަށް ފޭބުމަށްފަހު މަޑުކޮށްލައިގެން "ވޯޓާ ތެރަޕީ" ނެގޭނެ ގޮތް ހެދުން ހެދުމަށް ނިންމާފައިވެ އެވެ. މީގެއިތުރުން އެ ސަރަހައްދަށް ވަނުމަށް ހާއްސަ ގޭޓެއް ހެދުމަށް ހަމަޖެހިފައިވާއިރު ހިތްފަސޭހަ ވާނެ ގޮތަކަށް ގޮނޑިއާއި މޭޒުތައް ވެސް ބެހެއްޓުމަށް ނިންމާފައިވެ އެވެ.

މުއިއްޒު ވިދާޅުވ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި މިމަޝްރޫއުގެ ބޮޑުބައި ނިންމާނެ ކަމަށެވެ. އަދި ދުވަހު ކޮޓަރިތައް ނިންމުން ކުޑަތަންކޮޅެއް ލަސްވި ނަމަވެސް އެތަންތަން ވެސް ވަރަށް އަވަހަށް ބޭނުންކުރަން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ވަނީ ވިލިމާލެއާއި މާލޭގައި ހުރި ބައެއް މިސްކިތްތަކުގައި ކެމަރާ ހަރުކޮށް ނިމިފައިވާތީ ކެމަރާ ސިސްޓަމް ބޭނުންކޮށްގެން މިސްކިތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި މާލޭގައި ޕޮލިސް ކޮންސްޓެބިއުލަރީ ހިދުމަތް ފެށުންވެސް މިބައްދަލުވުމުގައި ވަނީ އިފްތިތާހްކޮށްފަ އެވެ.