އެމްޓީސީސީ

މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭނީ ދެ ރޫޓަކުން: އެމްޓީސީސީ

Jul 20, 2022

މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭނީ ދެ ރޫޓަކުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މިމަހުގެ 16 ވަނަ ދުވަހު 36 މިނީ ބަސް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އިތުރު ފަސް މިނީ ބަސް މިމަހުގެ ތެރޭގައި ގެންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދެ ރޫޓަކުން ދިނުމަށް ނިންމާފައިވީ ނަމަވެސް އެ ރޫޓުތަކުގެ މައުލޫމާތާއި މިނީ ބަސް ދަތުރުގައި ނަގާނެ އަގެއްވެސް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ.

އެމްޓީސީސީން ބުނީ މުޅި އަލަށް ގެނައި މިނީ ބަސް ތަކަކީ 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށެވެ. މާލޭގައި ހިދުމަތް ދިނުމަށް 12 މިނީ ބަސް ބޭނުންކުރަން ނިންމާފައިވެ އެވެ.

އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތާއި އާރްޓީއެލް ބަހުގެ ހިދުމަތެވެ. މިގޮތުން ހދ. އަދި ހއ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާފައިވާއިރު ށ. އަތޮޅަށް ފެރީގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިިން އަވަސް އަށް ވިދާޅުވީ މި މަހު 31 ހިސާބުގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު 2019 ވަނަ އަހަރުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެ އެވެ. ނަމަވެސް މިނީ ބަހުގެ ހިދުމަތް ފެށުން ވަރަށް ބޮޑަށް ލަސްވެގެން ދަނީ އެކަމަށް ބޭނުންވާ ފައިސާ މުޅިން ހަމަޖެހިފައި ނުވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ ކުރިން ވިދާޅުވެފައިވެ އެވެ.