ހުޅަނގާ ހެދި ރަޝިއާގެ ޝައުގުވެރިކަން ހަމައެކަނި ޔުކްރޭންގެ އިރުމަތީ ދެ އަވަށަށް ދޫކޮށްލައިގެން ފަރުޖެއްސެން ނެތް ކަމަށް ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ އާރުޓީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ލަވްރޯފް ވިދާޅުވީ ޔުކްރޭންގެ ދޮނެސްކާއި ލުހާންސްކަށް ވުރެ އެތެރެއަށް ހަނގުރާމަވެރިން ޖައްސަން ޖެހިދާނެ ކަމަށެވެ.
ލަވްރޯފް ވިދާޅުވި ގޮތުގައި ހުޅަނގުގެ ނުފޫޒާ ހެދި ރަޝިއާގެ ޚާއްސަ އޮޕަރޭޝަނަށް ވަނީ ބުރޫއަރާފަ އެވެ. އޭނާ ވިދާޅުވީ އޮޕްރޭޝަން ނިންމާފައި ރަޝިއާ ސިފައިންނަށް ޔުކްރޭނުން ފޭބޭކަށް އަދި ނެތެވެ.
ހުޅަނގުން ޔުކްރޭނަށް ފޯރުކޮށްދޭ ދުރުރާސްތާ ހަތިޔާރުގެ ސަބަބުން މަސްރަހު މުޅިން ބަދަލުވެފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ލަވްރޯފް ވިދާޅުވި ގޮތުގައި ޔުކްރޭންގެ ޚަރްސޮން ސަރަހައްދާއި ޒަޕޮރިއްޒިއާ އަދި އިތުރު ބައެއް އަވަށްތައް ވެސް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންނަ ޖެހިދާނެ އެވެ. ވަޒީރު އަދި ވިދާޅުވީ ހުޅަނގުން ޔުކްރޭނަށް ގޮތްފޮތް ކިޔައިދޭހާ ހިނދު ރަޝިއާއަށް ގޮތެއް ނިންމަން ދަތިވާނެ ކަމަށެވެ.
މިއީ ޖިއޯޕޮލިޓިކްސް ދަންނަ މީހުން މީގެ ކުރިން ވެސް ބުނެ އިންޒާރުދިފައި އޮތް ވާހަކަ އެވެ. ރަޝިއާ ސިފައިން 2014 ގައި ޔުކްރޭންގެ ކްރައިމިއާއަށް އަރައިގަތް ހިސާބުން ވެސް އޮތީ ރަޝިއާގެ ޝައުގުވެރިކަމާ މެދު ޝައްކު އުފެދިފަ އެވެ.
ރަޝިއާއިން އަދި ޔުކްރޭންގެ އިތުރު އަވަށްތައް އަޅުވެތިކުރާނެ ކަމަށް ކުރިން ވެސް ބުނެވުނެވެ. އެހެންކަމުން މިހާރު އެ ފެންނަނީ ރަޝިއާގެ އަސްލު ޝައުގުވެރިކަން އޮތް ގޮތެވެ.
ލަވްރޯފް ވިދާޅުވި ގޮތުގައި ރަޝިއާ ސިފައިން ޔުކްރޭންގެ އިތުރު އަވަށްތައް ކޮންޓްރޯލް ކުރަން ޖެހެނީ ޔުކްރޭންގައި ވެރިކަންކުރާ މީހެއްގެ ސަބަބުން ރަޝިއަށް ތަކުލީފަކަށް ވެދާނެތީ އެވެ.
ޔުކްރޭންގެ އަވަށްތަކުގައި ބާރުގަދަ ހަތިޔާރު ގޮވާންކޮށް ރަޝިއާއަށް ނުރައްކާ ކުރާ ހިސާބަށް ދިއުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވާެނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.