އެމްޓީސީސީ

ށ. އަތޮޅުގައި މިމަހު ފެރީގެ ހިދުމަތް ފަށަަނީ

Jul 21, 2022

އެމްޓީސީސީން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މިމަހުގެ ށ. އަތޮޅުގައި ފެށުމަށް ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ މިމަހުގެ 31 ވަނަ ދުވަހު ށ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިހާރު އެ ހިިދުމަތް ވަނީ ހއ. އަތޮޅުގައިވެސް ފަށާފަ އެވެ.

މި ދެ އަތޮޅުގައި ވެސް ފުރަތަމަ ކުރިއަށް ގެންދިޔައީ އެއް ހަފްތާގެ ޓްރަޔަލް ދަތުރުތަކެކެވެ.

ށ. އަތޮޅުގައި ރަސްމީކޮށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ ހަފްތާއެއްހާ ދުވަހު ޓްރަޔަލް ދަތުރުތައް ކުރިއަށް ގެންދިއުމަށްފަހު އެވެ.

އާރްޓީއެލްގެ ހިދުމަތުގެ ތެރޭގައި ބަސް ދަތުރުގެ ހިދުމަތް ދިނުންވެސް ހިމެނެ އެވެ. އެގޮތުން މާލެ، ލ. އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފުޅާކުރުމަށް އެމްޓީސީސީން މިހާރު ވަނީ އާ ބަސްތަކެއް ގެނެސް ހިދުމަތަށް ނެރެފަ އެވެ. އަދި މިސަރަހައްދުތަކުގައި މިނީ ބަހުގެ ހިިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.