ވާހަކަ

އިޙްސާސްވޭ

( 19 ޖުލައި 2022 އާ ގުޅޭ )

"މާޔާ." އައިރިކް ގޮވާލީ ރުޅިވެރިކަމެއްނުވާ މަޑުމައިތިރި އަޑަކުންނެވެ. އޭނާ ކޮޅުކޮޅަށް މޫނު ހިންގާލި ގޮތުން މާޔަލް ހުރި ދިމާއެއް ޔަގީންކުރާ ކަހަލައެވެ. ދޮރާ ތަންކޮޅެއް ދުރުގައި ދެއަތް ފުރަގަހަށް ލައިގެން ފާރުގައި ލެނގިލައިގެން މާޔަލް ހުއްޓެވެ. އައިރިކް އައިސް ސީދާ އޭނާގެ ކައިރީ މަޑުކޮށްފިއެވެ.

"މާދަން... އަހަންނާ ކުރީން ބައްދަލުވި އަންހެންކުއްޖާ ލިބިދާނެތަ؟." އައިރިކް މަޑުމަޑުން ބުންޏެވެ.

"މާޔާ... ކީއްވެ ވާހަކަ ނުދައްކަނީ."

އައިރިކްގެ ހިތް އަވަސްވެފައިވިއެވެ. މާޔާގެ މޫނުގައި މިވަގުތުވަނީ ކޮންކަހަލަ އަސަރުތަކެއް ކަމެއް ދެނެގަންނާނޭ ގޮތެއް އައިރިކްގެ ވިސްނުމަކަށް ނައެވެ. މާޔާގެ ހިމޭންކަން ގުޅިފައިވަނީ ކޮންކަމަކާކަމެއް އަދި އެ ހިތާއި ސިކުނޑީގައި ހިނގަމުންދަނީ ކޮންކަހަލަ ޝުޢޫރެއްކަމެއް ލަފާކޮށްލާކޮށްލަން ވެސް އައިރިކް ނުކުޅެދުނެވެ. ލޮލަށް ފެންނަ ނަމަ އޭނާއަށް ނޭނގިގެން އެ އުޅޭ ކަންކަން އެނގުނީހޭ އައިރިކްގެ ހިތަށް އެރިއެވެ. ޔަގީނުން ވެސް މާޔާގެ ސޫރަ އޭނާއަށް ފެންނާނެއެވެ. އެ މޫނަށް އަރާފައިބާ ކޮންމެ ކުލައެއް ތަރުޖަމާކުރެވުނީހެވެ.

"މާޔާ..." އައިރިކް ކުރިޔަށް ނެރިލި އަތުން މާޔާގެ އަތުގައި ހިފައިތޯ ހަރަކާތްކުރަމުން ދިޔައެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ދާދި ގާތުގައި ދިމާ ކުރިމަތީ ބަލަން މާޔަލް ހުއްޓެވެ. ފުރަގަހަށް ލާފައިވާ ދެއަތް ގެނެސް އައިރިކް ދިއްކޮށްލާފައިވާ އަތުގައި ހިފާލިއެވެ. އެހިނދު އޭނާ މާޔަލްއާ އިހުނަށްވުރެ ގާތަށް ޖެހިލިއެވެ. މާޔާގެ ނަމުން ގޮވާލުމާއެކު ވާހަކަދައްކާށޭ އައިރިކް ބުނެލިއެވެ.

"ފުރަތަމަ އިންސާނަކަށް ބަދަލުވޭ. އޭރުން ތިބޭނުންވާގޮތަށް އޭނާ މާދަމާ އަންނާނީ." މާޔަލް މަޑުމަޑުން ބުނެލިއެވެ.

"ވަޓް ޑޫ ޔޫ މީން." ދޭހަނުވެގެން އަހާލާ ފަދައިން އައިރިކް ބުންޏެވެ.

"މިހާރު ހީވަނީ ބީސްޓެއްހެން. ކްލީން ޔޯ ސެލްފް... އިސްތަށިގަނޑާއި ތުނބުޅިމަތިމަހުގެ ތެރޭ ތި މޫނު ފޮރުވާނުލާ. އައި ވޯންޓް ޓު ސީ ޔޯ ފޭސް." މާޔާލް ވާހަކަދައްކަމުން އައިރިކްގެ ދިގުވެ ނިތްކުރިމައްޗަށް ވެރިފައި ހުރި އިސްތަށިތައް މަޑުމަޑުން އެއްފަރާތްކޮށްލިއެވެ. މާޔަލްގެ އިނގިލިތަކުގެ ކޮޅު އައިރިކްގެ ނިތްކުރީގައި ކިރިކިރިޔާ ބީހިލީއެވެ. އެހެންވިޔަސް އެ ލުއިލުއި ބީހިލުން އައިރިކްގެ ހިތުގައި ބޭގަރާރުކަމެއް އުފެއްދިއެވެ. ހިންދިރުވާލެވުމާއެކު އޭނާ ނިކަން އަވަހަށް މާޔަލްއާ ދުރަށް ފަހަތަށް ދެތިންފިޔަވަޅު އަޅައިލިއެވެ. ދެން ނިކަން އަވަހަށް މާޔަލްއަށް އޭނާ ފުރަގަސް ދިނެވެ. މަޑުމަޑުން ކަނާއަތް ގެނެސް މޭގައި އައިރިކް ޖައްސާލިއެވެ. ހިތުގެ ތެޅުން އަވަސްވެލާފައިވާކަން އޭނާގެ އަތްތިލައަށް ވެސް އިޙްސާސް ކުރެވުނެވެ.

"އަހަރެން ބޭރުގަ މި އިނީ." އިރުކޮޅަކު އައިރިކް ހަރަކާތެއް ކުރޭތޯ ނޫނީ އެއްޗެކޭ ބުނޭތޯ ހުރުމަށްފަހު މާޔަލް ބުނެލިއެވެ. އެއާއެކު އައިރިކް މަޑުމަޑުން ބޯޖަހާލައި ހޫން ލައްވާލިއެވެ.

ލައްޕާފައި ހުރި ދޮރުފަތް ކަހާލައި މާޔަލް ނުކުންނަން އުޅެފައި ހުއްޓި އައިރިކްއަށް ބަލާލިއެވެ. އޭނާ ހުރިގޮތަށް ހުރީއެވެ. މާޔަލް ކުރުފިޔަވަޅުތަކެއްގައި ނުކުމެގެން އައިސް ސޯފާގައި އިށީނެވެ. ސޯފާ މަތިން އޭނާގެ އަތް ދަބަސް ނެގިއެވެ.

"ޝަހާ... އެއީ ކާކު؟. އަހަންނަށް އެނގިގެން މީ ދެވަނަ ދުވަސް އޭނާ ރިކް ހޯދައިން މިބަޔަށް އައި. ރިކް އެހާ ހަރުކަށިކޮށް އޭނާއާ ވާހަކަދައްކަނީ ކީއްވެ؟. ކޮޓަރިން ބޭރުގައި ހުރެ ދެއްކި ހުރިހާ ވާހަކައެއް އަހަންނަށް އަޑުއިވުނު. އަހަންނަށް އިވުނަސް ރިކްއަށް ވަރިހަމަ ކަހަލަ. ރިކްއާ ގާތް ނޫންނަމަ އޭނާއަށް ރިކް އުޅޭ ބަޔަށް އަންނާކަށް ނޭނގޭނެ. މިއަދު... ރިކްއާއެކު ކޮޓަރިތެރެއިން އަހަރެން ފެނުނުނަމަ ކިހިނެއްވާނީ. ބަޔަކު އަންނަކަން އެނގި ރިކް ކީއްވެ އަހަރެން ކޮޓަރިއަށް ވެއްދީ. އެ ސިކުނޑީގަ ހިނގަނީ ކޮންކަހަލަ ޚިޔާލުތަކެއް. ރިކް ބޭނުންވަނީ ކޮންކަމެއްކަން އަހަންނަށް އޮޅިއްޖެ..." ޚިޔާލުތަކުގައި އިނދެވުނު މާޔަލްގެ ލޮލުގައި ދޮރުތައް އަޅައިގަތުމާއެކު ފުންމައިގެން ތެދުވެވުނެވެ. ހަލުވިކޮށް އައިސް އެބަޔަށް ވަދެގެން ހުރި ދެ ދޮރު ހުޅުވާލިއެވެ. ހުރިހާ ފިކުރުތަކެއް އެއްފަރާތްކޮށްލުމަށްފަހު އަލުން ސޯފާގައި މާޔަލް އައިސް އިށީނދެއްޖެއެވެ. މެންދުރު ބްރޭކެއް ނެގުމުގެ ކުރީން ކުރަމުންދިޔަ މަސައްކަތަށް މާޔަލް އެނބުރިލިއެވެ. އައިރިކް ކިޔާދީފައިވާހެން މަސައްކަތުގައި އޭނާ މަޝްޢޫލުވެއިނެވެ.

ހިމޭންކަމުގައި މަސައްކަތަށް ގެއްލިފައި މާޔަލް އިންނަތާ އިރުގަނޑެއްފަހެވެ. އޭނާ އިސްއުފުލާލީ މީހަކު އޭނާއަށް ބަލަން ހުރިހެން ހީވެގެންނެވެ. މަސްފެންގަނޑާ ދިމާއަށް ނުކުމެވެން ހުރި ދޮރު ކައިރީ މަޑުކޮށްލައިގެން ހުރި އަންހެންކުއްޖާ ފެނުމާއެކު މާޔަލް ދިޔައީ ސިއްސައިގެންނެވެ. މާޔަލްއަށް ނަޒަރު ހުއްޓާލައިގެން ހުރީ ޝަހާއެވެ. އަތުގެ އިޝާރާތުން އޭނާ މާޔަލް ގާތު އަންނާށޭ ބުނާ ފަދައިން ހަނާ އަޅާލިއެވެ. މާޔަލް ތެދުވަމުން އައިރިކްގެ ކޮޓަރިއާ ދިމާއަށް ބަލާލިއެވެ. އައިރިކްގެ ހިލަމެއްނުވެއެވެ. އޭނާ ނުކުންނާނޭ ކަމެއް ވެސް ނޭނގެއެވެ.

"ހާއި... ބިޒީތަ؟." ދޮރާ ހަމައަށް މާޔަލްއަށް އާދެވުނު ހިނދު ޝަހާ ވާހަކަދެއްކީ ނިކަން ފުޅާ ހިނިތުންވުމަކާއެކުއެވެ.

"މަސައްކަތެއްގަ އިނީ." ރައްދުގައި ހިނިތުންވުމެއް ބަދަލުކޮށްލައިގެން ހުރެ މާޔަލް ބުންޏެވެ.

"މާޔާ ދޯ ކިޔަނީ... ކޮބާ އައިރިކް؟. އޭނާ ކީއްވެ މާޔާއާއެކު ނެތީ." ޝަހާ އަހާލިއެވެ.

"ބޮސް ކޮޓަރީގައި އެބައުޅޭ. ކުރަންވީ މަސައްކަތް ކިޔާދީފަ އޮތީމަ އަބަދު ކައިރީގަ ބޮސް އިނުން މުހިންމެއްނޫން. ބޮސްއަށް ގޮވާލަ ދޭންވީތަ؟." މާޔަލް ބުންޏެވެ.

"ގޮވާލާނެކަމެއްނެތް. ގެއަށް ދަމުން ހަމަ ބަލާލީ ރިކް ކޮބާތޯ. އަހަންނަށް ކިޔަނީ ޝަހާ. އަހަންނާ ބެހޭ ގޮތުން ރިކް އެއްވެސް ވާހަކަދެއްކިތަ؟." ޝަހާ އެންމެ ފަހުން ކޮށްލި ސުވާލާއެކު މާޔަލް މަޑުމަޑުން ބޯހޫރުވާލީއެވެ.

"އަހަރެމެން ކައިވެނި ކުރާން މިއުޅެނީ." ޝަހާ ބުންޏެވެ. އޭނާގެ ގަސްދަކަށްވީ އައިރިކްއާއި އޭނާއާ ދެމެދު އޮތް ގުޅުން މާޔަލްއަށް ބުނެދިނުމެވެ. ހުރަސްނުކުރާންވީ ރޮނގެއް ދަމާލުމެވެ.

"ޝަހާ." ކުއްލިއަކަށް ދެ އަންހެންކުދީންނަށް އެއްފަހަރާ ބަލާލެވުނީ އައިރިކްގެ ހަރުކަށި ބާރު އަޑު އިވިފައެވެ. ނިކަން އަވަހަށް މާޔާއަށް އައިރިކް ގޮވާލިއެވެ. އެއާއެކު ޝަހާގެ ކައިރީ ހުރެފައި މާޔަލް އަތުވެއްޖެއެވެ. ކުރާނޭ ކަމެއް ނެތުނީތޯ އައިރިކް އަހާލި ގޮތުން މާޔަލް ވަގުތުން ނަގައިގެންފިއެވެ. އަވަސްއަވަހަށް އައިސް ސޯފާގައި އިށީނެވެ. ސިއްރުން މާޔަލް ބަލަން އިންދާ އައިރިކް ނުކުތީ ބޭރަށެވެ. އޭނާއާއެކު ޝަހާ ވެސް ދިޔައީއެވެ. މިފަހަރު އެ ދެ މީހުންގެ އަޑެއް މާޔަލްއަށް އިވޭގޮތެއް ނުވިއެވެ.

އައިރިކް އެނބުރި ވަދެގެން އައިސް މާޔަލް އިން ސޯފާގެ އެއްކޮޅުގައި އިށީނެވެ. މަސައްކަތުގެ ވާހަކަތައް އޭނާ ފެށިއިރު އަޑުގައި ހުރީ ސީރިއަސްކަމެވެ. ވެރިޔާގެ ބަހަށް ކިޔަމަންތެރިވާ ފަދައިން އައިރިކްގެ އިރުޝާދުތަކަށް މާޔަލް ބޯލެނބިއެވެ. ހަވީރު ފަހެއް ޖެހިކަން އެނގި މަސައްކަތްތައް ނިންމާލަންވީކަން ބުނީ އައިރިކްއެވެ. އަޑުގަދަ ކުރުމެއް ދެމެދުގައި ނެތެވެ. އެހާއިރު ފާއިތުވެގެން ދިޔައިރު އައިރިކް ކަމަކާ ހިތްހަމަނުޖެހިގެން ނޫޅުމަކީ ވެސް މާޔަލް ސުވާލު އުފެދުނު ކަމަކެވެ. މަސައްކަތަށް ބޭނުންކުރި ފައިލްތަކާއި ލެޕްޓޮޕާއި އެ ނޫން ވެސް އެއްޗެހި ތަރުތީބު ކުރުމަށްފަހު މާޔަލް އަތްދަބަސް ނެގިއެވެ. ފޯނު ނެގީ އައިތަންއަށް މެސެޖުކޮށްލަން ހިތުލައިގެންނެވެ.

"އައިތަން އަންނާނެތަ ބަލާ." އައިރިކް އަހާލިއެވެ. އެހިނދު މާޔަލްއަށް ލިބުނީ ސިހުމެކެވެ. އައިތަންއާއެކު މާޔަލް ގެއަށްދާކަން އައިރިކްއަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އައިތަން އަމިއްލައަށް އެ ވާހަކަ ބުނީބާއެވެ. އަޖައިބުވީވަރުން ދޭނޭ ޖަވާބެއް ވެސް މާޔަލްއަކަށް ނޭނގުނެވެ.

"މާޔާ. ޑޯންޓް ފޯލް ފޯ ހިމް." އައިރިކް މަޑުމަޑުން ބުނެލިއެވެ.

"ދެން ބީސްޓަކަށްތަ ފޯލް ވާންވީ." ހީނލަމުން މާޔަލް ބުނެލީ ސަމާސާއަކަށެވެ.

"ތީ ވަރަށް ރަނގަޅު ގޮތެއް." އައިރިކް ބުންޏެވެ. އޭނާ ވެސް މާޔަލްގެ ސަމާސާގައި ބައިވެރިވީއޭ ހީކޮށް ހޭންފެށިއެވެ. މާޔަލްގެ ހުނުމާއެކު އައިރިކްގެ ތުންފަތް ވެސް ދެމިލައިފިއެވެ.

"ދަނީ... ގުޑް ޑޭ ބޮސް." މާޔަލް ނުކުތުމިގެ ކުރީން ބުންޏެވެ.

"މަޑުކޮށްބަލަ." އައިރިކް ތެދުވިއެވެ. އޭނާގެ ޖީންސުގެ ޖީބުން ފޯނު ނަގައި ދިއްކޮށްލިއެވެ.

"ތި ފޯނު ގެންދަންވީތަ؟." އަދިވެސް ހިނިއައިސްފަ ހުރެ މާޔަލް އަހާލިއެވެ.

"ނަންބަރު... މާޔާގެ ނަންބަރު..." އައިރިކްއަށް ބުނެވުނެވެ.

މާޔަލް ފަސްޖެހުނެވެ. އައިރިކްއަށް ނަންބަރު ދިނުން ރަނގަޅު ޚިޔާލަކަށް ވެދާނެބާއެވެ. ދެ ޚިޔާލެއްގައި ހުރެ އައިރިކްގެ ފޯނުގައި މާޔަލް ހިފިއެވެ. ނަންބަރު ނުދޭން އުޅެފިނަމަ ސަބަބު އެނގެން އައިރިކް ބޭނުންވާނޭކަން މާޔަލްއަށް އެނގެއެވެ. ހަމައެއާއެކު އެވަރު ކުޑަކުޑަ ކަމަކާ އަމިއްލަ ނަފްސުގެ މައްޗަށް ޖެހިލުންވެވެނީ ކީއްވެކަމެއް މާޔަލްއަށް ނޭނގެއެވެ. އައިރިކްގެ ފޯނުގައި މާޔަލްގެ ނަންބަރު ސޭވްކޮށްދިނުމަށްފަހު އަނބުރާ ފޯނު ދީފިއެވެ.

ޕޯޓިކޯގައި މާޔަލް މަޑުކޮށްލައިގެން ހުއްޓެވެ. އައިތަންގެ ކާރު ގޭތެރެއަށް ވެއްދިތަން ފެނުމާއެކު ހަރުފަތްތައް މަތިން ދުވެލާފައި ކަހަލަ ގޮތަކަށް ފައިބައިގެން މާޔަލް އަތުވެއްޖެއެވެ. އައިތަން ކާރުގެ ދޮރުފަތް ހުޅުވާލަންދެން މާޔަލް މަޑެއް ނުކުރިއެވެ. އޭނާ އައިތަންގެ ކައިރިއަށް ކުރިޔަށް އަރައި ހަމަޖެހިލިއެވެ.

"ކިހިނެއް ދިޔައީ ދުވަސް؟." ކާރު ދުއްވާލަމުން އާދައިގެ މަތިން އައިތަން އަހާލިއެވެ.

އައިރިކްގެ ވާހަކަތައް ދައްކަން މިފަހަރު މާޔަލްއަށް ފަސޭހައެއް ނުވިއެވެ. އެހެންވިޔަސް އައިރިކްއާއެކު ދުވަސް ހޭދަވެގެން ދާގޮތް އައިތަންއަށް ކިޔާދިނުމަކީ އޭނާގެ އެ ވަޒީފާގެ އެންމެ މުހިންމު ކަންތަކެވެ. އެ ވިސްނުމުގައި އިނދެ މަސައްކަތަށް އައިރިކް ދޭ ސަމާލުކަން އިތުރުވެއްޖެކަން މާޔަލް ހާމަކުރިއެވެ. އައިރިކްގެ އުޅުން ހުރި ގޮތް ކިޔާދޭކަށް އޭނާއަކަށް ނުކެރުނެވެ. ނަމަވެސް ހިތުގައި ސުވާލު އުފެދުނު ކަމަކަށް ޝަހާގެ މައުޟޫޢުވިއެވެ. އެހެންވެ އައިރިކް އިންނަން އުޅޭ ކުއްޖާ އައޭ މާޔަލް ބުނެލިއެވެ. އައިތަންގެ ފަރާތުން އިޝާރާތެއް ވާނޭ މާޔަލް ހީކުރިއެވެ. ނަމަވެސް އެކަމާ ގުޅިގެން އައިތަން އެއްވެސް އެއްޗެއް ނުބުންޏެވެ. މާޔަލް ދައްކާ ވާހަކަ އަޑުއަހަން އިނީއެވެ.

"އޮފީހުގެ ގާލާ ނައިޓް ވަރަށް އަވަހަށް ބާއްވާނެ. އެ އިވެންޓުގައި ދޮންބެ ބައިވެރިކުރާން އަހަރެން ބޭނުން. އޮފީސް ތެރޭން ނުފެނުނަސް މަސައްކަތާ އަނބުރާ ހަވާލުވެއްޖެކަން ސްޓާފުންނަށް އަންގަން ބޭނުން. މާޔަލްއަށް އެކަން ވެދާނެތަ؟. އެ އިވެންޓުގައި ބައިވެރިވުމަށް ދޮންބެ ޕާސުވެއިޑް ކުރެވިދާނެތަ؟... ގެއިން ބޭރަށް ނުކުންނަން ޚިޔާލު ދޭންވީނު. އަހަންނަށް ހީވޭ މާޔަލް ބުނެފިއްޔާ ދޮންބެ އެއްބަސްވެދާނެހެން. ކެން ޔޫ ޓްރައި." ދޭތެރެއަކުން މާޔަލްއަށް ބަލަމުން އައިތަން ވާހަކަދެއްކިއެވެ.

"ޕްލީޒް މާޔަލް." ޖަވާބެއްދޭން ނޭނގިފައި މާޔަލް އިންނަން ފެށުމުން އައިތަން އާދޭސްކޮށްލިއެވެ. އެހިނދު މަޑުމަޑުން މާޔަލް ބޯޖަހާލީއެވެ. އެ ކުޑަކުޑަ ހަރަކާތުން ވެސް އައިތަން ހިތްހަމަޖެހުނެވެ. އެކަން އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން ރަމްޒުކޮށްދެއެވެ.

* * * * *

ފޯނުކޯލު ނެގުމާއެކު ރަޒާ މޭޒުދޮށުން ތެދުވިއެވެ. އޭނާ މިސްރާބު ޖެހީ ފާޚާނާއާ ދިމާއަށެވެ. ރިސޯޓުގައި ހުރި ބޭބެ އޭނާއަށް ގުޅާނީ ބޮޑުކަމެއް ޖެހިގެންކަން ރަޒާއަށް އެނގެއެވެ. މަމްދޫހުއާ ވާހަކަދައްކަމުން ރަޒާ އައިސް ފާޚާނާ ކައިރީ މަޑުކޮށްލިއެވެ. އޭނާގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ. މަމްދޫހަށް ޖާބިރު ގުޅިކަމާއި ހުރިހާ ކުދީންނާ ވާހަކަދައްކާލާނެ ވަގުތެއް އޭނާ ބޭނުންވާކަމެވެ. ގޭތެރޭގެ ހާލަތާ ބެހޭގޮތުން މަމްދޫހު ސުވާލު ކުރިއެވެ. އޭނާ ރިސޯޓުގައި ހުންނައިރު ގެއަށް ގުޅަނީ އަނބިމީހާއާއި ދަރިފުޅުގެ ހާލު ބަލާށެވެ. ގޭތެރޭގައި ހިނގާ ކަންކަމާ ބެހޭ ގޮތުން ސުވާލުކޮށެއް ނުހަދައެވެ. ލިޔުޝާ ވެސް ގޭތެރޭގެ ޝަކުވާއެއް އޭނާ ކައިރީ ނުކުރެއެވެ. އެހެންވިޔަސް އިނާޔާ ދޭތެރެއަކުން މަމްދޫހަށް ގުޅައެވެ. މަންމަ ކިޔާހާ އެއްޗެއް އަޑު އަހަން ހުންނާނޭ ވަގުތެއް މަމްދޫހަކަށް ނޯވެއެވެ. ގަޑިދެގަޑިއިރު ވިޔަސް އިނާޔާގެ ޝަކުވާތައް ހުސްނުވާނޭކަން ވެސް މަމްދޫހަށް ރަނގަޅަށް އެނގެއެވެ. ކުރު ފޯނުކޯލުތަކުން ގޭތެރޭގެ ހާލަތެއް މަމްދޫހަށް އޮޅުންފިލާވަރެއް ނުވެއެވެ. ބައްޕަގެ ގޮތް މަމްދޫހާއި ރަޒާއަށް ވެސް އެނގެއެވެ. އަދި ގޭތެރޭގައި މިފަހުން އެންމެ ހޫނުވި ކަންތައް މަމްދޫހަށް އެނގެންވާނޭކަން ރަޒާ ޤަބޫލުކުރިއެވެ. ލިޔުޝާއާ ވެސް ގުޅުން ހުރި ކަމެއްވީމާއެވެ. އޭނާ މަމްދޫހަށް ކަންތައްވީގޮތް ކިޔާދިނީ އެހެންވެއެވެ. އެކަން މަމްދޫހަށް ނޭނގޭކަން އެނގުނީ ރަޒާއަށް ކަންތައްވީގޮތް ކިޔާދެވުނީމައެވެ. ލިޔުޝާ އެކަހަލަ އެއްވެސް އެއްޗެއް ނުބުނާކަން މަމްދޫހު ފާހަގަކުރިއެވެ. ޖާބިރު ދައްކަން އެ އުޅެނީ އެ ވާހަކައަށް ވެދާނޭ ރަޒާ ލަފާކުރިއެވެ. މަންމައާއި ބައްޕައާ ދެމެދު ޒުވާބު ހޫނުވިކަން ރަޒާ އިތުރަށް ކިޔާދިނެވެ. ބޭބެ ގާތު ދެ ދުވަހަށް ވިޔަސް މާލެ އައުމަށް ރަޒާއަށް ބުނެވުނެވެ. އެހެންވިޔަސް ޗުއްޓީ ނެގުމަކީ މަމްދޫހަށް ފަސޭހަކަމެއްނޫނެވެ.

"އިރުއޮއްސޭފަހުން އަހަރެން އޯފްވާނީ. ބައްޕައަށް އެ ގަޑީގަ ގުޅާނަން." މަމްދޫހު ފޯނުކޯލު ކަނޑާލުމުގެ ކުރީން ބުންޏެވެ.

* * * * *

ލިފްޓުން ނުކުމެގެން އައިސް އިމާރާތުގެ ބޭރަށް މަލަކް ނުކުތެވެ. ދުވާރުކައިރީ ސައިކަލުމަތީ އިން ދައްޔާނު އޭނާއަށް ހަނާ އަޅާލިއެވެ. ނަޒަރު ސީދާވެލި ހިނދު ދެ ޒުވާނުންގެ ހިނިތުންވުން ފުޅާވެލިއެވެ. މަލަކް އައިސް ދައްޔާނުގެ ސައިކަލު ފަހަތަށް އެރިއެވެ. އެ މަންޒަރު އެވަގުތު އިމާރާތުގެ ކައިރިއަށް މަޑުކޮށްލި ކާރުގެ ތެރޭ އިން މާޔަލްއަށް ފެނުނެވެ.

"ކިހިނެއްވީ؟." މާޔަލް ކަމަކަށް ގެއްލިފައި އިންހެން ހީވެ އައިތަން އަހާލިއެވެ.

"ކަމެއްނުވޭ... ދަނީ." މާޔަލް އަވަސްއަވަހަށް ކާރުން ފޭބީއެވެ. އައިތަން ވެސް މަޑެއްނުކުރެއެވެ. އޭނާ ކާރު އަނބުރާލުމާއެކު އައިކޮޅަށް ދާން ނައްޓާލިއެވެ. މާޔަލްއަށް އިރުކޮޅަކު ހުރެވުނީ މަލަކް ދިޔަ ދިމާއަށް ބަލާށެވެ.

"މަލްކޮ ނިއު ބޯއިފްރެންޑެއް ނެގީތަ؟." އަމިއްލަ ހިތް ކައިރީ މާޔަލްއަށް އަހާލެވުނެވެ. ސައިކަލުގައި އިން ޒުވާނާ މާޔަލްއަށް ފެނުނީ ފުރަގަހުންނެވެ. އޭނާގެ ކޮއްކޮއަށް ކަމުދާނީ ކިހިނެއް ތިބޭ ފިރިހެންކުދީންކަން މާޔަލްއަށް ރަނގަޅަށް އެނގެއެވެ. މަލަކް ގެންގުޅޭ ތައްގަނޑަށް އެ ޒުވާނާ ފެތޭކަން ފުރަގަހުން ފެނިފައިވާ ވެސް މާޔަލްއަށް ބުނާން އެނގުނެވެ.

ރޭގަނޑުގެ ވަގުތެވެ. ނިދަން ވަންނަން ދިއުމުގެ ކުރީން އާމާލް އައިސް މާޔަލްގެ ކޮޓަރި ބަލާލިއެވެ. ފުން ނިދީގައި ދަރިފުޅު އޮތްތަން ބަލަން ހުރީ ލުއި ހިނިތުންވުމަކާއެކުއެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުން ހަމައަކަށް އެޅިއްޖޭ އާމާލްގެ ހިތާއި ޟަމީރު ވެސް އެއްބަސްވިއެވެ. އެގޮތުގައި ހިތްހަމަޖެހިފައި އެކުއްޖާ ހުރުމަކީ އާމާލްގެ ދެމަފިރިން އެދޭ ގޮތެވެ. މަޑުމަޑުން ދޮރުލައްޕާލާފައި އާމާލްގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ.

"އައިރިކް..." ދުރުގައި ފުރަގަސް ދީގެން ހުރި ޒުވާނާގެ ކައިރިޔަށް އާދެވުނު ހިނދު މާޔަލްގެ ހިތް ބުނީ އެއީ އައިރިކް ކަމަށެވެ. ވަށައިގެން އެއްވެސް ތަނެއް އޭނާއަކަށް ނުފެނެއެވެ. ހުރެވުނީ ކޮންތާކުކަމެއް ނޭނގެއެވެ. ކުއްލިއަކަށް ރާޅެއް ޖެހި އަޑު އިވުނެވެ. ލޮނުތައް ބުރައިގެން އައިސް އޭނާގެ މޫނުގައި ޖެހުނުހެން އިޙްސާސް ވިއެވެ. ދެން ވެސް ތަނެއް ނުފެނެއެވެ. ކުރިމަތީ ހުރި ފިރިހެން މީހާ ފިޔަވައެވެ.

"ރިކް... އިޒް ދެޓް ޔޫ..." ޖެހިލުންވެ ހުރެ މާޔަލް އަހާލިއެވެ.

ވަކި ވަރަކަށްވުރެ ކައިރިއަށް އަންނާކަށް މާޔަލްއަކަށް ނުކެރުނެވެ. އެ ޒުވާނާ ހަރަކާތެއް ވެސް ނުކުރެއެވެ. މާޔަލް ވާހަކަދައްކާ އަޑު އިވޭނޭކަން އެނގެއެވެ. އެހެންވިޔަސް ފަސްއެނބުރި ބަލާލާކަށް ނޫޅެއެވެ.

"ހުވަފެނެއްތަ މީ." މާޔަލް ސުވާލު އުފެދުނެވެ. އެހިނދު ކުއްލިއަކަށް ފުރަގަސްދީގެން ހުރި ޒުވާނާ އެނބުރިލައިފިއެވެ. މޭޖެހުނު ގޮތަށް މާޔަލްއަށް ހަޅޭލަވައިގަނެވުނެވެ. ލެއިންފޯވެފައި ހުރީ އައިރިކްއެވެ. ބިރުވެރި ސިފައެއްގައެވެ. އޭނާގެ ދެ ލޮލެއް ނެތެވެ. ދުއްވައިގަންނަން މާޔަލް އުޅުމުން އައިރިކް ހިފީ އޭނާގެ އަތުގައެވެ. (ނުނިމޭ)